Roadha Mihaaru
ޓެކްސީތަކުން ދެގުނަ ބޮޑުކޮށް އަގު ނަގަނީ!

ހުއްދަ ދޫކޮށްފައި އޮތް އަގު ދޫކޮށްލައި ޓެކްސީތަކުން ދެ ގުނަ ބޮޑުކޮށް އަގު ނަގަނީ!

31 މާޗް 2024

މާލެ އާއި ހުޅުލެ/ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް، ގަވާއިދުގައި ކަނޑައަޅާފައި އޮންނަ އަގަށް ބެލުމެއް ނެތި ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއް ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ އާއި ހުޅުލެ/ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް، ގަވާއިދުގައި ކަނޑައަޅާފައި އޮންނަ އަގަށް ބެލުމެއް ނެތި ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއް ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް އެދި 2022 ވަނަ އަހަރު ޑްރައިވަރުން އިހުތިޖާޖު ކުރުމުން ދަތުރު ފީ އޮތީ ބޮޑުކޮށްދީފަ އެވެ. އެއީ މާލެ އިން ހުޅުމާލެ އެކަކަށް 85 އަދި ހުޅުމާލެ ދެއަކަށް 100ރ. އެވެ. މާލެ އިން ވެލާނާ އެއާޕޯޓަށް 70ރ. އެވެ. ހުޅުމާލެ އެކަކުން އެއާޕޯޓަށް 80ރ. އަދި ހުޅުމާލެ ދޭކުން އެއާޕޯޓަށް 85ރ. އެވެ.

ދަތުރުތައް ކުރެވޭނީ މި އަގަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި އޮއްވައި އަނެއްކާވެސް ޑްރައިވަރުން ދަނީ ދަތުރަކަށް ބޮޑު އަގު ނަގަމުންނެވެ.

މި ޝަކުވާކުރި ބައެއް މީހުން ބުނި ގޮތުގައި، މިއަދު ހެނދުނު ވެސް އެއާޕޯޓުން ހުޅުމާލެ އަށް ދާން ބައެއް ޑްރައިވަރުން ޑިމާންޑުކުރީ 200ރ. އަށެވެ. މިއީ ހުއްދަ ދޫކޮށްފައިވާ އަގަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެހާ ބޮޑު އަގަކަށް ފާޅުގައި ޑިމާންޑު ކުރިއިރު، ދަތުރަކަށް ނެގޭނެ އަގުތައް އެއާޕޯޓުގައި ބޯޑު ވެސް ހަރުކޮށްފައި ހުރެ އެވެ.

"އެއާޕޯޓުން ހުޅުމާލެ އަށް ދާން ޓެކްސީއެއް ނަގަން އުޅުނު ޓޫރިސްޓެއްގެ ކައިރީގައި ވެސް ޑްރައިވަރަކު މިއަދު ބުނީ 65 ޑޮލަރު (925ރ.) އޭ ނަގާނީ. އެކަމަކު، އޭނާ އެ ޑްރައިވަރު ކައިރީގައި ބުނީ ތިމަންނަ އަށް އެނގެއޭ އަސްލު އަގު. އެހެންވެ އެ ޑްރައިވަރަށް އެ ކަން ކާމިޔާބެއް ނުވި،" މިއަދު ހެނދުނު އެއާޕޯޓުގެ ޓެކްސީ ސްޓޭންޑުގައި ހުރި މީހަކު ކިޔައިދިނެވެ.

ޑްރައިވަރު ދޭން ބުނި މި އަގަށް އެނގިފައިވާ ގޮތުގައި އެ ޓޫރިސްޓު ދަތުރެއް ނުކުރި އެވެ. އެ އަގުގައި ދަތުރުނުކުރީ، ހުއްދަ ދޫކޮށްފައިވާ އަގުތައް ފެންނަން ހުރިއިރު، އެއީ މާބޮޑު އަގު ކަމަށް ބުނެ އެވެ.

އެކި ޑްރައިވަރުން ދަތުރަކަށް އަގު ކިޔަނީ އެކި ވަރަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމަޔަށް ޓެކްސީތަކުގައި ވަދެވޭ ގޮތަށް ހެދުމުން ޓެކްސީގައި އެ ތަނަށް ދިއުމަށް ވެސް އިތުރު 30ރ. ނަގަ އެވެ.

މިއީ ވެސް ހުއްދަ ދީގެން ނަގާ އަގެއް ނޫނެވެ. މި އަގު ނަގަނީ ޑްރައިވަރުން ބުނާ ގޮތުގައި ވަށާލާފައި ޑޮމެސްޓިކް ޓާމިނަށް ދާން ޖެހޭތީ އެވެ.

ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެއްވެސް ޓެކްސީއަކަށް އަގު ބަދަލު ކުރަން އަންގާފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް ވާހަކަ އެއްވެސް ނުދެއްކެވޭ ކަމަށް ވިދާޅުވި އެވެ.

ބައެއް ޓެކްސީތަކުން ބޮޑު އަގު ނަގާ މައްސަލާގައި އޭނާ ވިދާޅުވީ އެ ގޮތަށް ނަގަނީ ދެފަރާތުން އެއްބަސްވެގެން ކަމަށެވެ.

"އަޅުގަނޑަށް ބޮޑަށް ހީވަނީ ދެ ފަރާތުން އެއްބަސްވެގެންހެން އެ ގޮތަށް އަގު ނަގަނީ. އެއީ ޑްރައިވަރުން ވެސް އަގު ކިޔާފާނެ ޓްރެފިކް ބާރު ބޮޑުވުމުން، އެ އަށް ބެލުމަށް ފަހު. އެކަމަކު އަޅުގަނޑުމެން އަގެއް ބޮޑެއް ނުކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަވާދު އަޔާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުން އެކި އަގު ނަގާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށާއި އެއީ ޑްރައިވަރުން އަމިއްލަ އަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ އެމްއޭސީއެލްއާ އެކު، އެ މައްސަލަ ހައްލު ކުރުމަށް ރިޕޯޓް ކުރެވޭ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ޓެކްސީ ކިޔުގައި ޖަހަންވީ ބޯޑުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އޭގެ މަސައްކަތް ނިމުމުން ދަތުރު ތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާއެކު އޭގަ އިންނާނެ ކިޔުއާރު ކޯޑެއް. ބޮޑު އަގު ނަގާ ޓެކްސީތައް ވަގުތުން ހަމަ އާންމު މީހާ އަށް ރިޕޯޓު ކޮށްލެވޭނެ އެ އިން. އެ ބޯޑުތައް ހަރުކުރެވި ވަރަށް އަވަހަށް އެކަން ފެށޭނެ ކަމަށް މި ބަލަނީ،" އަވާދު ވިދާޅުވި އެވެ.

ޑޮމެސްޓިކް ޓާމިނަލުން ޓެކްސީއަކުން ފައިބައިގެން ފަސިންޖަރަކު ދަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑޮމެސްޓިކް ޓާމިނަލުން ޓެކްސީއަކުން ފައިބައިގެން ފަސިންޖަރަކު ދަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޓެކްސީގެ އަގުތަކަށް އެންމެ ފަހުން ގެނައި ބަދަލުތައް:

- މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް، 30ރ. (ކުރިން 25ރ.)

- މާލެ- ހުޅުމާލެ ފިޔަވަހި އެކަކަށް، 85ރ. (ކުރިން 75ރ.)

- މާލެ- ހުޅުމާލެ ފިޔަވަހި 2 އަށް 100ރ.

- މާލެ- ހުޅުލެ އަށް 70ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެ އަށް 80ރ.

- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެ އަށް 85ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް 40ރ.