Roadha Mihaaru
ފާނަބަސަންދު ފެތުރެނީ، މި މަހުގެ މިހާތަނަށް 215ކޭސް

ފާނަބަސަންދު ފެތުރެނީ، އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގައި

28 ފެބުރުއަރީ 2024

ފާނަބަސަންދު (ޗިކަންޕޮކްސް) ފެތުރޭތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފާނަބަސަންދު (ޗިކަންޕޮކްސް) ފެތުރޭތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ.

މިދިޔަ މަހު 228 ކޭސް ރިޕޯޓް ކޮށްފައި ވާއިރު މި މަހުގެ މިހާތަނަށް 215 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާނަބަސަންދު ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވާނީ މާލެ ސަރަހައްދުގެ އިތުރުން ފ. އަތޮޅުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ފާނަބަސަންދު ޖެހިފައިވާ ކުއްޖެއް.

ފާނަބަސަންދު ޖެހިފައިވާ ކުއްޖެއް.

ފާނަބަސަންދުގެ އަލާމާތްތަކާއި ރައްކާތެރިވާނެ ގޮތް

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށް ފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެ އެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެ އެވެ.

ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި:

- ހުން އައުން

- ވަރުދެރަވުން

- ނޭފަތުން ފެން އައުން

- ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން

ފާނަބަސަންދުގެ އިތުރު އާލާމާތްތަކުގެ ކާހިތް ނުވުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވެ، ބަނޑުގައި ރިއްސުން ހިމެނެ އެވެ.

މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ އެއްޗެއް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފާނަބަސަންދު ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމާއި ގެއިން ބޭރަށް ނުދިޔުމާއި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.