Roadha Mihaaru
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި

ސްޓެލްކޯގެ ޓްރާސްފޯމަރުތަކަށް ގެއްލުންދީ ބައެއް ބައިތައް ވަގަށް ނަގައިފި

22 މާޗް 2024

ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ބައެއް ޓްރާސްފޯމަރުތަކަށް ގެއްލުންދީ އޭގެ ބައެއް ބައިތައް ބަޔަކު ވަގަށް ނަގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ބައެއް ޓްރާސްފޯމަރުތަކަށް ގެއްލުންދީ އޭގެ ބައެއް ބައިތައް ބަޔަކު ވަގަށް ނަގައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ކޮން ސަރަހައްދެއްގައި ހުރި ޓްރާންސްފޯމަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެންނެވެ.

"މިއީ މިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް ވެސް އެޅޭ ހުރަހެއް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޓްރާސްފޯމަރުތަކަށް ގެއްލުން ދީފައި.

ސްޓެލްކޯގެ ޓްރާސްފޯމަރުތަކަށް ގެއްލުން ދީފައި.

މި ކަހަލަ ކަންކަން ކުރަމުން ގެންދާ މީހުން ހުއްޓުވައި އެ މީހުންނަށް ފިޔަވަޅު އެޅުމަށާއި އަދި ވަގަށް ނަގައިގެން ވިއްކާ މި ކަހަލަ ތަކެތި ގަންނަ މީހުންނަށް ވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ފަތިހު ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. ބައެއް ގެތަކަށް ކަރަންޓުގެ ހިދުމަތް އަލުން ލިބުނީ ގަޑިއިރެއްހާއިރުވި ފަހުންނެވެ.