Roadha Mihaaru
ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟

ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟

01 އޯގަސްޓް 2022

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން އިއްޔެ ކެޓި ވިކްޓްރީ ސްޕޯޓްސް ކްލަބަކީ އެ މުބާރާތަށް އެންމެ ދުރާލައި ތައްޔާރުވާން ފެށި ޓީމެވެ. ދަރަނި އަދާކުރުމުން އެފްއޭއެމުން ވިކްޓްރީގެ ސަސްޕެންޝަން އުވާލުމާ އެކު އެ ޓީމުން މަސައްކަތް ފެށީ ފުރަތަމަ ޑިވިޝަނަށް އެރުމަށްޓަކައި ދެ ވަނަ ޑިވިޝަން ކާމިޔާބުކުރާށެވެ. ދެ ވަނަ ޑިވިޝަންގެ މުބާރާތަށް މީގެ ކުރިން އެހެން ކްލަބަކުން ތައްޔާރުވާން ނުކުރާ މަސައްކަތް ވިކްޓްރީން ކުރި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން އިއްޔެ ކެޓި ވިކްޓްރީ ސްޕޯޓްސް ކްލަބަކީ އެ މުބާރާތަށް އެންމެ ދުރާލައި ތައްޔާރުވާން ފެށި ޓީމެވެ. ދަރަނި އަދާކުރުމުން އެފްއޭއެމުން ވިކްޓްރީގެ ސަސްޕެންޝަން އުވާލުމާ އެކު އެ ޓީމުން މަސައްކަތް ފެށީ ފުރަތަމަ ޑިވިޝަނަށް އެރުމަށްޓަކައި ދެ ވަނަ ޑިވިޝަން ކާމިޔާބުކުރާށެވެ. ދެ ވަނަ ޑިވިޝަންގެ މުބާރާތަށް މީގެ ކުރިން އެހެން ކްލަބަކުން ތައްޔާރުވާން ނުކުރާ މަސައްކަތް ވިކްޓްރީން ކުރި އެވެ.

މުބާރާތުގެ ކުރިން ޅ. ހިންނަވަރުގައި 12 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން ބިދޭސީ ކުޅުންތެރިން ވެސް މާލެ ގެނެސް ސްކޮޑް ހަމަކުރި އެވެ. ވިކްޓްރީގެ ކޯޗަކަށް ހަމަޖެއްސީ ކުރިން ރާއްޖޭގެ ޔޫތު ސްޕޯޓްސް ކްލަބަށް ކުޅުނު އަދި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މުހައްމަދު ނިޒާމް ޕަކީރު އަލީ އެވެ. އަދި ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޓްރެއިނަރު ސަމްޕަތު ބުޑިކާ ބަންޑާރަ ވެސް ވިކްޓްރީގެ ކީޕަރު ޓްރެއިނަރަކަށް ހަމަޖެއްސި އެވެ.

"ފަސްޓް ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ވެސް މިހާރު އެ ލެވަލަށް ދުރާލައި ތައްޔާރުވެގެން މަސައްކަތެއް ނުކުރެވޭ،" ވިކްޓްރީން މުބާރާތަށް ތައްޔާރުވާން ކުރި މަސައްކަތް ފާހަގަކުރަމުން ކުރީގެ ކުޅުންތެރިއަކު ބުންޏެވެ.

"ފަސްޓް [ޑިވިޝަން] ގެ ކްލަބްތަކަށް ވެސް ބިދޭސީ ކުޅުންތެރިން ހަމަކޮށްލެވެނީ ކިރިޔާ ސީޒަން ފެށެންވާއިރަށް. މާނަ އަކީ (ވިކްޓްރީގެ) މެނޭޖުމެންޓް ސައިޑުން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި އެބަ އޮތޭ."

ވިކްޓަރީ އަށް ހަމަޖެއްސި ލަންކާގެ ކޯޗު ޕަކީރް އަލީ އާއި ކްލަބްގެ ޗެއާޕާސަން ހުސައިން އާދަމް: ވިކްޓަރީގައި ޕަކީރް އަށް ނަތީޖާ ނުނެރެވުނު. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ވިކްޓަރީ އަށް ހަމަޖެއްސި ލަންކާގެ ކޯޗު ޕަކީރް އަލީ އާއި ކްލަބްގެ ޗެއާޕާސަން ހުސައިން އާދަމް: ވިކްޓަރީގައި ޕަކީރް އަށް ނަތީޖާ ނުނެރެވުނު. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ބުނި ގޮތުގައި ދެ ވަނަ ޑިވިޝަނަށް ތައްޔާރުވާން މީގެ ކުރިން އެއް ވެސް ކްލަބަކުން ވަކިން ޓްރޭނިން ކޭމްޕެއް ކުރިއަށް ނުގެންދެ އެވެ.

ސުވާލަކީ މި ހުރިހާ ތައްޔާރީތަކާ އެކު ވެސް ވިކްޓަރީ އަށް މުބާރާތުގައި ކުރިއަށް ނުދެވުނީ ކީއްވެތޯ އެވެ.

"ހަގީގަތުގައި ޓެކްނިކަލް މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތީ،" ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި ފަހުން ކޯޗުކަން ވެސް ކުރި މުހައްމަދު ނަޒީހު ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކީ އެކަށީގެންވާވަރުގެ ކުޅުންތެރިން ހޯދުން. ދެން ރާއްޖޭގެ ފުޓްބޯޅަ އޮތް ހިސާބަށް ބަލާއިރު ސްރީ ލަންކާ ކޯޗެއް ގެންނަ ވަރަށް ވުރެ ރާއްޖޭގެ ފުޓްބޯޅަ މާ ބޮޑުތަން ވެސް ރަނގަޅުހެން ހީވަނީ. ދިވެހި ކޯޗުންގެ ފެންވަރު ވެސް މާ ބޮޑުތަން ރަނގަޅު ވާނެ. ސިލޯނުން ކޯޗަކު ގެނެސްފައި އެ ކޯޗަކަށް ވެސް ނުކެރޭނެ އޭނާ ވަކި ކުޅުންތެރިޔަކު ހޯދައިގެން ޓީމަށް ގެންނާކަށް."

ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރަމޯޓްކޮށް ދިން ނަޒީހު ބުނި ގޮތުގައި ބައެއް ދިވެހި ކޯޗުންނަކީ އެ ކޯޗުންގެ ސަބަބުން އެހެން ޓީމަކަށް ކުޅުންތެރިޔަކު ދާން ނިންމައިގެން ހުއްޓަސް، ނިންމުން ބަދަލުކޮށް އެ ކޯޗަކާ އެކު މަސައްކަތް ކުރަން ދީލާލާނެ ކޯޗުންނެވެ. އަދި ދިވެހި ކޯޗުންނަށް ރާއްޖޭގެ ކުޅުންތެރިން ތިބި ލެވަލް އާ ތިބި ހިސާބު ވެސް އެނގޭނެ ކަމަށެވެ. އަދި އެ ކުޅުންތެރިން ހޯދަން ކުރަން ޖެހޭ މަސައްކަތް ވެސް އެވަރުގެ ދިވެހި ކޯޗެއް ހުރިނަމަ އެނގޭނެ ކަމަށް ނަޒީހު ބުންޏެވެ.

ވިކްޓަރީ ކުރިން ކުޅުނު މެޗުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔެއް ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ: އެ ޓީމުން ގެނައި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށް ކަމަށް ތަޖުރިބާކާރުން ބުނޭ. --- ފޮޓޯ: ވިކްޓަރީ

ވިކްޓަރީ ކުރިން ކުޅުނު މެޗުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔެއް ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ: އެ ޓީމުން ގެނައި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށް ކަމަށް ތަޖުރިބާކާރުން ބުނޭ. --- ފޮޓޯ: ވިކްޓަރީ

"ހިންނަވަރުގައި ވިކްޓަރީން ކޭމްޕްކޮށްފައި ދިޔައީ. އެކަމަކު ހިންނަވަރުގައި މިހާރު ވެސް އެބަތިބި ފަސްޓް ޑިވިޝަންގައި ވެސް ވަރަށް ރަނގަޅަށް ކުޅެވޭނެ ދެ ކުޅުންތެރިޔަކު. އެކަމަކު އެ ދެ ކުޅުންތެރިންނަކީ އުޅޭ ދެ ކުޅުންތެރިންކަމެއް އެ ކޯޗަކަށް ނޭނގެންޏާ ކިހިނެއް އެ ކުޅުންތެރިން ގޮވައިގެން ދާން އެނގޭނީ،" ނަޒީހު ބުންޏެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ވިކްޓަރީން 2012 ގައި ޔޫތު މުބާރާތް ކާމިޔާބު ކުރި އިރު އެ ޓީމަށް ކުޅުނު އަހުމަދު ޒިޔާން ކަމަށް ވެއެވެ. ކުރިން ޓީސީ އަށް ކުޅުނު ފޯވާޑަކީ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ނަޒީހު ފާހަގަކުރި އެވެ.

ވިކްޓަރީގެ މެނޭޖުމެންޓުން ހަރަދު ކުރި އެވެ. ކްލަބް ސަސްޕެންޝަނުން ސަލާމަތް ކުރުމަށް ގާތްގަނޑަކަށް އަށް ލައްކައެއްހާ ރުފިޔާ އެ ކްލަބުން ހޭދަ ކުރި ކަމަށް ވެއެވެ. އަދި އޭގެ ފަހުން ދެވަނަ ޑިވިޝަނަށް ތައްޔާރުވުމަށް ކުރި ހަރަދުތަކާއެކު ވިކްޓަރީގެ ޖުމުލަ ހަރަދު ދެ މިލިއަން ރުފިޔާ އާ ގާތް ކުރާނެ ކަމަށް ބެލެވެ އެވެ.

ނަޒީހު ބުނި ގޮތުގައި ވިކްޓަރީން ގެނެސްފައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވެސް ދަށެވެ. އެހެން ކްލަބްތަކަށް ނަތީޖާ ނެރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ ބިދޭސީ ކުޅުންތެރިންނެވެ. އެކަމަކު ވިކްޓަރީގައި އެ ލެވަލްގެ ކުޅުންތެރިޔަކު ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

ވިކްޓަރީ ދެވަނަ ޑިވިޝަންގައި ނިއު އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން. --- ފޮޓޯ: ވިކްޓަރީ

ވިކްޓަރީ ދެވަނަ ޑިވިޝަންގައި ނިއު އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން. --- ފޮޓޯ: ވިކްޓަރީ

ފުރަތަމަ ޑިވިޝަނަށް މީގެ ކުރިން އެހެން ޓީމެއް ޕްރޮމޯޓްކޮށްދިން ކޯޗަކު ވެސް ބުނީ ވިކްޓްރީގެ ބިދޭސީ ކުޅުންތެރިންގެ ސިލެކްޝަން ގޯސް ކަމަށެވެ. އޭނާ ބުނި ގޮތުގައި ބިދޭސީ ކީޕަރެއް ނުހޯދައި ދިވެހި ކީޕަރަކާއެކު ކުރިއަށް ދިޔަނަމަ މާ ރަނގަޅު ވީހެވެ. ބ. އޭދަފުއްޓާއި އަދ. މަހިބަދޫ އަދި އއ. ތޮއްޑޫ އަށް ގޮސް ބަލާލިނަމަ ވެސް ރަނގަޅު ފެންވަރު 10 ކުޅުންތެރިޔަކު ވެސް ހޯދުނީސް ކަމަށް އޭނާ ބުންޏެވެ.

"އޭދަފުށީގައި ވަރަށް ރަނގަޅަށް ގޮސްފަ އޮތީ. އެ ރަށުގެ ދެ ޓީމު ދިވެހި ލީގު ކޮލިފިކޭޝަނަށް ތައްޔާރު ވަމުން ދިޔައީ. އެހެންވީމަ ކުޅުންތެރިން ފިޓްނަސް ވެސް ރަނގަޅުވާނެ. (އޭދަފުށީގެ) ދެ މެޗު ނިމުނު ފަހުން ދެވަނަ ޑިވިޝަނަށް ޓީމުތައް ތައްޔާރުވާން ފެށީ. އޭދަފުށީގައި ކުޅުނު އެ ދެ މެޗު ބަލައިގެން ވެސް ރަނގަޅު ކުޅުންތެރިން ހޯދޭނެ،" އޭނާ ބުންޏެވެ.

"ސެކަންޑް (ޑިވިޝަން) އަކީ ކުރު މުބާރާތެއް. ފެންވަރު ރަނގަޅު ނުވަ ކުޅުންތެރިން ހޯދާފައި ރަނގަޅު ފެންވަރުގެ ބިދޭސީ ހަތަރު ކުޅުންތެރިން ހޯދި ނަމަވެސް މިކަން ކުރެވޭނެ. ސެކަންޑް ވެއްޖެއްޔާ އެންމެ ގިނަ ވެގެން ދެ މަސް ވަންދެން ތާ ކުޅުންތެރިން ގެންގުޅެން ޖެހޭނީ. އެ ދެ މަހަށް ރަނގަޅު އަގެއްގައި ބިދޭސީ ހަތަރު ކުޅުންތެރިން ހޯދިމަ ފަސްޓަށް ވަދެވޭނެ."

ވިކްޓަރީގެ ކުޅުމާ ބަލާއިރު އެ ޓީމުގެ މެނޭޖުމެންޓުން ކުރި އިންވެސްޓްމެންޓާ ގާތް ކުރާ ވަރުގެ ކުޅުމެއް ދަނޑުމަތިން ފެނިފައި ނެތް ކަމަށް ތަޖުރިބާކާރުން ބުންޏެވެ. ކުރިއަށް އޮތް އެއް އަހަރަށް ވިކްޓަރީ އަށް ފުޓްބޯޅައިގެ ހަރަކާތް ދެން ނިމުނީ އެވެ. ދެން އޮންނާނީ އަނެއްކާ ވެސް އަންނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އެރޭތޯ މަސައްކަތްކުރުމެވެ.

އެކަމަކު އެ ޓީމުގެ މެނޭޖުމެންޓުން މާޔޫސްވެ ފަހަތަށް ޖެހިއްޖެނަމަ އެއީ ވިކްޓަރީ އަށް ލިބޭ ދެރައެއްގެ ގޮތުގައި އެ ޓީމުގެ ކުރިގެ ކުޅުންތެރިޔަކު ބުންޏެވެ.

"އެހާ ހަރަދުކޮށްފައި ވެސް މިކަން ނުވީމަ ފަހަރެއްގައި މެނޭޖުމެންޓް މާޔޫސް ވެދާނެ. އެހާހިސާބުން މަޑުމަޑުން އަތް ދޫކޮށްލެވޭނީ. ފުރަތަމަ ޑިވިޝަންގައި މީގެ ކުރިން ކުޅުނު ޓީމުތަކަށް ވެފައި ހުރީ އެހެން ވިއްޔާ،" ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ވީބީ އައްޑޫ އެފްސީ އަށް ވީ ގޮތުގެ މިސާލު ދައްކަމުން އޭނާ ބުންޏެވެ.

ވިކްޓަރީ އަށް ކުރިމަތިވި މައްސަލަތަކާ ބެހޭގޮތުން އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު އާދަމް ބަހެއް ހޯދަން ކުރި މަސައްކަތް އޭނާ ފޯނަށް ޖަވާބު ނުދޭތީ ކާމިޔާބެއް ނުވި އެވެ.