Roadha Mihaaru
ދިއްދޫ ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލަ މަޖިލީހަށް

ދިއްދޫ ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދިނުމަށް އެދި މައްސަލަ މަޖިލީހަށް!

17 ޖެނުއަރީ 2024

ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން 53 މުވައްޒަފެއްގެ އެއްބަސްވުން އާ ނުކޮށް، ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން 53 މުވައްޒަފެއްގެ އެއްބަސްވުން އާ ނުކޮށް، ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ކަމާ ގުޅޭ ގުޅޭ ކޮމިޓީ އަށް ފޮނުއްވުމަށް އެދިވަައިގެން އޭނާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދިއްދޫގައި ފެނަކަ އިން ހަދަމުން އަންނަ އާ އިންޖީނުގެ އާއި އައިސްޕްލާންޓުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި މުވައްޒަފުން ވަކިކުރުން ބަލައިނުގަނެވޭ ކަމަށެވެ.

"އެ މުވައްޒަފުންނަށް ނޯޓިސް ނުދީ، ކުއްލި ގޮތަކަށް މިހެން ވަޒީފާއިން ވަކިކުރުމުން، އެ މަސައްކަތްތައް ވެސް ހުއްޓި، އެދި މުވައްޒަފުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ވެސް ނުހަނު ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް ކުރިމަތިވެގެންދާނެ،" އިދިކޮޅު އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދުގެ ސިޓީގައި ވެ އެވެ.

އޭނާ އެދިވަޑައިގަތީ މަޖިލީހުން އެ މައްސަލަ ބަލައި ހަވާލުކޮށްފައިވާ މަޝްރޫއު ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށެވެ.

މި މައްސަލައާ ގުޅިގެން އެ މުވައްޒަފުން އިއްޔެ އިހުތިޖާޖު ކޮށްފައިވާއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ މި ވަގުތަށް ދިއްދޫގައި ކުރާނެ މަސައްކަތެއް ނެތް ކަމަށާއި ކޮންޓްރެކްޓް މުވައްޒަފުންގެ މުއްދަތު ހަމަވުމުން އެ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރީ ކަމަށެވެ.

ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވަނީ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރި ގޮތުން މާލީ ގޮތުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާ އެއް ކުންފުންޏަކީ ފެނަކަ އެވެ. ބޭނުން ނުވާ މަގާމުތަކަށާއި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި އެތައް ބަޔަކަށް ވަޒީފާ ދިނުމުން ބޮޑެތި ގޮންޖެހުންތަކަކާ އެ ކުންފުންޏަށް މިހާރު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.