Roadha Mihaaru
ލަކްޝަދީބަށް ރާއްޖޭގެ ޓޫރިޒަމް ގުޑުވާލެވިދާނެތަ؟

ލަކްޝަދީބަށް ރާއްޖޭގެ ޓޫރިޒަމް ގުޑުވާލެވިދާނެތަ؟

16 ޖެނުއަރީ 2024

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ބިއުޓީ އަކީ ކޮބައިތޯ، ކުރީގެ ޓޫރިޒަމް މިނިސްޓަރެއްގެ އަރިހު އެހުމުން އޭނާ ޖަވާބު ދެއްވި އެވެ؛

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ބިއުޓީ އަކީ ކޮބައިތޯ، ކުރީގެ ޓޫރިޒަމް މިނިސްޓަރެއްގެ އަރިހު އެހުމުން އޭނާ ޖަވާބު ދެއްވި އެވެ؛

"އެއީ ދިވެހި ރައްޔިތުން."

ސުވާލެއް ނެތެވެ؛ ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ އެންމެ ބޮޑު ބްރޭންޑަށްވެ، އެ ޓޫރިޒަމް ދުނިޔޭގެ އެކި ގައުމުތަކުން ކޮޕީ ކުރަން ފެށީ ރާއްޖޭގެ ޓޫރިޒަމްގައި ގޮތް ނޭނގޭ، ކާމިޔާބު ސިފަތަކެއް ހުރެގެންނެވެ. އަދި، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އެތައް މިލިއަން ޑޮލަރެއް އޮއްސާލައިގެން ވެސް ރާއްޖޭގެ ޓޫރިޒަމް ނުގެނެވުނީ ވެސް އޭގައި އެހެން ސިއްރުތަކެއް އޮވެގެންނެވެ.

"އަޅުގަނޑު ކައިރީގައި ދުނިޔޭގެ ލީޑަރަކު ވިދާޅުވި ތިމަންނާމެން މި އުޅެނީ ސީދާ ރާއްޖެ ހަދާށޭ. އަޅުގަނޑު ބުނިން ރާއްޖޭގެ ޓޫރިޒަމަކީ ހަމައެކަނި ރީތިކަމެއް ނޫނޭ. ހަމައެކަނި އަގުބޮޑު ހޮޓާތަކެއް ވެސް ނޫނޭ. ހިދުމަތެއް ވެސް ނޫނޭ. އެއީ ދިވެހި މުވައްޒަފުންގެ ހިތްހެޔޮކަމާއި ހިނިތުންވުމޭ،" ކުރީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

"ދެން އޭނަ ވިދާޅުވި އެހެންވިއްޔާ ދިވެހިން ހިދުމަތަށް ވެސް ގެންދާނީއޭ."

ފަންސާސް އަހަރުގެ ޓޫރިޒަމް ފައްކާވި ގޮތް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިފަ ކުރެއްވީ ދިވެހިން ލޯތްބާއެކު ކުރި ބުރަ މަސައްކަތް އޭގައި އިމެއް، ހައްދެއް ނެތް ގޮތަށެވެ.

"ޓޫރިޒަމްގެ އަސްލު ކާމިޔާބީ އަކީ ދިވެހިންގެ އެޓިޓިއުޑް. މެހުމާންދާރީ. އަދި އެ މަސައްކަތަށް ދިވެހިން ކުރި އިހުތިރާމް. އެއްވެސް ކަމަކު ނޫނެކޭ ނުވަތަ ނުވާނެއޭ ނުބުނެ ޓޫރިސްޓުންނަށް ކޮންމެ އިރަކު ވެސް ވާން އޮތް ކޮންމެ ކަމެއް ކޮށްދޭން އުޅުން. މިއީ ޓޫރިޒަމަށް އިންވެސްޓް ކުރި ފަރާތްތައް ވެސް ޓޫރިޒަމް ބައްޓަން ކުރި ގޮތް. އަދި ދިވެހި ޓޫރިޒަމްގައި އުޅޭ މަސައްކަތްތެރިން ވެސް ޒަމާނުއްސުރެ ގެންގުޅުނު އެޓިޓިއުޑް. އެއީ ހިތްހެޔޮކަމާއި އުފަލުގައި ހިދުމަތްދިނުން،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑްގެ ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން: ޓޫރިޒަމް ވިޔާފަރި އަށް ދިވެހިން އަބަދު ވެސް އިހުތިރާމްކުރޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން: ޓޫރިޒަމް ވިޔާފަރި އަށް ދިވެހިން އަބަދު ވެސް އިހުތިރާމްކުރޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ މި ބްރޭންޑާ ދޭތެރޭ އޮތް ޔަގީންކަން އެ ގޮތުގައި ދެމިއޮންނާނެ ކަން، ޓޫރިޒަމް އިންޑަސްޓްރީގެ އެންމެންނަށް ވެސް އޮވެ އެވެ. އަދި، ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ ހިތްހެޔޮކަމާއި ހިތްތިރިކަން ގުޑުވާލެވޭނެ ދުނިޔޭގެ އެހެން އެއްވެސް ގައުމެއް ނެތް ކަން ވެސް ޔަގީނެވެ. ސަބަބަކީ، ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ ހިލާފަށް ރާއްޖޭގެ މުޅި އާމްދަނީ ބިނާވެފައި އޮތީ ވެސް ޓޫރިޒަމަށް ކަމަށް ވާތީ އެވެ.

ލަކްޝަދީބްގައި ޓޫރިޒަމް ފެށުމަކީ ރާއްޖެ އަށް ބިރެއްތަ؟

ރާއްޖޭގެ ޓޫރިޒަމް ކޮންސެޕްޓަށް ބައެއް ގައުމުތަކުގައި ރިސޯޓްތައް ހަދައި ހިންގަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެކަމަކު، އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ވަރުގަދަ ކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ފެށުމާ އެކު، ރާއްޖެ އަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިއްޖެ އެވެ. އެކަން ސިޔާސީ މައްސަލަގަނޑަކަށް ބަދަލުވެ، ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި ބޮއިކޮޓްކުރަން ގޮވާލައި އިންޑިއާގައި ވެސް، އަދި ރާއްޖޭގައި ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ދިވެހިންނަށް ބިރު ހީވީ ރާއްޖެ ކަހަލަ ގުދުރަތީ ރަށްތަކެއްގައި ލަކްޝަދީބްގައި ޓޫރިޒަމް ފެށުމެވެ. -- މިކަހަލަ ރަށްތަކެއް ދުނިޔޭގައި ވަރަށް މަދުވާނެ އެވެ.

"އެކަމަކު އެއީ އެއްވެސް ބިރެއް ނޫން،" މައުސޫމް ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބަކީ ހަމައެކަނި ރީތިކަން އެކަންޏެއް ނޫން. އަދި އަގުބޮޑެތި ރިސޯޓްތަކެއް އޮތުން އެކަންޏެއް ވެސް ނޫން. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ކާމިޔާބު ގުޅިފައި މިއޮތީ 50 އަހަރުގެ ދިގު ތާރީހަކާއި ވަރުގަދަ ބްރޭންޑްތަކަކާ. ކޮޕީ ނުކުރެވޭނެ ހިދުމަތްދިނުމަކާ."

"އެ ނޫނަސް އެހެން ކަމެއް ވެސް އެބައޮތް. އެއީ ދުނިޔޭގައި މި ނޫން ގައުމެއް ނޯންނާނެ ޓޫރިޒަމަށް ފޯކަސްކޮށްގެން ގާނޫނުތަކާއި ސިޔާސަތުތަކެއް އެކުލަވާލާ ގައުމެއް. ސަބަބަކީ އަޅުގަނޑުމެންގެ އިގްތިސާދު ބިނާވެފައި މިއޮތީ ޓޫރިޒަމްއާ. މިސާލަކަށް ސައުދީގައި ޓޫރިޒަމް ފުޅާކުރަން އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް އެބަ ހިންގާ. އެކަމަކު ސައުދީގެ އިގްތިސާދު ބިނާވެފައި އޮތީ އެނާޖީ އަށް. ޓޫރިޒަމަކަށް ނޫން. އެހެންވެ ސިޔާސަތު ހަދާއިރު އެ ގައުމުގައި އިސްކަން ދޭނީ އެނާޖީ ވިޔަފާރި އަށް ގެއްލުން ނުވާ ގޮތަށް. އަޅުގަނޑުމެން އެއާ މުޅިން ތަފާތު."

މައުސޫމް ވިދާޅުވި ގޮތުގައި ލަކްޝަދީބްގައި ޓޫރިޒަމް ފެށުމަކީ "ދިވެހިން އެކަމާ އެއްގޮތަކަށް ވެސް ހާސްވާންވީ ކަމެއް ނޫނެ"ވެ. އޭގެ ބަދަލުގައި އެ ރަށްރަށުގައި ޓޫރިޒަމް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އޮތް ރަނގަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓެއްގެ މޫދު ކޮޓަރިތައް ހުރި ސަރަހައްދުން ދެ ޓޫރިސްޓަކު ބައިސްކަލްގައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިސޯޓެއްގެ މޫދު ކޮޓަރިތައް ހުރި ސަރަހައްދުން ދެ ޓޫރިސްޓަކު ބައިސްކަލްގައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އިންޑިއާ، ލަންކާ އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ޓޫރިޒަމް ފުޅާވި ވަރަކަށް އަޅުގަނޑުމެންނަށް ވާނީ ރަނގަޅު. ސަރަހައްދީ ޓޫރިޒަމެއް އޮތިއްޔާ، މިސާލަކަށް އެއްތަނެއްގައި އެއްވައްތަރެއްގެ ފިހާރަތަކެއް ހުޅުވައިފިއްޔާ އެތަނަކަށް އެންމެން ދާނެ އެ ވައްތަރެއްގެ އެއްޗެހި ގަންނަން. ޓޫރިޒަމަކީ ގްލޯބަލް ކަމެއް. އިންޑިއާ އަށް އަންނަ ޔޫރަޕް މީހާ އިންޑިއާ އަށް އައިސްފައި އޭނަ އަށް ވިސްނޭނެ އެއްކަލަ މަޝްހޫރު ދިވެހިރާއްޖެ މިއޮތީ ވަރަށް ކައިރީގައޭ. ޖައްސާލައިފައޭ ދާނީ،" މައުސޫމް ވިދާޅުވި އެވެ.

އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ އިންޑިއާގައި ޓޫރިޒަމް ފެށުމަކީ ރާއްޖޭގައި މިއޮތް ވަރުގަދަ ބްރޭންޑަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ޔުނީކް މޮޑެލްއެއް. މިއީ 50 އަހަރުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި "ރާއްޖެ މި ހިސާބަށް އައިސް މިތިބީ ސީޝެލްސް އާއި މޮރިޝަސް ވެސް ބަލިކޮށްފަ" އެވެ.

"ލަކްޝަދީބަކީ އެންމެ ދެ އަތޮޅު، އަދި މަދު ރަށްތަކެއް. ގިނަ އިންފްރާސްޓްރަކްޗާ އާއި ކަނެކްޓިވިޓީ ބޭނުންވާނެ. އަހަރުތަކެއް ނަގާނެ މިހާރު ރާއްޖެ އޮތް ހިސާބަށް ޓޫރިޒަމް ގެންދަން،" އޭނާ ވިދާޅުވި އެވެ.

"އިންޑިއާގައި އެތެރޭގެ ޓޫރިޒަމް ވަރުގަދަކޮށްގެނެއް ރާއްޖެއަކަށް އޭގެ އެއްވެސް ގެއްލުމެއް ނެތް. މިހާރު ވެސް އެ މީހުންގެ އެތެރޭގެ ޓޫރިޒަމް ވަރަށް ވަރުގަދަ."

އިންޑިއާގެ ޓޫރިސްޓުން އައުން މަދުވެދާނެތަ؟

ފައިސަލް ވިދާޅުވި ގޮތުގައި އިންޑިއާގެ ނުފޫޒުގަދަ ބައެއް މީހުންނާއި ސޯޝަލް މީޑިއާގައި އެތައް މިލިއަން ފޮލޯވަރުން ގެންގުޅޭ ފިލްމީ ތަރިން ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް، އަދި ލަކްޝަދީބް ޕްރޮމޯޓް ކުރާއިރު ވެސް ރާއްޖޭގެ ޓޫރިޒަމަށް އަދި އެނގުމެއް ނުވެ އެވެ.

"މިއަދު ވެސް އަޅުގަނޑު ޓޫރިޒަމްގެ ބައެއް ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާލިން. އެ ބޭފުޅުން ވިދާޅުވަނީ ކެންސަލޭޝަނެއް ފާހަގަވާ ވަރަކަށް ނެތޭ،" އޭނާ އިއްޔެ ވިދާޅުވި އެވެ.

ރިސޯޓެއްގެ މުވައްޒަފަކު ޓޫރިސްޓުންނަށް ހިދުމަތް ދެނީ

ރިސޯޓެއްގެ މުވައްޒަފަކު ޓޫރިސްޓުންނަށް ހިދުމަތް ދެނީ

އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި ވެސް މުހިންމު ބައިވެރިއެކެވެ. މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ވެސް އިންޑިއާ އިންނެވެ. އެއީ 209،000 ޓޫރިސްޓުންނެވެ. އެކަމަކު، ރާއްޖޭގެ މުޅި ޓޫރިޒަމްގެ ގްރޯތުރޭޓު ކޮންމެ އަހަރަކު ހެން ޖުމްލަކޮށް މައްޗަށް ދާއިރު، އިންޑިއާ އިން ޓޫރިސްޓުން އަންނަ ވަރަށް ދޭތެރެދޭތެރެއިން ބަދަލު އާދެ އެވެ. މިދިޔަ އަހަރު އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 13 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި އޭގެ ކުރީ އަހަރު 17 ޕަސެންޓް ދަށަށް ދިޔަ އެވެ.

"މި ހިނގައިދިޔަ ކަންތަކާ ހެދި އިންޑިއާގެ ޓޫރިސްޓުން ދަށްވާ ނަމަ، އެކަމަށް އަޅުގަނޑުމެން ހާއްސަ ޕްރޮމޯޝަންތަކެއް ފަށާނަން. އަޅުގަނޑުމެން އެކަމާ މެދު ފިޔަވަޅުތަކެއް އަޅާނަން،" ފައިސަލް ވިދާޅުވި އެވެ.

"އެކަމަކު އިންޑިއާގައި ޓޫރިޒަމް ފުޅާކުރިއަސް އަޅުގަނޑަކަށް ހިޔެއް ނުވޭ އެނގޭ ވަރުގެ ބަދަލުތަކެއް ރާއްޖެ އަށް ކޮށްފާނެހެނެއް."

މައުސޫމް ވިދާޅުވި ގޮތުގައި ލަކްޝަދީބްގެ ޓޫރިޒަމް ރާއްޖޭގެ ފެންވަރަށް ގެންދިއުމަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އިންޑިއާ އިން ބޭރު ގައުމުތަކަށް ދަތުރުކުރާ މީހުން އެތެރޭގައި ހިފެހެއްޓޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް ބްރޭންޑެއް އެބަ ޖެހޭ ގެންދަން. އޭރުން ދެއްތޯ އެހެން ބްރޭންޑެއް ވެސް ދާނީ. އެއީ ރާއްޖޭގައި ވެސް އެކަން ހިނގި ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

"މި ޓޫރިޒަމް އަކީ ދުނިޔޭގެ އެކި ބްރޭންޑްތަކުން ތަރައްގީކޮށްފައިވާ ޓޫރިޒަމެއް. އެ ބްރޭންޑްތައް ރާއްޖެ އައީ ކުރިމަގު އޮތީމަ. ވިޔަފާރި އޮތީމަ."

ރާއްޖޭގައި ޓޫރިޒަމަށް ކުރިމަގު އެބައޮތެވެ. އެކަމަކު ވިސްނަން ޖެހޭ އެއް ކަމެއް ވެސް އެބައޮތެވެ. އެއީ މި ވިޔަފާރި ސިޔާސީ ނުކުރުމެވެ. ވަރުގަދަ ބްރޭންޑްތަކެއް ހުއްޓަސް، އަދި އެތައް ބިލިއަން ޑޮލަރެއް މި އިންޑަސްޓްރީ އަށް އިންވެސްޓްކޮށްފައި އޮތަސް ހަމަ ކުޑަކަމަކުން އެ އިންވެސްޓްމަންޓް ހަލާކުވެގެން ވެސް ހިނގައިދާނެ އެވެ.