Roadha Mihaaru
ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށްފި

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ

06 އެޕްރީލް 2024

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ މިކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހުން މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.

ރަސްދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އެ ކުއްޖާ އަށް އަނިޔާކުރުމުގައި މުޅިން ވެސް ބައިވެރިވީ ކުޑަކުދިންނެވެ. އެ ކުއްޖާ އަކީ އެ އަތޮޅު މަތިވެރި ކުއްޖެއް ކަމަށާއި އެ ކުއްޖާ ރަސްދު އަށް ދިޔައީ އާއިލާ އެކު ޗުއްޓީ އަށް ކަމަށް އޭނާ ބުންޏެވެ.

މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއް އިން ވެސް، އެ މިސްކިތުގައި ނަމާދުކުރާ އަޑު އިވެ އެވެ.

ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ވެސް ކުރެ އެވެ.

ކުއްޖާ އަށް އަނިޔާކުރި މައްސަލާގައި ރަސްދޫގެ އާންމުން ވަނީ ކުއްޖާ އަށް އަނިޔާކުރުމުގައި ބައިވެރިވި ކުދިންގެ ގެތައް ކައިރިއަށް މިރޭ ދަންވަރު އެއްވެ ނުރުހުން ވެސް ފާޅުކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ އއ. ރަސްދޫގައި ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފެންމަތިވުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވެސް މިރޭ އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.

"ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި. މިކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.