Roadha Mihaaru
ލައިޝާގެ "ހޯދޭތޯ މަންޒިލެއް" އަކީ ކޮޕީއެއް؟

ލައިޝާގެ "ހޯދޭތޯ މަންޒިލެއް" އަކީ ކޮޕީކޮށްފައި އޮތް ރާގެއް؟

17 ފެބުރުއަރީ 2017

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވައަކީ ސީދާ ކޮޕީއެއް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވައަކީ ސީދާ ކޮޕީއެއް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

ލައިޝާގެ މި ލަވަ "ހޯދޭތޯ މަންޒިލެއް" އަކީ ދިވެހި އެހެން ލަވައެއްގެ ކޮޕީއެއް ނޫނޭ ބުނެވޭކަށް ނެތެވެ. ލަވައިގެ ރާގު ހަމަ ދާދި އެއްގޮތެވެ. ޓެމްޕޯ ވެސް ހުރީ އެއް ވަރެއްގަ އެވެ. ލައިޝާގެ ލަވަ އާއި ކުރީގެ ލަވައިގެ ފީލް ވެސް އެއް މިންގަނޑެކެވެ. އެއްވެސް ތަފާތެއް ނެތެވެ.

ލައިޝާގެ ލަވަ އާއި އައިންގެ ލަވަ އެއްކޮށްލައިގެން ހަދާފައިވާ ވީޑިއޯއެއް

މީގެ އަސްލު ލަވަ ކިޔާފައި ވަނީ، ލައިޝާގެ ލަވަތަކުގެ މިޔުޒިކް ހެދި އެކަކު ކަމަށް ވާ ފަޒީލްގެ ދަރިފުޅު އައިޝަތު އައިން ފަޒީލް، 2013 ގެ ސްކޫލްތަކުގެ ލަވަ މުބާރާތުގަ އެވެ. އެހެންކަމުން މިއީ ޕީއެސްއެމުން ލައިޝާގެ އަލްބަމް ހަދަން ހަވާލުކުރި ޓޯނިކް ލައިވް ސްޓޫޑިއޯ އަށް އެނގިގެން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

ޓޯނިކް ސްޓޫޑިއޯ އަކީ މޯލްޑިވިއަން އައިޑޮލްގެ އެއް ފަނޑިޔާރު އިބްރާހިމް ޒައީދު އަލީ (ކުޑައިއްބެ) ގެ ވެސް ހިއްސާ އޮންނަ ސްޓޫޑިއޯއެކެވެ.

ލައިޝާ އާއި އައިންގެ ލަވައިގެ ތަފާތަކީ ހަމައެކަނި ޅެމެވެ. ލައިޝާގެ ޅެން ހަދާފައި ވަނީ މުހައްމަދު އަބްދުލްޢަނީ (ތޭރަވާ) އެވެ.

ޕީއެސްއެމުން ޕްރޮޑިއުސްކުރި އަލްބަމްގައި، ކުރީގެ އުފެއްދުމެއްގެ ކޮޕީއެއް ހިމެނުނީ ކިހިނެއް ވެގެންތޯ ސުވާލުކުރުމުން ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވީ ލަވަތައް ތައްޔާރުކުރި ފަރާތާ އެއްބަސްވެފައި އޮންނާނީ އަމިއްލަ ރާގުތައް ހިމަނަން ކަމަށެވެ. "ހޯދޭތޯ މަންޒިލެއް" މިއީ ކުރިން އެހެން ބަޔަކު ހަދާފައި އޮތް ރާގެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީއެސްއެމުން އަލްބަމް ނެރުޔަސް އޭގެ މަސައްކަތްކުރީ އެހެން ބަޔަކާ ހަވާލުކޮށްގެން،" ޝާޔަން ވިދާޅުވި އެވެ.

އަލްބަމްގެ މަސައްކަތްކުރީ، އޭނާ ވިދާޅުވި ގޮތުގައި، ޓޯނިކް ލައިވް ސްޓޫޑިއޯއާ ހަވާލުކޮށްގެންނެވެ.

ލައިޝާގެ ލަވަ ލޯންޗުކުރަން ބޭއްވި ހަފުލާގައި، އެ އަލްބަމްގައި ކުރިން ނެރެފައިވާ ރާގެއް ހިމެނޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. އެހެންކަމުން ލައިޝާގެ ފޭނުންނަށް ވެސް ބޮޑަށް ގަބޫލުކުރެވޭނީ މުޅިން ވެސް ހުންނާނީ އާ ލަވަތައް ކަމަށް، ބައެއް މީހުން ބުނެ އެވެ.

ހުސައިން މުނައްވަރު (ކުޑަފޫޅު) ކެމެރާކޮށް، އަޒްހާން އިބްރާހީމް ޑައިރެކްޓްކުރި "ހޯދޭތޯ މަންޒިލެއް" އަކީ ކޮޕީއެއްކަން އެނގުމުން ބައެއް މީހުން ދަނީ ވަރަށް ބޮޑަަށް ފާޑު ވެސް ކިޔަމުންނެވެ.

އެކަމަކު އަޒުހާން ބުނީ އެއީ ކުރިން ހަދާފައި އޮތް ރާގެއްކަން އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި "މޯލްޑިވިއަން އައިޑޮލް" ކަހަލަ ބައިނަލްއަގުވާމީ ފެންވަރުގެ މަގާމެއް ހޯދި ލަވަކިޔުންތެރިއެއްގެ އޮރިޖިނަލް ކަމެއް ނެތުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ.

"ހޯދޭތޯ މަންޒިލެއް" ލަވަ ލައިޝާ ކިޔާފައި ވަނީ އެ ރާގުގެ ހަގީގަތް އެނގި ހުރެތޯ ނުވަތަ ނޫންތޯއެއް ވެސް އަދި ނޭނގެ އެެވެ.

"މޯލްޑިވިއަން އައިޑޮލް" ގެނެސްދޭ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ބުނެފައި ވަނީ މިދިއަ މަހު 26 ގައި ނެރުނު "ހޯދޭތޯ މަންޒިލެއް" އަކީ ލައިޝާގެ އަލްބަމްގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ލަވައެއް ކަމަށެވެ. މީގެ ލަވަތައް ކުރިއަށް އަދި އަންނަން ހުރީ އެވެ.