Roadha Mihaaru
ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށް، އިންޒާރުދީފި

ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށް، އިންޒާރުދީފި

23 ފެބުރުއަރީ 2024

ރާއްޖޭގެ ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް ބަޔަކު ހެކްކޮށް، އިންޑިއާގެ ލޯގޯއެއް ޖަހައި އިންޒާރު ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް ބަޔަކު ހެކްކޮށް، އިންޑިއާގެ ލޯގޯއެއް ޖަހައި އިންޒާރު ދީފި އެވެ.

ގާނޫނު ތަންފީޒު ކުރާ ގިނަ އިދާރާތަކެއްގެ ބެލެނިވެރިފަރާތް ކަމުގައިވާ ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފައިވަނީ، އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދެވެ. އެ ވެބްސައިޓް އަނބުރާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އަދިވެސް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށް ބުނެ ހެކްކަރުން އިންޒާރު ވެސް ދީފައިވެ އެވެ.

މީގެކުރިން ވެސް ސަރުކާރުގެ ބައެއް ވެބްސައިޓްތައް އިންޑިއާގެ ހެކަރުން ކަމަށް ބުނެ ހެކް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ވެބްސައިޓް ވެސް ހިމެނެ އެވެ.

މިކަން ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވި މައްސަލާގަ އެވެ.

އެކަމުގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި މި ފެށުނު އަރާރުމާ އެކު ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތަކަށް ވެސް ސައިބަ ހަމަލާތަކެއް ދިނުމުން ނުވަދޭވޭ ގޮތްވި އެވެ.