Roadha Mihaaru
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި

ވިކްޓަރީ ވެސް ބަލިކޮށް މޮޅުވުމުގެ ރެކޯޑާ އެކު މަސްއޮޑިން ތަށި އުފުލާލައިފި

16 ފެބުރުއަރީ 2024

ފައިނަލުގައި ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައި، ހުރިހާ މެޗަކުން މޮޅުވެ ދެވަނަ ޑިވިޝަނުގެ ތަށި މަސްއޮޑިން އުފުލާލައިފި އެވެ.

ފައިނަލުގައި ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައި، ހުރިހާ މެޗަކުން މޮޅުވެ ދެވަނަ ޑިވިޝަނުގެ ތަށި މަސްއޮޑިން އުފުލާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލަށް ނުކުތް އިރު ވެސް ދެ ޓީމަށް އޮތީ މުބާރާތުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ޓާގެޓް ހާސިލުކޮށްފަ އެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ އޮތީ ޔަގީން ވެފަ އެވެ.

ބައިގަރުނު ފުރި ފުޓްބޯޅައިގެ ޒަމާންވީ ތާރީހެއް އޮތް ވިކްޓަރީއާ ދެކޮޅަށް މަސްއޮޑިން ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގެންގޮސްފަ އެވެ. އެ ޓީމުގެ ބެންޗުގެ ފަހަތުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ ކުރި ސަރަހައްދު އޮތީ ގާތްގަނޑަކަށް ފުރާލާފަ އެވެ. ވިކްޓަރީ ފަޅީގައި މާ ގިނަ ބަޔަކު ނެތެވެ.

މެޗުގައި މަސްއޮޑިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، މަސްއޮޑިން ވަނީ މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ.

އެ ޓީމަށް ފުރަތަމަ ލީޑް ނަގައި ދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ 24 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އަބްދުﷲ ޒިޔާން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ހަތަރު މިނެޓް ފަހުން ހުސައިން ޝަރީފް ވަނީ މަސްއޮޑި ލީޑް ނަގައި ދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ވިކްޓަރީ އަށް ލަނޑު ޖަހައިދީ ނަތީޖާ ފަރަގު ކުޑަކޮށްދިނެވެ.

ދެވަނަ ހާފުގެ ފަހުކުޅުގައި ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ. އޭގެ ފަހުން މަސްއޮޑިއަށް ލިބުނު ހިލޭ ޖެހުމެއްގައި އިއްބެ ފޮނުވާލި ހަމަލާއެއް ނުރައްކާކޮށް ދިޔަނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މަސްއޮޑި މެޗުން މޮޅުކޮށް ދިން ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮޑެލީ ފިލިކްސް ޗީޑީ އެވެ. އޭނާ ލަނޑު ޖެހީ އަލީ ޝާމިސް (ތޮއްޕެ) ދިން ބޯޅަ އަކުންނެވެ.