Roadha Mihaaru
ކޮމިޓީގެ ލަފަޔަކީ ހެނދުނު 9-5އަށް ވޯޓުލުން ބާއްްވަން

ކޮމިޓީން ލަފާދިނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 9 އިން ހަވީރު 5 އަށް ބާއްވަން!

23 ޖެނުއަރީ 2024

މި އަހަރުގެ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް އަށް ކުރިއަށް ގެންދަން އެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ގައުމީ ލަފާދޭ ކޮމިޓީން މިއަދު ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި އަހަރުގެ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް އަށް ކުރިއަށް ގެންދަން އެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ގައުމީ ލަފާދޭ ކޮމިޓީން މިއަދު ހުށަހަޅައިފި އެވެ.

އިދާރީ އަދި ގާނޫނީ ހުރަސްތަކެއް ހުރުމުން މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ ރޯދަ މަހުގެ ދެ ވަނަ ހަފުތާގަ އެވެ.

ވޯޓުލާ ދުވަސް ދިމާވަނީ ރޯދަމަހާ ކަމަށް ވުމާ އެކު، ލަފާދޭ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ފެންނަ ވަގުތެއް ހުށަހަޅަން އެދިފަ އެވެ.

އެ ފުރުސަތުގައި ހުރިހާ ސިޔާސީ ޕާޓީއަކުންނާއި މުއައްސަސާތަކުން ވެސް ބުނީ ވޯޓުލުން ބާއްވަން ފެންނަނީ އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 ޖަހަންދެން ކަމަށެވެ. އާންމުކޮށް އިންތިހާބުތަކުގެ ވޯޓުލުން ފަށަނީ ހެނދުނު 8 ޖަހާއިރު އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި ފަހަރުގެ އިންތިހާބުގެ ވޯޓުލާން ފަށާ ގަޑި ލަސްކުރަން ކޮމިޓީން ހުށަހެޅީ ރޯދަމަސް ކަމަށް ވުމާ އެކު، އެހެން މަސްތަކާ ތަފާތުވާނެތީ ވަގުތު ދިނުމަށެވެ.

ކޮމިޓީގެ މެންބަރުން ވަނީ ރޯދަ ވީއްލަން ގެ އަށް ދެވޭހާ ވަގުތު ދީގެން، ވޯޓު ލާ ނިމޭ ގަޑި ކަނޑައަޅަން ޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ. ފުލުހުން ވެސް ވަނީ ރޯދަ ވީއްލާ ގަޑިއާ މާ ވަގުތު ކުޑަތަން ކޮށްފައި ވޯޓުލުން ބަންދުކުރާ ނަމަ، މައްސަލަތަކެއް ކުރިމަތިވެދާނެ ކަން ފާހަގަކޮށް، ހަވީރު 5 ޖަހާއިރު ވޯޓުލުން ބަންދު ކުރުމަކީ އެކަށީގެންވާ ވަގުތު ކަމަށް ފާހަގަކޮށްފަ އެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ހުށަހެޅުންތަކަށް ބަލައި، ގޮތް ނިންމާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ވޯޓުލާ ވަގުތާ ގުޅޭ ގޮތުން މެންބަރުން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށް ނުވަތަ އިތުރު ބަދަލެއް ނުގެނައުމަށް އެދިފަ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ މި ފަހުން ބޭއްވި އިންތިހާބުތަކުގައި ވެސް އަމަލު ކޮށްފައި ވާނީ އެގޮތަށް ކަން ފާހަގަކުރައްވައި އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.

މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަނީ ކަލަންޑަރުގައި މިހާރު އޮތް ގޮތް ރަސްމީ ދުވަހެއްގައި ކަމަށް ވާތީ، އެ ދުވަސް ބަންދު ކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުގެ ބައްދަލުވުމުގައި ބުންޏެވެ.