Roadha Mihaaru
"ވޭނެއް ނޫން، ގަބޫލުކުރަނީ މިއީ ރަހުމަތެއް ކަމަށް"

"ވޭނެއް ނޫން، ގަބޫލުކުރަނީ މިއީ ރަހުމަތެއް ކަމަށް"

28 މާޗް 2024

ކުދިންނަށް ކިޔަވައިދިނުމުގައި އުޅޭތީ ޒަމީނާ ހަސަން އުއްމީދުކޮށްގެން ހުރީ ކައިވެންޏަށް ދެ އަހަރު ފަހުން ލިބޭ އަލަތު ދަރިފުޅު ސްކޫލުން ރަން ވަނަ ހޯދައި، ކުޅިވަރުގައި ވިދާލާނެ ކަމަށެވެ. އެއަށްވުރެ ބޮޑަށް، އާއިލާއަށް 18 އަހަރު ފަހުން މާމަ ކިޔާ ކުއްޖަކު ލިބޭތީ، ޒަމީނާގެ މުޅި އާއިލާ ވެސް އޮތީ އެކަމަށް ތައްޔާރުވެގެންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުދިންނަށް ކިޔަވައިދިނުމުގައި އުޅޭތީ ޒަމީނާ ހަސަން އުއްމީދުކޮށްގެން ހުރީ ކައިވެންޏަށް ދެ އަހަރު ފަހުން ލިބޭ އަލަތު ދަރިފުޅު ސްކޫލުން ރަން ވަނަ ހޯދައި، ކުޅިވަރުގައި ވިދާލާނެ ކަމަށެވެ. އެއަށްވުރެ ބޮޑަށް، އާއިލާއަށް 18 އަހަރު ފަހުން މާމަ ކިޔާ ކުއްޖަކު ލިބޭތީ، ޒަމީނާގެ މުޅި އާއިލާ ވެސް އޮތީ އެކަމަށް ތައްޔާރުވެގެންނެވެ.

އެކަމަކު، އެގޮތަށް ކަމެއް ނުވި އެވެ. ޒަޔާން އިސްމާއިލް ޝަރީފު ހެދިބޮޑުވުމުގައި ލަސްތަކެއް ހުރުމާއި ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ހުރުމުން ޑޮކްޓަރަށް ދެއްކި އެވެ. އެ ކުއްޖާއަށް ދެ އަހަރުގައި މާލެއިން ހެދި ޓެސްޓުތަކުން ޑޮކްޓަރުން ޔަގީންކޮށްދިނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހެދި ބޮޑުވުމުގައި ބައެއް ކުދިންނަށް ދިމާވާ ހާލަތްތައް ތަފާތުވާނެކަން ޑޮކްޓަރުން ވިސްނައިދިނުމުން، ޒަމީނާ އެނބުރި އައީ މި ރަށަށެވެ.

އޭރު ހަގު ދަރިފުޅު، ޒަރާ ލިބިއްޖެ އެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ވެސް ޒަޔާންގެ ހާލަތަށް މާ ބަދަލެއް ނާދެ އެވެ. އެކަމަކު، ޒަރާ ހިނގައި، ދުވެ އުޅެން ފަށައިފި އެވެ. ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ވިސްނުން އައީ އެ ހިސާބުންނެވެ.

ޒަމީނާ އަދި އޭނާގެ ދޮށީ ދަރިފުޅު، ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަމީނާ އަދި އޭނާގެ ދޮށީ ދަރިފުޅު، ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަޔާނަށް ހަތަރު އަހަރުގައި އިންޑިއާއަށް ގޮސް ހެދި ބަޔޮޕްސީން އެނގުނީ މަސްކިއުލާ ޑިސްޓްރޮފީ ކިޔާ ބައްޔެއް ޖެހިފައިވާ ކަމެވެ. ޒަމީނާގެ ދެމަފިރިން ކުރަމުންދިޔަ އުއްމީދުތައް ފެނަށް ދިޔައީ އެވެ.

"ހުއްޓިގެން ހުންނާނީ. ހިނގާއިރު ވެސް އިންބެލެންސް ވެފައި ހުންނާނީ. ކިރިޔާ ވެސް މީހަކު ނޭނގި ޖެހިއްޖެއްޔާ ވެއްޓޭނެ. ބެލެންސެއް ނުހުރޭ ގައިގައި. ސްޓެޕް ހުންނަ ތަންތަނަކަށް ވެސް ނާރާނެ ކުޑައިރު. އެނދަކަށް ވެސް ނާރާނެ އަމިއްލައަށް. މީހަކު އައިސް އަރުވަން ޖެހޭނީ...މި ފަހަކަށް އައިސް ޒަޔާން އެކަނި ނުބޭއްވެނީ. އެއްވެސް ވަރަކަށް ނުހިނގި، ތެދުވެގެން ނުދެވި، މިކަންކަން ނުކުރެވި. އަޅުގަނޑު ވަރަށް އުއްމީދުކުރިން އަޅުގަނޑުގެ ދަރިފުޅަކީ ސްކޫލުގައި ކިޔަވަން މޮޅު، ކުޅިވަރު ހަރަކާތްތަކުގައި ވެސް އުޅެވޭ. އެކަމަކު، އަޅުގަނޑުގެ ހުރިހާ އުއްމީދުތަކެއް ފެނަށް ދިޔައީ، އުމުރުން ހަތަރު އަހަރުގައި އޭނާގެ ބަލި އެނގުނު ހިސާބުން." މިއަދު 18 އަހަރު ފުރުނު ޒަޔާނާއެކު، ހަވީރު ފިންޏަށް ގެއިން ބޭރަށް ނުކުމެ އުޅެމުން "މިހާރު"އާ ވާހަކަދައްކަމުން ޒަމީނާ، 46، ބުންޏެވެ.

ހަތަރު އަހަރުން ފެށިގެން ނުވަ އަހަރާ ދޭތެރޭގައި ހަ ފަހަރަށް އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކި އެވެ. ނުވަ އަހަރަށްފަހު ރަނގަޅަށް ނުހިނގޭނެ ކަމަށް އެ ޑޮކްޓަރުން ބުންޏެވެ. އެހާ ހަމައަށް ޒަޔާނަށް ކޮންމެ ވެސް ވަރަކަށް ހިނގުނަސް، ފައިތިލަ އެއްކޮށް ޖައްސައިގެން ނުހިނގެ އެވެ. ރަނގަޅަކަށް ބެލެންސް ނުކުރެވެ އެވެ. ކުރިން ފާހަގަކުރެވުނީ ޒަޔާންގެ އުނަގަނޑުން ތިރިން ވާގި ނުހުންނަ ކަމަށެވެ. އެކަމަކު، މިހާރު ގައިގެ އެއްވެސް ތަނެއްގައި ވަރެއް ނުހުރެ އެވެ. ނިދަން އޮށޯވެފައި، އަނެއް ކޮޅަށް ޖެހެން ބޭނުންވިޔަސް ޖެހެނީ މަންމަ ނުވަތަ ބައްޕައަށް ގޮވާށެވެ.

"ބުނީ ނުވަ އަހަރުވާއިރު، މިހާރު ވެސް ހިނގާ ވަރަކަށް ނުހިނގޭނެއޭ. ގެންގުޅޭށޭ ދެން. އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެއް ނެތޭ. ގާތްގަނޑަކަށް ނުވަ އަހަރާ ތިން މަސްވިތަނާ މީނަ ހަމަ ފޭޑްވީ. އޭގެ ކުރިން ވެސް އަމިއްލައަކަށް ނޫޅެވޭނެ. މީހުންގެ އެހީތެރިކަމާއެކު އުޅެނީ. އެއްރޭ ނިދަން އޮވެފައި، ތެދުވެފައި ބުނީ، މަންމާއޭ، އަޅުގަނޑު ފާހަނާއަށް ގެންގޮސްބަލާށޭ. އަޅުގަނޑު ކިހިނެއްވީހޭ އެހީމަ ބުނީ އެނދުމަތިން ތެދުވަން އުޅެނިކޮށް ވެއްޓޭހެން ހީވަނީއޭ. އެ ހިސާބުން އެނގުނީ ފިޔަވަޅެއް ނޭޅޭކަން." މި ރަށު ސްކޫލުގެ ގްރޭޑު 3-6 އަދި 9 ގެ ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ޒަމީނާ ބުންޏެވެ.

ޒަޔާންގެ ފައިތިލަ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޒަޔާންގެ ފައިތިލަ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަށް އަހަރު މިވީ އުފުލައިގެން ގެންގުޅޭތާ. އިތުރު ޗޮއިސެއް ނޯވޭ. އަޅުގަނޑު މާލެ ގޮސްފައި ވެސް ފިޒިއޮ ދެން. އެކަމަކު، މާލޭގައި އުޅެން ދަތިވީމަ ރަށުގައި މި އުޅެނީ."

"ދަރިފުޅު ފެންބޯން ވިޔަސް މީހަކު އިންނަން ޖެހޭނެ، 24 ގަޑިއިރު ހިދުމަތްދޭންޖެހޭ."

ޒަމީނާ ބުނީ އެ ބައްޔާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދިއިރު އެއީ، ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއްކަން އެނގުނު ކަމަށެވެ. އާއިލާގެ ފަރާތުން ވާރުތަވާ އެ ބަލި ބޮޑަށް ޖެހެނީ ބައްޕަގެ ފަރާތުންނެވެ. އޭނާގެ އާއިލާގައި އެ ބަލީގެ މީހަކު ކުރިން ހުރި ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް، ޒަޔާން ބައްޕަގެ ޓްވިންސް ކުޑައިރު މަރުވީ އެ ފަދަ ކަމެއްގައި ކަމަށް އެ އާއިލާއިން ކިޔައިދީފައިވާ ކަމަށް ޒަމީނާ ބުންޏެވެ. އެހެންވެ، އޭނާ ވަނީ، އާއިލާގެ މީހަކަށް ފިރިހެން ކުއްޖަކު ލިބިއްޖެނަމަ އެ ބައްޔަށް ޓެސްޓުކުރަން އެދިފަ އެވެ.

ޒަޔާން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޒަޔާން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ބައްޔަށް ފަރުވާއެއް ލިބޭތޯ ނުވަތަ ކުރެވޭނެ ކަމެއް އޮތްތޯ ބަލަން އެކި ތަންތަނަށް ލިޔުންތައް ފޮނުވައިފި އެވެ. ޒަމީނާ ބުނީ މަސްގަނޑު ވަރުދެރަވުމުގެ މައްސަލައަށް ޗައިނާގެ ހޮސްޕިޓަލަކުން، ވަރަށް އަގުބޮޑު ސްޓެމް ސެލް އިންޖެކްޝަން ޖަހައިދޭ ކަމަށެވެ. އެހެންވެ، އެ ހޮސްޕިޓަލަށް ލިޔުންތައް ފޮނުވިއަސް އަދި ޖަވާބެއް ނުލިބެ އެވެ. އެކަމުގެ ފަރުވާ ލިބޭނެ ތަނެއް އެނގޭނަމަ، އެކަން ހިއްސާކޮށްދިނުމަށް އެ އާއިލާއިން އެދެ އެވެ.

ރަށު ސްކޫލުން މިދިޔަ އަހަރު ގްރޭޑު 10 ނިންމީ، ކޮންމެ ދުވަހަކު ފުރޮޅުލީ ގޮނޑީގައި ސްކޫލަށް ގެންގޮސްގެންނެވެ. ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފިރިމީހާއާ ދެ މީހުން ދަންފަޅި ބަހާލައިގެން ކަހަލަ ގޮތަކަށް، ޒަޔާންގެ ހިދުމަތުގައި ތިބޭތާ މިއަދަށް ބަރާބަރު 18 އަހަރު ފުރުނީ އެވެ. ޒަމީނާގެ ހިތްވަރަށް ބަދަލެއްނައި ކަމުގައި ވިއަސް، އޭނާގެ ހިތުގައި އަޅާ ވޭން ވަރަށް ބޮޑެވެ.

ޒަމީނާ ވާހަކަދައްކާއިރު، ޒަޔާން އަޑުއަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޒަމީނާ ވާހަކަދައްކާއިރު، ޒަޔާން އަޑުއަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަސްލު ވަރަށް ސްޓެސްގައި މި އުޅެނީ. އެކަމަކު، މީހަކަށް ބަލާލީމަ ނޭނގޭނެ އަޅުގަނޑު ހިތުގައި އަޅާ ވޭންތަކެއް އިންސާނަކަށް. އަޅުގަނޑު ބޭނުމެއް ނުވޭ އެހެން މީހުންނަށް އޭތި ފީލްކޮށްދޭކަށް. އެހެންވެ، ކޮންމެ ދުވަހަކު ވެސް ހަވީރު ދަނީ ބޭރަށް. އެއާޕޯޓު ކައިރީގައި ދުވެން އުޅޭއިރު ޒަޔާން އުޅޭނެ ގޮނޑި ދުއްވާލަން." އޭނާ ބުންޏެވެ.

ޒަޔާން ބޭނުންކުރަނީ ބަޓަންއިން ދުއްވާ ކަހަލަ ފުރޮޅުލީ ގޮނޑިއެކެވެ. ނަމަވެސް، އެއީ، ޒަޔާންގެ ސައިޒަށް ވުރެ އެތައް ގުނައެއް ބޮޑު ގޮނޑިއަކަށް ވުމުން، އެ ބޭނުންކުރަން ވެސް ދަތިތަކާ ކުރިމަތިވެ އެވެ. އެހެންވެ، އޭނާގެ ސައިޒާ އެއްވަރުގެ ގޮނޑިއެއް ލިބޭތޯ އާއިލާއިން މަސައްކަތްކުރެ އެވެ.

"މިއީ މި ދުނިޔޭގައި ލެއްވި ރަހުމަތެއް"

އެހެން ކުދިން ހެލިފެޅިވެ އުޅޭއިރު، ޒަޔާން ޖެހެނީ ތަނެއްގައި އިށީނދެގެން ނުވަތަ އޮށޯވެގެން އޮންނާށެވެ. އޭނާއަށް އެ ކުރިމަތިވި ހާލަތާ މެދު ދެރަވެ، އުމުރުން 5-7 އަހަރުގައި އެ ސުވާލުތައް ވަރަށް ސުވާލުކުރި އެވެ.

ތައުލީމީ ދާއިރާގައި 22 އަހަރު ހޭދަކޮށްފައިވާ ޒަމީނާ، އޭނާގެ ދަރިފުޅަށް ވިސްނައިދިނީ ދީނީ ނަޒަރަކުންނެވެ.

ޒަމީނާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޒަމީނާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ދިރިއުޅުމަކީ ތަކްލީފުތައް އަންނާނެ ކަމެއް. އަޅުގަނޑު ޒަޔާނަށް ކިޔައިދިނީ، ޒަޔާނަށް އެހެން ދިމާވީ ބައިވަރު ސަބަބުތައް ހުންނާނެއޭ. މިސާލަކަށް، މިއޮތް ފަދަ ޒަމާނުގައި ގޯސް ތަންތަނަށް ނުދެވުމަކީ ވެސް [ކަމެކޭ] ފީލްކޮށްދޭންޖެހޭނެ ދޯ، އަޅުގަނޑަށް ކުރެވުނު ކުށަކަށް ވެސް ވެދާނެ. މިއީ ބޮޑު ވޭނެއް ކަމަކަށް ނުދެކެން. އަޅުގަނޑު ދެކެނީ މިއީ ދުނިޔޭގައި ލެއްވި ރަހުމަތެއް ކަމުގައި.."

"ދުނިޔެ މަތީގައި މަންމަ ބޭނުންވާ ބައިވަރު ކަންކަމުން ދުރުވުމުން އެއިން ސަވާބާއި ހެޔޮ ދަރުމަ ލިބޭނެ ގޮތްތައް މެދުވެރިކުރެއްވީ ކަމަށް ވެސް ވެދާނެ. ޒަޔާން އެކަމަށް ވިސްނާފައި ވެސް ގުރުއާނަށް ސަމާލުކަން ދޭށޭ. ކުރިން އުޅޭނީ އަބަދު ފިލްމު ބަލަން، އެކަމަކު ދީނީ ނަޒަރަކުން ވިސްނައިދިނީމި އެކަންތައްތައް ދޫކޮށްލައިފި."

ފިލްމު ބެލުން ހުއްޓާލިއަސް، ދުނިޔޭގައި ހިނގާ ހުރިހާ ކަމަކަށް ޒަޔާންގެ ލޯ ހުޅުވެ އެވެ. ކޮންމެ ރެއަކު ހަބަރު ބަލަ އެވެ. އެހެން ހިސާބުތަކުގައި ވާނުވާ ބަލަން ގަވައިދުން "ދުނިޔޭގެ ކަޅި" ބަލަ އެވެ.

ޒަޔާންގެ އަތް ހަރަކާތް ނުކުރާތީ ލިޔެ އުޅުމަކީ ދަތި ކަމެކެވެ. އެކަންކަމާ ހެދި ޒަމީނާ މިހާރު ބަލަނީ، ގުރުއާން ކިޔަވައިދޭށެވެ. ގުރުއާން ހިތުދަސްކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާތާ ދުވަސްތަކެއްވެއްޖެ އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، ދަރިފުޅު އަމިއްލައަށް ހިނގާބިނގާވެ އުޅެވޭނެ ދުވަހެއް ފެނޭތޯ ކުރާ މަސައްކަތް ހުއްޓައެއް ނުލަ އެވެ.

"ދުއާއަކީ މި ބައްޔަށް ޑޮކްޓަރީ ފަރުވާ ލިބުން." އޭނާ ބުނެލި އެވެ.