Roadha Mihaaru
ތަޅުމުގައި އަނިޔާވި މެންބަރު ހޮސްޕިޓަލަށް

ތަޅުމުގައި އަނިޔާވި މެންބަރަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފި

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގި މާރާމާރީގައި އަނިޔާވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމަށް ފަރުވާދޭން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގި މާރާމާރީގައި އަނިޔާވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމަށް ފަރުވާދޭން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވައިފަ އެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ޝަހީމް ހޮސްޕިޓަލަށް ގެންދަން މަޖިލީހަށް އެމްބިއުލާންސް ގެންގޮސްފައި

ޝަހީމް ހޮސްޕިޓަލަށް ގެންދަން މަޖިލީހަށް އެމްބިއުލާންސް ގެންގޮސްފައި

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.

ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.

މިހާރު ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަނީ މަޖިލިސް ތެރޭގައި ދުންމާރު ފުމެ، އަޑުގަދަ ކުރަމުންނެވެ.

ވޯޓު ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވ

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.