11 މާޗް 2024
ކޮންމެ ރޯދަމަހެއްގައި ވެސް ކަނޑޫދޫ މިރުހުގެ ބަހުސް ވަކިން ކުޅި ގަދަވެ އެވެ. ވިހަ ވެސް ވެ އެވެ. އެހެންވެ އެ ރަށު މީހުންނަށް މިއީ ދައްކަން ވެސް އެހާ ފަސޭހަ ވާހަކައެއް ނޫނެވެ.
ކޮންމެ ރޯދަމަހެއްގައި ވެސް ކަނޑޫދޫ މިރުހުގެ ބަހުސް ވަކިން ކުޅި ގަދަވެ އެވެ. ވިހަ ވެސް ވެ އެވެ. އެހެންވެ އެ ރަށު މީހުންނަށް މިއީ ދައްކަން ވެސް އެހާ ފަސޭހަ ވާހަކައެއް ނޫނެވެ.
ބައެއް ރޯދަމަސް ތަކުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ދޮޅު ހާހުން މައްޗަށް އަރައިގެން ދެ އެވެ. މިއިން ކޮންމެ ފަހަރަކު ހުރިހާ ވަރެއް ބާލަނީ ކަނޑޫދޫ ދަނޑުވެރިންނަށެވެ. އެކަމަކު އެ މީހުންނަށް މި ދައްކާ ކުޅި ހައްގު ހެއްޔެވެ؟
ރޯދަމަސް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް އަހަރެމެން ކަނޑޫދޫއަށް އެރި ގޮތަށް ދިޔައީ ދަނޑުތައް ބަލާށެވެ. ކޮންމެ ދަނޑެއްގައި ވެސް ތަރުތީބުން ބަރިބަރިއަށް ޖަހާފައި ހުރި މިރުސްގަސްތަކުގެ ތެރެއަށް ވަދެ ފިލައި އޮވެވޭ ވަރުވެ އެވެ. ބިންމައްޗަށް ވެއްޓިފައި ހުރި ރަތް މިރުސްތަކުގެ މީރު ކުޅި ވަސް ޖެހި މޭ ހެޔޮވި އެވެ.
"އެއީ ތަންކޮޅެއް ބޮޑަށް ފާވެ ވެއްޓިފައި ހުންނަ މިރުސް. އޭގެ ތެރެއިން ބޭނުުންކޮށްލެވޭ ވަރު އެއްޗެހި މީހުން ގެޔަށް ގެންދާނެ. އެކަމަކު އެއީ ވިއްކަން ގެންދާ މިރުހެއް ނޫން،" އަހަރެމެންނަށް ދަނޑު ދައްކާލަން ދިޔަ މީހަކު އަހަރެމެން އެކަމާ އާވެގެން އުޅެން ފެށުމުން ބުންޏެވެ.
ތ. ކަނޑޫދޫގެ މިރުސް ދަނޑެއް: އެ ރަށުގައި ހައްދާ މިރުހުގެ މުޑުވައް އެހެން ރަށްރަށުގައި ހެއްދިޔަސް ރަހަ އެއްގޮތް ނޫން ކަމަށް ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މި ދަނޑުގެ ވެރިމީހާ ނޫޅެނީހޭ އަހާލުމުން ވަނަމަކުން ބާރަށް ގޮވާލުމާ އެކު އެއްފަރާތުން ޖަވާބު ދީފި އެވެ. މިރުސް އަޅައި ބަރާވެފައި ހުރި ކުރިތައް މޫނުގައި ކާއްތަމުން އަހަރެމެން އެ އަޑާ ދިމާލަށް ދިޔައިރު ގޯންޏަކަށް މިރުސް އަޅައި ފުރާލަނީ އެވެ. އެއީ އަނެއް ދުވަހު ފުރާ ލޯންޗެއްގައި މާލެއަށް ފޮނުވަން ތައްޔާރުކުރަނީ އެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ހިސާބަށް ދިޔައިރު މޫނަށް މިރުސް އެޅިއްޖެހެން ހީވެގެން އެ ވާހަކަ ދެއްކިޔަސް ދަނޑުވެރިން އެ މިރުސްތައް މުށް ޖަހާފައި ނަގަނީ އެވެ.
"އަހަރެމެން ވެސް މިކަން ފެށިއިރު މިކަން ކުރާއިރު އަތުން ދިލަ ނަގާތީ އުޅެން. އެކަމަކު މިހާރު ހޭނިއްޖެ،" އެތަނުން އެކަކު ބުންޏެވެ.
މަޖާވެފައި މި ވާހަކަ ދައްކަމުން ގޮސް އިންޓަވިއުއެއްގެ ވާހަކަ ބުނާއިރަށް ރާގު ބަދަލުވެއްޖެ އެވެ.
މިރުހުގެ ދަނޑުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ދެކޮޅުހެދި ކޮންމެ މީހަކު ވެސް ބުނީ ރޯދަ މަހު މިރުހުގެ އަގު ބޮޑުވުމުން އެ މީހުންނަށް އެއްޗެހި ގޮވުން ނޫން ކަމެއް ނޯންނާނެ ކަމަށާއި އެކަމަކު އެއީ އެ މީހުން ކުރާ ކަމެއް ނޫން ކަމަށެވެ. މިރުހުގެ އަގު ބޮޑު ކަމަށް ބުނާއިރު މި ރަށުގެ ދަނޑުވެރިން ބުނަނީ އެ މީހުން ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އަގެއް މިރުހުން ނުލިބޭ ކަމަށެވެ.
އަހަރެމެން ދިޔައިރު އެ ރަށުން މިރުސް ކިލޯއެއް 300ރ. އަށް ގަންނަން ލިބެ އެވެ. މިރުސް ހައްދާތާ އެތައް އަހަރެއްވެ ބްރޭންޑް ވެފައިވާ "ކަނޑޫދޫ މިރުސް" ގެ އަގު އުޅޭ ގޮތަށް ބަލާއިރު މިއީ ބޮޑު އަގެއް ނޫނެވެ.
ބައެއް ދަނޑުވެރިން ބުނި ގޮތުގައި މިހާރު ހައްދާފައި ހުރި ދަނޑުތަކުން ހަފްތާއަކު 100-150 ވަރަކަށް ކިލޯ މިރުސް ކަނޑާނެ އެވެ.
މިރުހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު ސަބަބުގެ ގޮތުގައި ފާހަގަކުރީ މި ހުރިހާ މިރުހެއް މަައިގަނޑު ގޮތެއްގައި ހަމައެކަނި މާލެއަށް ވިއްކަން ޖެހުމެވެ.
އާބާދީގައި 500 ހަމަ ނުވިޔަސް ރަށު ރައްޔިތުންގެ 95 ޕަސެންޓެއްހާ މީހުން މި މަސައްކަތުގައި އުޅޭތީ ދަނޑުތައް ގިނަވެފައި ސަޕްލައި މައްޗެވެ. މި އެންމެން ހައްދާ ހުރިހާ މިރުހެއް އެއްފަހަރާ އެއް ވަގުތެއްގައި އެއް ތަނަކަށް ގެންގޮސް ވިއްކަން ޖެހޭތީ އަގު ވެއްޓެނީ އެވެ.
"އެ މީހުން ފުދޭވަރަކަށް ދަށްކޮށް މި އެއްޗެހި މި ނަގަނީ. އެ މީހުން ރަނުގެ އަގުގައި ވިއްކިއެއް ކަމަކު. އެހެންވެ އަސްލު [ރަށު މީހުންނަށް] އެދެވިގެންވާ ރަނގަޅު އެއްޗެއް ނުލިބެނީ،" ދަނޑުވެރިކަން ކުރާތާ 18 އަހަރު ވެފައިވާ ހަސަން ޔޫސުފް ބުންޏެވެ.
"އަސްލު ފުރިހަމަ އަގެއް މި ބުނީ ދަނޑުވެރިންނަކަށް ނުލިބެއޭ."
"މިސާލަކަށް. މި ގަޑީގައި ވެސް އެ ގެންދަނީ 300 ރުފިޔާއަށް ކޭޖީ. އެ މީހުންގެ 450 އަށް 500 އަށް ވިއްކަނީ. މި ބުނާހެން އެންމެން އެއްފަހަރާ އެއް ތަނަކަށް ގެންދާއިރު އަދި އަގު ދަށްވާނެ ނޫންތޯ؟،" އުމުރުން 47 އަހަރުގެ ހަސަން ބުންޏެވެ.
އޭނާ އެ ބުނީ ތެދެކެވެ. މާލޭ ބާޒާރުގައި މިހާރު ވެސް ކަނޑޫދޫ މިރުހުގެ އަގު ހުރީ މީގެ ދެ ގުނައިގަ އެވެ. އިއްޔެ ވެސް ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 700ރ. އިން މަތީގައި ހުއްޓެވެ.
ކައުންސިލްގެ ރައީސް އަހްމަދު ރީހާން ވެސް ވިދާޅުވީ ކަނޑޫދޫ މިރުހުގެ އަގު ބޮޑުކުރަނީ އެ ރަށުގެ ދަނޑުވެރިން ކަމަށް އެންމެންނަށް ވެސް ހީވެފައި އޮންނަ ކަމަށެވެ.
"އަސްލު ހަގީގަތަކީ އެއީއެއް ނޫން. ދަނޑުވެރިން މި ވިއްކަނީ މާރުކޭޓްގައި ތިބޭ ވަކި ބަޔަކަށް. ދެން އެ ބޭފުޅުން ކަސްޓަމަރާ ހަމަޔަށް ފޯރުކޮށްދޭ އަގެއް އަސްލު ބޮޑުވެގެން މި އުޅެނީ. ދަނޑުވެރިންނަށް ހަގީގަތުގައި މި ލިބެނީ ވަރަށް ކުޑަ މިންވަރެއް،" އޭނާ ވިދާޅުވި އެވެ.
ރީހާން ވިދާޅުވި ގޮތުގައިމިރުސް ކިލޯއެއް 500ރ. އަށް ވިއްކި ނަމަވެސް ދަނޑުވެރިންނަށް ލިބޭނީ 300ރ. ވަރު ކަމަށެވެ.
"މިރުހުގެ އަގު ބޮޑުވުމުގައި ދަނޑުވެރިންގެ އެއްވެސް މައްސަލައެއް ނޫޅޭނެ. އެއީ ހަމަ ޔަގީންކަމެއް."
ހަފްތާއަކު ތިން ދުވަހު މާލެއަށް ލޯންޗު ދަތުރުތައް އޮންނައިރު ކަނޑޫދޫން މާލެއަށް މިރުސް ފޮނުވުން ވެސް އޮންނަނީ އަގު ބޮޑު ކަމަކަށް ވެފަ އެވެ. ފަސިންޖަރުން ލިބޭ އަދަދަށް ބަލައި ބާކީ އޮންނަ ޖާގައަށް މިރުސް އުފުލައިދޭއިރު ކޮންމެ ދަތުރަކު މަދުވެގެން ފަންސާހަކަށް ބަސްތާ މިރުސް މާލެ ގެންދާ ކަމަށް ރީހާން ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 500 ކިލޯ މިރުހެވެ. އަދި މާލެ ދަތުރުކުރާ ބޯޓުތަކުގައި ވެސް ކޮންމެ ދަތުރަކު ޓަނެއްހާ މިރުސް ފޮނުވަ އެވެ. އެއާފްރައިޓްކޮށް މިރުސް އާންމުކޮށް ފޮނުވަނީ މާރުކޭޓްގައި މިރުސް މާބޮޑަށް މަދުވުމުން އަވަހަށް ގެންދަން ޖެހިއްޖެ ނަމަ އެވެ.
ތ. ކަނޑޫދޫގެ މިރުސް ދަނޑެއްގައި ހުރި ގަސްތަކެއްގައި މިރުސް އަޅާފައި: އެ ރަށު މިރުސާ ބާޒާރުގައި ހުންނަ އަގަށް ވުރެ ދެ ގުނަ ހެޔޮކޮށް އެ ރަށުން ގަންނަން ލިބޭ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"ލޯންޗުގައި ވަރަށް ބޮޑު ފީއެއް ނަގާ. އެއީ ކިލޯއަކަށް ގާތްގަނޑަކަށް ސޯޅަ ރުފިޔާ އެ ބޭފުޅުން ޗާޖުކުރޭ. ދޯނީގައި ގެންދިޔައީމަ މި އޮންނަ ފައިދާ އަކީ، ބޮޑު ބަސްތާއަކަށް ތިރީސް ރުފިޔާ ކަންނޭނގޭ ނަގާނީ ... ލޯންޗް ރޭޓުން ބަލާ ނަމަ ބޮޑު ބަސްތާއަކަށް ޖެހޭނެ ތިން ސަތޭކައެއްހާ ރުފިޔާ،" ރީހާން ތަފްސީލް ދެއްވި އެވެ.
އެކަމަކު މިރުސް ކަހަލަ، އަވަހަށް ހަލާކުވާ އެއްޗެއް ވީހާވެސް އަވަހަކަށް މާރުކޭޓާ ހަމަޔަށް ގެންދަން ބަލާއިރު ދޯނީގައި އެ ގެންދެވެނީ އެއް ދުވަސް ފަހުންނެވެ. ލޯންޗުގައި ނަމަ ދުވަހުން ދުވަހަށް ލިބެ އެވެ.
ރީހާން ވިދާޅުވީ ކަނޑޫދޫން މިރުސް ލިބޭ އަގާއި މާލޭގައި ލިބެން ހުންނަ އަގުގައި ދެ ގުނަ ތަފާތު އާންމުކޮށް ހުންނަ ކަމަށެވެ. އެހެންވެ، މެދުވެރިޔަކު ނެތި ސީދާ ދަނޑުވެރިންނަށް މާލޭގައި ތަކެތި ވިއްކޭނެ އިންތިޒާމެއް ހަމަޖެހޭ ނަމަ އަގަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު މި ވާ ގޮތަކީ ދަތުރުވެރިންގެ މާރުކޭޓް މި ހުންނަނީ ނަމެއްގައި. އެތާ ވިޔަފާރިކުރަނީ އެހެން ބައެއް ... ދަނޑުވެރިންނަށް ހަގީގަތުގައި އެތަނުން ގޮޅިއެއް ނުވެސް ލިބޭ،" ތަކެތީ އަގު ބޮޑުވާ ސަބަބުގެ މިސާލެއްގެ ގޮތުގައި ރީހާން ފާހަގަކުރެއްވި އެވެ.
ތ. ކަނޑޫދޫގެ މިރުސް ދަނޑަކުން މާލެއަށް ފޮނުވަން ބިން މިރުސްތަކެއް ގޯންޏަކަށް އަޅަނީ: މި ރަށުން ކޮންމެ ހަފްތާއަކު އެތައް ސަތޭކަ ކިލޯއެއްގެ މިރުސް މާލެއަށް ފޮނުވާ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ދެން އޭނާ ދެއްކެވީ ތ. އަތޮޅުގައި ދަނޑުވެރިންނަށް ފަހިވާ ގޮތަށް ދަތުރުފަތުރު ނެތުމުގެ މައްސަލަ އެވެ. އަތޮޅުގައި އޮތް ހަމައެކަނި އެއާޕޯޓް ތިމަރަފުށީގައި އޮތް އިރު އެ ތަނުން ހަފްތާއަކު ކުރަނީ ގިނަވެގެން ދެ ދަތުރެވެ. އެހެންވެ ފަސިންޖަރުން ގިނަވާތީ ކާގޯއަށް މާބޮޑު ޖާގައެއް ނޯވެ އެވެ. ދެން އޮތް ދ. އެއާޕޯޓަށް މޯލްޑިވިއަން ދަތުރެއް ނުކުރެ އެވެ. އެތަނަށް ދަތުރުކުރާ އަމިއްލަ އެއާލައިންގައި ފްރައިޓް ޗާޖުތައް ހުރި ގޮތުން ދަނޑުވެރިންގެ ތަކެތި ފައިދާއެއްގައި ވިއްކަން ދަތިވާ ވަރުވެ އެވެ.
މިރުހުގެ އަގާ މެދު ކަނޑޫދޫއަށް އަމާޒުވާ ފާޑުކިޔުމާ އެކު މި ރަށުގެ މުޑުވައް އެހެން ރަށްރަށުގައި ވެސް މިހާރު އެބަ ހައްދަ އެވެ. އެކަމަކު މި ރަށު މީހުން ފަހުވެރިކަމާއި ޔަގީންކަމާ އެކު ބުނަނީ އަސްލު "ކަނޑޫދޫ މިރުސް" ހެއްދޭނީ އެ ރަށު ފަސްގަނޑުގައި ކަމަށެވެ. ރަހަ މީރުވެފައި ކުޅި ހެޔޮވަރުވާނެ ކަމަށެވެ.
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން ދަނޑުވެރިންގެ ދިފާއުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އެ ރަށު މީހުން ބުނަނީ ކަނޑޫދޫ މިރުސް ހައްދުންމަތީގަ އާއި އެހެން ބައެއް ރަށްރަށުގައި ވެސް މިހާރު އެބަ ހައްދާ ކަމަށާއި އެކަމަކު ކަނޑޫދޫގައި ހައްދާ މިރުހުގައި ހުންނަ މީރު ރަހަ އެހެން ރަށްރަށުގައި މި މިރުސް ހެއްދުމުން ނުހުންނަ ކަމަށް މީހުން ބުނާ ކަމަށެވެ.
"މިއީ ބިންގަނޑުން އަންނަ ގޮތެއް. މުޑުވައް ހަމަ އެކައްޗަކަށް ވިޔަސް ތަފާތު ތަނެއްގައި އިންދީމާ އެ އަންނަ ބަދަލު އެ އަންނަނީ. ލާމުގައި [ހައްދަ މި މިރުހުގައި] ކުޅިވެސް އެވަރަށް ނާންނަ ކަމަށް ވަނީ،" ކުރިން ވާހަކަ ދެއްކި ދަނޑުވެރިޔާ ބުންޏެވެ.
މިރުހުން ލިބުނު ކުޅިކަން ކަނޑޫދޫން ފަސޭހައިން ފިލުވައިނުލެވޭނެ ކަމުގެ ޔަގީންކަން އެ ރަށު މީހުންނަށް އެބަ އޮތެވެ. އެކަމަކު ދަނޑުވެރިންނަށް ހުރި ހުރަސްތަކާއި ދަނޑުބިންތަކުގެ ފެން ލޮނުވަމުން ދިއުން ފަދަ އެތައް ޒަހަމެއްގެ ވޭން މިރުހުގެ ދިލަޔާ އެކު އޮތީ ގަދަވެފަ އެވެ. އެއީ އިންސާފެއް ނެތް އަނިޔާއެކެވެ.
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ކޮންމެ ދުވަހަކު ދަތުރު ހަދާފައި ވަޒީފާއަށް
ހިރިލަންދޫ ފައިބަރު ލޯންޗުގެ ފްލީޓް ރާއްޖެ ހިފަނީ
ނަލަންދޫ: ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއް
ކަކުނި ކާން ދަތުރު ހަދައިގެން އަންނަންވީ ފުނަދުއަށް
ވަންދޫގެ މި އާއިލާގެ ނުރަކޮޅު ހަތަރު ޖީލަކަށް!
އީރާން-އިރާގު ހަނގުރާމައިގެ ބޮމަކުން ސަލާމަތްވި މީހާ
ކަނޑޫދޫ މިރުހުގެ އަގު އާދަޔާހިލާފަށް ދަށަށް!
މަރޮށި ފަޅުވެދާނެ، އެންމެން ވެސް ބަދަލުވާން ބޭނުން
ގޮއިދޫ: ވަރަށް ހާއްސަ, މަދީ "ރަންބިސްއަޅާ ކުކުޅެއް"