Roadha Mihaaru
ނިއުޓްރޮލިން ބީ ރާއްޖެއަށް ނުލިބޭތާ އަހަރެއް!

ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ދޭ ބޭސް ރާއްޖެއަށް ނުލިބޭ އަހަރެއް!

02 މާޗް 2024

ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ހާއްސަކޮށް ދޭ ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ރާއްޖެއަށް ނުލިބޭތާ އަހަރެއް ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ހާއްސަކޮށް ދޭ ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ރާއްޖެއަށް ނުލިބޭތާ އަހަރެއް ވެއްޖެ އެވެ.

މާލޭގެ ބައެއް ފާމަސީތަކުން ބުނީ ބޭސް ނުލިބޭތީ އާއްމުންގެ ޝަކުވާ ބޮޑު ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯ ފާމަސީއެއްގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ނިއުޓްރޮލިން ބީ ސިރަޕް ނުލިބޭތާ ނުވަ މަސް ވެފައިވާ ކަމަށެވެ. އޭގެ ގުޅަ ބޭސް ނުލިބޭތާ އަހަރެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ފަހަރަކު ބޭސް ގެންނަން ޖަހާއިރު އެ ދެ ބޭސް ވެސް ޖަހަން. އެކަމަކު އެ ނުލިބޭ. އެސްޓީއޯ އަށް ވެސް ނުލިބެނީ ކީއްވެ ކަމެއް ނޭނގެ. ނުލިބޭކަން އެނގެނީ އެ ދެ ބޭސް ވެސް." އޭނާ ބުންޏެވެ.

މާލޭގައި ފާމަސީ ހިންގާ މީހަކު ބުނީ އެ ދެ ބޭސް ނުލިބޭތާ ދެތިން މަސް ވެފައިވާ ކަމަށެވެ. ބޭސް ގެންނަ ލިސްޓުގައި ޖެހި ނަމަވެސް ނުލިބޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އާންމުކޮށް ބޭހުގެ އާ ސްޓޮކެއް ލިބޭނީ 4-5 މަހުން. މިހާރު މި ބޭސް ނުލިބިގެން އުޅެނީ ކީއްވެ ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ބޭސް ހުސްވެގެން އެކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އާންމު ބައެއް މީހުންގެ ފަރާތުން އެ ބޭސް ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ބޭސް ނުލިބޭ ކަމަށް ރަސްމީކޮށް ހުށަހަޅާފައެއް ނުވޭ. ރަސްމީކޮށް ހުށަހެޅީމަ އެ ބޭސް ހުސްވެ، ނުލިބިގެން އުޅެނީ ކީއްވެތޯ ބަލާނީ،" އޭނާ ވިދާޅުވި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5،386 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.