Roadha Mihaaru
ބުރުގާ އެޅި މޮޑެލްއަކަށް ބޮޑެތި ހުށަހެޅުންތަކެއް

ބުރުގާ އެޅި މޮޑެލްއަކަށް ބޮޑެތި ހުށަހެޅުންތަކެއް

20 ފެބުރުއަރީ 2017

ބުރުގާ އަޅައިގެން އެމެރިކާގެ ރީތީގެ މުބާރާތް، މިސް ޔޫ.އެސް.އޭ ގައި ވާދަކުރި ހަލީމާ އޭޑެން އަކީ އެ މުބާރާތުގައި އެގޮތަށް ވާދަކުރި ފުރަތަމަ މުސްލިމެވެ. މިހާރު އޭނާ އަކީއެންމެ ބޮޑު މޮޑެލް އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ އައިއެމްޖީ މޮޑެލްސްގެ މޮޑެލެކެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ބުރުގާ އަޅައިގެން އެމެރިކާގެ ރީތީގެ މުބާރާތް، މިސް ޔޫ.އެސް.އޭ ގައި ވާދަކުރި ހަލީމާ އޭޑެން އަކީ އެ މުބާރާތުގައި އެގޮތަށް ވާދަކުރި ފުރަތަމަ މުސްލިމެވެ. މިހާރު އޭނާ އަކީއެންމެ ބޮޑު މޮޑެލް އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ އައިއެމްޖީ މޮޑެލްސްގެ މޮޑެލެކެވެ.

މިސް ޔޫއެސްއޭގެ ތާރީހުގައި، ބުރުގާ އަޅައިގެން މީހަކު ބައިވެރި ވެފައެއް ނުވެ އެވެ. އެކަން ނިމުމަކަށް ގެނައި ހަލީމާ އެ މުބާރާތުގެ ގަދަ 15 އާ ހަމައަށް ދަތުރުކުރި އެވެ. އެ މުބާރާތުގެ ސްވިމްސޫޓު ރައުންޑުގައި ވެސް ހަލީމާ ލައިގެން ހުރީ ބުރްކީނީ އެކެވެ. މިކަމަށް ގިނަ ބައެއްގެ މަލާމާތް ރައްދުވި ނަމަވެސް، ތައުރީފު ވެސް ލިބުނެވެ.

އެކަމަކު ސޮމާލިއާ ދަރިކޮޅުގެ، އުމުރުން 19 އަހަރުގެ ހަލީމާ ރީތީގެ މުބާރާތެއްގައި ބައިވެރިވީ ހާއްސަ މެސެޖެއް ދޭން ކަމަށް އޭނާ ބުނެފައިވެ އެވެ.

ޕަބްލިކް ރިލިޖަން ރިސާޗް އިންސްޓްޓިއުޓުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި އެމެރިކާގެ ކޮންމެ 10 މީހުންގެ ތެރެއިން މުސްލިމަކާ ވާހަކަ ދައްކާފައި ވަނީ އެންމެ ހަ މީހުންނެވެ.

އެމެރިކާގައި ބޮޑުވި ހަލީމާ ބުނިގޮތުގައި ބުރުގާ އަޅައިގެން އުޅޭ މުސްލިމް އަންހެނުން އެމެރިކާގައި ފެންނަލެއް މަދުވެފައި، އިސް މަގާމުތަކުގައި ވެސް އޭގެ މީހުން މަދުކަން ފާހަގަވި އެވެ. ހަލީމާގެ އުއްމީދަކީ މިކަން ބަދަލުކޮށްލުމެވެ. ހުޅަނގުގެ ގައުމުތަކުގައި ވެސް، ބުރުގާ އަޅައިގެން ހުންނަ މުސްލިމް އަންހެނަކަށް ހިންގުންތެރި މަގާމުތަކުގައި މަސައްކަތް ކޮށް ޒުވާނުންނަށް ރޯލް މޮޑެލަކަށް ވެވޭނެކަން ސާބިތުކޮށްދޭން ބޭނުންވި އެވެ.

މޮޑެލް ހަލީމާ އޭޑެން ކާންޔޭ ވެސްޓުގެ ފެޝަން ޝޯގައި މޮޑެލް ކޮށްފައިވާ ފޮޓޯއެއް

މޮޑެލް ހަލީމާ އޭޑެން ކާންޔޭ ވެސްޓުގެ ފެޝަން ޝޯގައި މޮޑެލް ކޮށްފައިވާ ފޮޓޯއެއް

މިސް ޔޫއެސްއޭ މުބާރާތުން ހަލީމާއަށް ބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައި ވިޔަސް، ބޮޑެތި ފެޝަން ބްރޭންޑުތަކާއި މަޖައްލާތަކުން މޮޑެލް ކުރުމަށް އެދިފައިވެ އެވެ. އެގޮތުން، މޮޑެލިން އޭޖެންސީތަކުގެ ތެރެއިން އެންމެ ބޮޑު އޭޖެންސީ ކަމަށްވާ އައިއެމްޖީ މޮޑެލްސްއާ އެކު ހަލީމާ މަސައްކަތް ކުރާނެ އެވެ. އައިއެމްޖީ މޮޑެލްސް އޭޖެންސީއާ އެކު ދުނިޔޭގެ ސުޕަ މޮޑެލުން މަސައްކަތް ކުރެ އެވެ. ޖީޖީ ހަދިދް، ބެލާ ހަދިދް، އޭން ގެބީ އަދި ސާޝާ ޕިވޮވަރޯވާ ފަދަ މަގުބޫލު މޮޑެލުން އޭގެ ތެރޭގައި ހިމެނެ އެވެ.

މިއަހަރުގެ ނިއު ޔޯކް ފެޝަން ވީކްގައި ވެސް ހަލީމާ ވަނީ ކާންޔޭ ވެސްޓުގެ ޝޯގައި މޮޑެލް ކޮށްފަ އެވެ. ކަޅު ބުރުގާއެއް އަޅައިގެން، ކާންޔޭގެ "ޔީޒީ" ބްރޭންޑުގެ ކޯޓެއް ލައިގެންނެވެ. އޭނާއަށް މިޝޯގައި މޮޑެލް ކުރަން ފުރުސަތު ލިބުމުން ގިނަ ބަޔަކު ހައިރާންވެ ތައުރީފުކުރި އެވެ. މީގެ އިތުރުން، މަޝްހޫރު ފެޝަން އެޑިޓަރު ކެރީން ރޮއިޓްފެލްޑްގެ ސީއާރް ފެޝަން ބުކް މަޖައްލާގައި ވެސް ހަލީމާ މޮޑެލް ކޮށްފައިވާ ފޮޓޯތަކެއް ޝާއިއު ކުރާނެ އެވެ.

މޮޑެލް ކުރުމަކީ އައުރަ ނިވާ ނުވާ ހެދުން ލައިގެން ރީތިކަން ދެއްކުން ނޫންކަން ހަލީމާ ދައްކައިދޭން ބޭނުންވެ އެވެ. އަދި މިއީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއްކަން އޭނާ ސާބިތު ކުރަން ބޭނުންވެ އެވެ.

"ރީތި ކަމާއި ޑައިވާސިޓީއާ ބެހޭގޮތުން އަހަރެން ދޭން ބޭނުންވަނީ ޕޮޒިޓިވް މެސެޖެއް. ޒުވާން މުސްލިމް އަންހެން ކުދިންނަށް ވެސް މި ދާއިރާގައި ފުރުސަތު އޮތްކަން ދައްކައިދޭން ބޭނުން،" ހަލީމާ ބުނެފައިވެ އެވެ.