Roadha Mihaaru
ވެލެންސިއާ މައްސަލާގައި ތޮލާލްގެ ގެކައިރިއަށް އެއްވެއްޖެ

އޮޅުވާލައިގެން ވެލެންސިއާގެ ބޯޑް ބަދަލުކުރިކަމަށް ބުނެ ތޮލާލްގެ ގެ ކައިރިއަށް އެއްވެއްޖެ

30 ޖެނުއަރީ 2024

ވެލެންސިއާ އަށް ނޭނގި، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެ ކްލަބްގެ ބޯޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ އޭނާ ދިރިއުޅޭ ގެ ކައިރިއަށް މިރޭ ބަޔަކު އެއްވެ އޭނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

ވެލެންސިއާ އަށް ނޭނގި، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެ ކްލަބްގެ ބޯޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ އޭނާ ދިރިއުޅޭ ގެ ކައިރިއަށް މިރޭ ބަޔަކު އެއްވެ އޭނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

މާވެޔޮ މަގު މަރުހަބާ ފިހާރަ ކައިރީގައި ހުންނަ އެ ގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި އިސްކޮށް ހުރީ ވެލެންސިއާގެ ކުރީގެ ބޯޑް މެންބަރު އަދި އެފްއޭއެމްގެ ހެޑް އޮފް މެއިންޓަނަންސް ހުސައިން ވަހީދު (ދޮނާ) އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްއާ ވަރަށް ގާތްކޮށް ފެނަނަ ހުސައިން ވަހީދު މިރޭ، ބުނީ ތޮލާލް ދިރިއުޅޭ ގެކައިރި އަށް އެއްވީ ވެލެންސިއާގެ މެންބަރުންތަކެއް ކަމަށެވެ.

އޭނާ ބުނިގޮތުގައި ވެލެންސިއާގެ ބޯޑް ބަދަލު ކުރީ ބޯޑު މެންބަރެއްގެ ގޮތުގައި އޭނާ ވެސް ހުރި އިރު އޭނާ އަށް ވެސް އަދި ބޯޑްގެ އެހެން މެންބަރުންނަށް ވެސް ނޭނގި ކަމަށެވެ. އެ ބަދަލުގައި ގެނައުމުގައި އެންމެ އިސްކޮށް ހުރީ ވެލެންސިއާގެ މިހާރުގެ ޗެއާމަން އަބްދުﷲ އަޒްމީނާއި އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް (ޓޮމް) ކަމަށް ވެސް ހުސައިން ތުހުމަތު ކުރި އެވެ. އަދި ކްލަބްގެ މެންބަރުންގެ އެއް ވެސް ރުހުމަކާ ނުލައި އައްޔަން ކުރި ބޯޑް ތޮލާލް ރަޖިސްޓަރީ ކޮށްދީފައިވުމުން ވެލެންސިއާގެ މެންބަރުން ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

"ކްލަބަށް ނޭނގި އަޒުމީނު އާއި ޓޮމް ތޮލާލްއާ ގުޅިގެން އެކަން ކުރީ. ތޮލާލް ވަނީ އެ ބޯޑް ރަޖިސްޓަރީކޮށް ދީފަ. ކްލަބަކަށް ނޭނގެ ބޯޑް ބަދަލު ކުރިކަމެއް. ކްލަބްގެ ނައިބު ރައީސްއަކަށް ނޭނގެ އެކަން ކުރި ކަމެއް. "އަޅުގަނޑު ވެސް ބޯޑް މެންބަރަކަށް ހުރި އިރު އަޅުގަނޑަށް ވެސް ނޭނގި ބޯޑުން ވަކިކޮށް އެހެން ބަޔަކު ބޯޑަށް ލީ. ބޯޑްގެ އެހެން މެންބަރުނަކަށް ވެސް ނޭނގެ،" ހުސައިން ވަހީދު ބުންޏެވެ.

ހުސައިން ވަހީދު އާއި އޭނާއާ އެކު އެއްވި މީހުން ވަނީ އަޒުމީނު އާއި ބޯޑަށް އަލުން އައްޔަން ކުރި މެންބަރު އަހްމަދު ޝަރީފް (މާޑޭ) ގެ ފޮޓޯ ހިފައިގެން ތިބެ އަޑުގަދަކޮށްފަ އެވެ. ފަހުން ފުލުހުން އެ ސަރަހައްދަށް އައުމުން އެ މީހުން އެ ތަން ދޫކޮށް ދިޔަ އެވެ.

މި މަހު ބާއްވަން އިއުލާން ކުރި އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް އާއި ތޯރިގަށް ވެސް ވެލެންސިއާއިން ތާއީދުކޮށްފައި ވުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ތާއީދުގެ ސިޓީތައް ބާތީލު ކުރި އެވެ. އެއާ އެކު ތޯރިގުގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ނިންމި އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން އޭނާ ހުށަހެޅި އިރު އެފްއޭއެމްގައި އިސްތިއުނާފް ކޮމިޓީއެއް ވެސް ނެތެވެ. މިހާރު ފީފާއިން އަންގައިގެން އިންތިހާބުގެ މަސައްކަތް އެފްއޭއެމުން ވަނީ ހުއްޓާލައިފަ އެވެ.