Roadha Mihaaru
މަމްސް އިން ޖީނާއަށް އަޅައިދިނީ "ގަނޑުވަރެއް"

މަމްސް އިން ޖީނާއަށް އަޅައިދިނީ "ގަނޑުވަރެއް"

14 ފެބުރުއަރީ 2024

ކުލީ ކޮޓަރީގައި ނިކަމެތި ހާލުގައި އުޅުން ނޫން ހަނދާނެއް އައިޝަތު ޖީނާގެ ނެތެވެ. އުފަން ރަށް ގއ. ކަނޑުހުޅުދޫ ދޫކޮށް، ވަރަށް ކުޑައިރު މާލެއަށް ބަދަލުވީންސުރެ އޭނާގެ ދިރިއުޅުމަކީ އެއީ އެވެ. ކައިވެންޏެއްކޮށް ދެ ދަރިން ލިބުނު ފަހުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އިތުރަށް ނިކަމެތިވި އެވެ. އެ ދިރިއުޅުމުން ނުކުމެ ރަށަށް އަނެއްކާވެސް ބަދަލުވީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުލީ ކޮޓަރީގައި ނިކަމެތި ހާލުގައި އުޅުން ނޫން ހަނދާނެއް އައިޝަތު ޖީނާގެ ނެތެވެ. އުފަން ރަށް ގއ. ކަނޑުހުޅުދޫ ދޫކޮށް، ވަރަށް ކުޑައިރު މާލެއަށް ބަދަލުވީންސުރެ އޭނާގެ ދިރިއުޅުމަކީ އެއީ އެވެ. ކައިވެންޏެއްކޮށް ދެ ދަރިން ލިބުނު ފަހުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އިތުރަށް ނިކަމެތިވި އެވެ. އެ ދިރިއުޅުމުން ނުކުމެ ރަށަށް އަނެއްކާވެސް ބަދަލުވީ އެވެ.

މާލޭގައި އުޅެފައި ކައިވެންޏެއް ކޮށް ފިރިމީހާގެ ރަށަށް ބަދަލުވުމަށް ފަހު ކުރިމަތިވި އަނިޔާގެ ހިތްދަތިކަމަށް ފަހު އުފާވެރި ހަޔާތަކަށް ކުރި ދަތުރުގައި ޖީނާ އާއި އޭނާގެ ކުދިންނަށް މި ލިބުނީ ހީނުކުރާ ވަރުގެ ބޮޑު އުފަލެކެވެ. މަމްސް ޖަމިއްޔާގެ އެހީގައި، ޖީނާ ދެކޭ ގޮތުގައި، ހޯދައިދިނީ ގަނޑުވަރެކެވެ.

މަމްސް އެއިޑް ޖަމިއްޔާގެ ޖެނަރަލް ސެކްރަޓަރީ އަދި އެގްޒެކްޓިވް ޑިރެކްޓަރު ފާތިމަތު ރިޔާސާ، "މިހާރު" އަށް ވިދާޅުވީ މިއީ ކޮންމެ އަހަރަކު އެ ޖަމިއްޔާއިން ކުރިއަށް ގެންދާ "ހިޔާވެހި" ކެމްޕެއިނުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފަސް ވަނަ އާއިލާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެއާ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކުގެ ތެރެއިން މި ޝޯޓްލިސްޓް ކުރަނީ އެއް ފަރާތެއް. އެއީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު." ރިޔާސާ ވިދާޅުވި އެވެ.

ޖީނާއަކީ އަމިއްލަ ގޯއްޗެއް ވެސް އޮތް މީހެއް ނޫނެވެ. އެހެންވެ އޭނާއަށް ރަށުގައި ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދެވެން އޮތީ ގޯއްޗެއް ލިބިގެންނެވެ.

ރިޔާސާ ވިދާޅުވި ގޮތުގައި ގޯއްޗެއް ހަމަޖައްސާފައި ވަނީ މަމްސް އެއިޑް ޖަމިއްޔާ އިން ކައުންސިލުގައި އެދިގެން ކަމަށެވެ. ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏަކާ ހަވާލުކޮށްގެން އެ ގޯތީގައި ގޭގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި ހިސާބުގަ އެވެ.

ގޭގެ މަސައްކަތް އެއްކޮށް ނިންމައި، މިމަހު ޖީނާއަށް ގެ ހަވާލުކުރީ އެންމެ ޒަމާނީ ފެންވަރަށް އެތަން ހަދައި ނިންމައިފަ އެވެ. ތިން ކޮޓަރީގެ އެ ގޭގެ ސިޓިން ރޫމުގައި ތަށިމުށި ޖަހައި، ސޯފާ ބަހައްޓާފައި ހުރިއިރު ހަމަޖެހިލައިގެން ޓީވީ ބަލައިލެވޭނެ އިންތިޒާމު ހުރީ ހަމަޖައްސައިފަ އެވެ. އެތަން ޒީނަތްތެރިކުރަން ތިރީގައި ކާޕެޓް އަޅައި މާގަސްތައް ވެސް ބައްޓާފައި ހުއްޓެވެ.

މަމްސް ޖަމިއްޔާ އިން ޖީނާގެ ދިރިއުޅުން ވަނީ ބަދަލުކޮށްލާފައި.

މަމްސް ޖަމިއްޔާ އިން ޖީނާގެ ދިރިއުޅުން ވަނީ ބަދަލުކޮށްލާފައި.

ޖީނާގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުންނާތީ ދެ ކުދިންނަށް ދެ ކޮޓަރި ހާއްސަކޮށްފައި ހުއްޓެވެ. މި ތަންތަނުގައި ވެސް އެ ކުދިންނާ ގުޅޭ ފޮތްތަކާއި ކުޅޭ އެއްޗެހި ބަހައްޓާފައި ހުރިއިރު އެތަނުގައި ކިޔަވަން ތިބެވޭނެ ގޮތަށް ފަހުގެ މޭޒާއި ގޮނޑި ބަހައްޓާފައި ހުއްޓެވެ.

ޖީނާއަށް ވެސް ކޮޓަރިއެއް ހަދާފައި ހުރިއިރު އެތަނުގައި ބޮޑު އެނދަކާއި އަރަމާރިއެއް އެބަ ހުއްޓެވެ. ފްރިޖާއި ދޮންނަ މެޝިން ވެސް ހުރީ ބަހައްޓައިފަ އެވެ. ފާހާނާ ވެސް ހުރީ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ.

މަމްސް އެއިޑް އިން ޖީނާ އަށް ހަދައިދިން ގެ.

މަމްސް އެއިޑް އިން ޖީނާ އަށް ހަދައިދިން ގެ.

ބަދިގޭގައި ވެސް ބޮޑު ބަދިގެ ސެޓެއް ހަރުކޮށް މުޅިން އާ ރީތި ގެއެއް ޖީނާއަށް ހޯދައިދިން އިރު މި ހުރިހާ ކަމަކަށް މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މަމްސް އެއިޑުން އާންމުކޮށްފައިވާ ވީޑިއޯގައި ވެސް ޖީނާގެ ހިތްދަތި ދިރިއުޅުން ދައްކުވައިދެ އެވެ.

އޭނާ ކިޔައިދޭ ގޮތުގައި ކުޑައިރުން ފެށިގެން ވެސް އޭނާ އުޅުނީ މަންމަ އާއި ބައްޕައާ އެކު މާލޭގަ އެވެ.

"މާލޭގައި ދިރިއުޅުނީ ވެސް އެއް ގެއިން އަނެއް ގެއަށް ބަދަލުވަމުން. ބައެއް ފަހަރު ދެތިން މަސް އުޅެފައި ޖެހިދާނެ ބަދަލުވާން. ކިޔެވުން ދޫކޮށްލާފައި އަމިއްލަ ވަޒީފާއަކަށް ދިޔައީ މަންމައަށް ލުއި ކުރުމަށް،"

އެކަމަކު ކައިވެނި ކޮށްގެން ފިރިމީހާގެ ރަށަށް ބަދަލުވުމުން ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށް އޭނާވި ކަމަށް ބުންޏެވެ.

"އެކަންވީ [ކައިވެނިކޮށްގެން އެހެން ރަށަކަށް ބަދަލުކުރުން] އަނިޔާއަކަށް. ޖީނާއަށް ލިބުނީ ހިތާމަ އާއި ހިތްދަތިކަން. ފިރިމީހާގެ ފަރާތުން ހުސް އަނިޔާ ލިބުނީ. އަބަދުވެސް އަޅުގަނޑު ނިކަމެތި ކުރުމުގެ އުސޫލު ގެންގުޅުނީ،"

އެ ހިތްދަތިކަމުން ސަލާމަތްވާން އަނެއްކާ ވެސް އޭނާގެ ދިރިއުޅުން މައިންބަފައިންގެ ގާތަށް ބަދަލުކުރީ އެންމެ ދަރިއަކު ހުއްޓާ އެވެ. އެކަމަކު އިތުރު ކުއްޖަކަށް ބަލިވެ އިންކަން އޭނާއަށް އެނގުނީ ބަނޑަށް ހަ މަހުގަ އެވެ.

"ފިރިމީހާ އެ ވަރަށް އަނިޔާކުރީމަ އެއްވެސް ކަހަލަ އިހުސާސެއް ނެތް އަސްލު. ކުއްޖަކާ ބަލިވެ އިންކަން ވެސް އެނގުނީ ހަ މަހުގައި." ދެ ދަރިންގެ ޒިންމާ އެކަނިމާއެކަނި އުފުލަމުން އަންނަ ޖީނާ ބުންޏެވެ.

އޭގެ ފަހުން ހެދިކާ ވިއްކައިގެން އާމްދަނީ ހޯދަމުން އައިސް އޭނާގެ އާއިލާ ރަށަށް ބަދަލުވި ފަހުން އަދިވެސް އޭނާ އުޅެނީ ރަށުގަ އެވެ. އެކަމަކު އެއް ގެއިން އަނެއް ގެއަށް ބަދަލުވެ އެހެން އުޅެމުން ދަނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތިގެންނެވެ.

"އަޅުގަނޑު ބޭނުމީ އަޅުގަނޑަށް އުފަލެއް ނެތަސް އަޅުގަނޑުގެ ދަރިންނަށް އުފާ ލިބުން،" އޭނާ ބުންޏެވެ.

ގޭގެ މަސައްކަތް އެއްކޮށް ނިންމައި އެ ގެ، އޭނާއަށް ހަވާލުކުރުމުން ރޮވުނީ އެހެންވެ އެވެ.

އުފަލުން ގޮސް ފެންކަޅިވެފައި އިން ޖީނާ ދިން އިންޓަވިއުގައި ބުނީ ކުރެވެނީ ހުރިހާ ހުވަފެނެއް ހަގީގަތަކަށްވި އިހުސާސް ކަމަށެވެ.

"ބުނާނެ އެއްޗެއް ވެސް ނޭނގެ، ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން. ޖީނާއަށް އަމިއްލަ ވަޒަނެއް ދިނީތީ. މިއަށް ވުރެ އިތުރު ރައްކާތެރި އިތުރު ތަނެއް ދެން ހިޔެއް ނުވޭ ލިބޭނެހެން. އެތައް ވޭނެއް ތަހައްމަލުކޮށްފައި އެކުދިންނަށް ވެސް ރައްކާތެރި މާހައުލަކަށް އާދެވުމުން ވަރަށް އުފާވޭ،"

"ހީވަނީ ގަނޑުވަރެއް ހެން. މިއީ ޖީނާއަށް ގަނޑުވަރެއް،" ނިންމާލަމުން ބުންޏެވެ.

މަމްސް އެއިޑްގެ ސްޕޮންސަރުންގެ އެހީގައި، ގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއި އެމީހުންގެ އަންނައުނާއި ހަ މަހުގެ ކާބޯތަކެތި ވެސް ވަނީ ފޯރުކޮށްދީފަ އެވެ.