Roadha Mihaaru
ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ޕީއެންސީއަށް!

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ޕީއެންސީއަށް!

25 ޖެނުއަރީ 2024

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފި އެވެ.

މިރޭ އެ ޕާޓީއާ ގުޅިވަޑައިގަތީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވަކިވެ ވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްއާ ގުޅިވަޑައިގަތް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރާއި މާފަންނު ހުޅަނގު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަރީޝްގެ އިތުރުން ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އައިޝަތު ނާޒިމާ އެވެ.

ތިން މެންބަރުން ވެސް ވަނީ މިރޭ ޕާޓީއާ ގުޅިވަޑައިގެން، މެމްބަޝިޕް ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވައިފަ އެވެ.

ކައުންސިލަރު ނާޒިމާ ރައީސާ ފޯމު ހަވާލުކުރައްވަނީ --

ކައުންސިލަރު ނާޒިމާ ރައީސާ ފޯމު ހަވާލުކުރައްވަނީ --

މި ތިން މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، އެންމެ ފަހުން ބޭއްވި ސިޓީ ކައުންސިލް ބައި-އިލެކްޝަންގައި މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަހްމަދު ރިޝްވާން ވެސް ވަނީ ހުވާކުރެއްވުމުގެ ކުރިން ޕީއެންސީއަށް ގުޅިވަޑައިގެންފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 16 އަަށް މިހާރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ދާދިފަހުން ބޭއްވިމާލޭ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އާދަމް އާޒިމެވެ.