Roadha Mihaaru
އެމްއައިބީގެ މަސައްކަތްތަކަށް ބަދަލުތަކެއް!

އެމްއައިބީ ހުޅުވާ ވަގުތު އިތުރުކޮށް، ވިޔަފާރިތަކަށް ހާއްސަކޮށް ބޮޑެތި ބަދަލުތަކެއް!

04 ފެބުރުއަރީ 2024

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިދުމަތް ހޯދާ ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ވިޔަފާރިތަކަށް ހާއްސަކޮށް ބަދަލުތަކެއް ގެނެސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިދުމަތް ހޯދާ ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ވިޔަފާރިތަކަށް ހާއްސަކޮށް ބަދަލުތަކެއް ގެނެސްފި އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ބިޒްނަސް ބޭންކިން އަށް އަމާޒުކޮށް ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރެއް ހެޑް އޮފީހުގައި ބެހެއްޓުމާއި ބަލްކް ކޭޝްއާ ގުޅޭ ހިދުމަތް ދިނުމަށް ވަކި ކައުންޓަރުތަކެއް ހަމަޖެއްސުން ހިމެނެ އެވެ.

އެމްއައިބީ އިން ކުރިން ހިދުމަތް ދެމުން އައީ ހެނދުނު 8:30 އިން މެންދުރު 2:00 އާ ހަމައަށް ކަމަށް ވިޔަސް މިހާރު ވަނީ ހަވީރު 4:00 އަށް ވަގުތު އިތުރުކޮށްފަ އެވެ.

އެމްއައިބީ އިން ބުނިގޮތުގައި، ކާޑުން ނެގޭ އަދަދަށް ވުރެ ގިނައިން ފައިސާ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް ހަވީރު 4 ޖެހުމާ ހަމައަށް ހެޑް އޮފީހުގެ ފުރަތަމަ ފްލޯއިން އެ ހިދުމަތް ލިބޭނެ އެވެ.

ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި އޭޓީއެމް މެޝިންތައް އިތުރުކުރުމަށް ނިންމާފައިވާނެ ކަމަށާއި އެ މެޝިންތަކުން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ވިޔަފާރިތަކުން އާއްމުކޮށް ޗެކު ޖަމާކުރުމުގެ ހިދުމަތް ބޭނުންވާއިރު, އެ އޭޓީއެމްތަކުން އެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ބުންޏެވެ. ބޭންކިންގެ ހިދުމަތްތައް ދޭ ދުވަސްތައް އިތުރުކުރުމުގެ ގޮތުން، ކުރިއަށް އޮތް ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދުގައި ވެސް ވެސް ހިދުމަތް ދޭން އެމްއައިބީ އިން ވަނީ ނިންމައިފަ އެވެ.

އެ ބޭންކުން ބުނީ، އަލަށް ގެނައި ބަދަލުތަކަކީ ބިޒްނަސް ބޭންކިންގެ ކަސްޓަމަރުން އިތުރުވަމުން ދިއުމާ ގުޅިގެން ވިޔަފާރިތަކުން ބޭންކިންގެ ހިދުމަތް ހޯދުމަށް ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށެވެ. އެއީ ބޭންކިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށް ބުންޏެވެ.

ބިޒްނަސް ބޭންކިންގެ އިތުރުން ރީޓެއިލް ބޭންކިންގެ ހިދުމަތް ހޯދާ އާއްމު ކަސްޓަމަރުންނަށް ވެސް ހަވީރު 4 ޖަހަންދެން ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ. ރީޓެއިލް ބޭންކިންގެ ތަޖުރިބާ ފުރިހަމަ އަށް ދިނުމުގެ ގޮތުން އޮންލައިންކޮށް އެކައުންޓު ހުޅުވުމުގައި ސަޕޯޓު ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ބޭންކުގެ ބިޒްނަސް ސެންޓަރުގެ ފުރަތަމަ ފްލޯގައި ކައުންޓަރެއް ވަނީ ހުޅުވައިފަ އެވެ. އެމްއައިބީގެ ހިދުމަތް ހޯދުމަށް އަންނަ އިސް ރައްވެހިންނާއި މާބަނޑު މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރުތަކެއް ވެސް އެމްއައިބީގެ ހެޑް އޮފީހުގައި ވަނީ ހުޅުވައިފަ އެވެ.

އެމްއައިބީ އަކީ އެ ބޭންކުގެ ރީޓެއިލް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. އެ ބެންކުން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް, ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.