Roadha Mihaaru
ރާއްޖެ ބާކީވެ، މިހާރު ޖާގަ ލިބެނީ ކޮރިޑޯއިން: ޝާހިދު

ރާއްޖެ ބާކީވެއްޖެ، މިހާރު ޖަލްސާތަކުން ޖާގަ ލިބެނީ ކޮރިޑޯ އިން: ޝާހިދު

27 ފެބުރުއަރީ 2024

ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެއްޖެ ކަމަށާއި މިހާރު ރާއްޖެއަށް ފުރުސަތު ލިބެނީ ޖަލްސާތަކުގެ ކޮރިޑޯ އިން ކަމަށް އެމްޑީޕީގެ ރައީސް ކަން ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެއްޖެ ކަމަށާއި މިހާރު ރާއްޖެއަށް ފުރުސަތު ލިބެނީ ޖަލްސާތަކުގެ ކޮރިޑޯ އިން ކަމަށް އެމްޑީޕީގެ ރައީސް ކަން ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކެމްޕެއިން ފެށުމަށް "މިސްރާބު ހަމަމަގަށް" ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެއްޖެ ކަން، ޖަލްސާތަކުން ރާއްޖެ ފަހަތުން ސޮއްސަމުން ސޮއްސަމުން ގޮސް ކޮރިޑޯ އިން ޖާގަ ލިބޭ ހިސާބަށް ދިޔުމުން އެނގޭ ކަމަށެވެ.

"އަނިޔާވެރިކަން ތިލަވާން ފަށައިފި. ހައްގުތައް ހަނި ކުރަން ފަށައިފި. މިނިވަން މުއައްސަސާތަކަށް އަތް ބާނަން ފަށައިފި. ނޫސްވެރިކަމުގައި ތަޅު އަޅުވަން ފަށައިފި. އަނގަ މަތީގައި މަލަން އަޅަން ފަށައިފި. މި ދަނީ ނުބައި މިސްރާބަކަށް،" އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު އޮތީ ހަމަ މަގުން ނެއްޓިފަ އެވެ. އިގުތިސޯދު ވެސް މި ސަރުކާރަށް މެނޭޖެއް ނުކުރެވުނު ކަމަށް ވިދާޅުވި އެވެ.

"..މަސްވެރިން ބުނަމުން އެ ދަނީ ތިމަންމެން ހަނާވެއްޖެއޭ، ފަނާވެއްޖެއޭ. ކޮބައިތޯ 48 ގަޑިއިރު ތެރޭ ދެއްވަން ވިދާޅުވި ޑޮލަރު. ޑޮލަރުން ނުދެވެންޏާ ރުފިޔާ ވެސް ދޭށޭ. މަސްވެރިން ބޭނި މަސްކޮޅު ވިއްކައިގެން ލިބުނު ފައިސާއަށް ވީގޮތް ރައްޔިތުންނަށް ކިޔައިދޭށޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު ދިވެހިންގެ ކުރިމަތީގައި މިއޮތީ ކުރިން އަޅުވާފައި އޮތް ބާވެފައިވާ ފިލްމެއް ކަމަށެވެ. އެއީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ފިލްމެއް ކަމަށާއި އަލުން އެ ފިލްމު އަޅުވަން ރައްޔިތުން ޖާގަ ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފިލްމްގައި ފެނުނު މަންޒަރުތައް އަޅުގަނޑުމެން ހަނދާނުގައި އެބަހުރި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަގައި ގޭޓް މަތިން ބޮޑު ކަންނެލި އުކާހެން އުކާލި. ފަނޑިޔާރުގެއިން ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ގެންގޮސް ކުޑަ ގޮޅީގައި ބޭއްވި. އެތައް ބަޔަކު ބޭއްވި ކުޑަ ގޮޅީގައި. މި ދަނީ މިސްރާބު ނުބައިވަމުން،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އަލުން މިސްރާބު ހަމަ މަގަށް އެޅުވޭނީ ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްގެންނެެވެ.