Roadha Mihaaru
ޔުނާން އަލުން ހައްޔަރުކޮށްފި

ޔުނާން އަލުން ހައްޔަރުކޮށްފި

11 ޖެނުއަރީ 2024

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

ޔުނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

ހައި ކޯޓުން އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައެޅުމުގެ ކުރިން ވެސް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ވަނީ ޔުނާން އަލުން ބަންދުކޮށްދޭން އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތަށް އެދުނީ ޔުނާން ބަންދުން ދޫކޮށްލަމުން ކޯޓުން ކަނޑައެޅި ޝަރުތަކާ ހިލާފުވެފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޔުނާން ބަންދުން ދޫކޮށްލީ ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައި ވިޔަސް އޭނާ ގެއިން ބޭރުގައި އުޅެ އެވެ. ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް ވެސް ޔުނާންގެ މައްޗަށް ކޮށްފައިވެ އެވެ.

ޔުނާން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޔުނާން ދޫކޮށްލަން ހުޅުމާލޭ ކޯޓުން ނިންމީ މުޖްތަމައުގެ ސަލާމަތަށް ރިއާޔަތްކޮށް، އޭނާ ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން ދަށު ކޯޓުގެ ނިންމުމަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ޝަރުތުތަކާ އެކު އޭނާ ދޫކޮށްލަން ނިންމާފައި ވިޔަސް، ކޯޓުން ކުރި ޝަރުތުތަކަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ޝަރުތުތަކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޔުނާން ދޫކޮށްލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އަދި ޔުނާން ބަންދުކުރަން ދައުލަތުން ހުޅުމާލޭ ކޯޓުގައި އެދެފިނަމަ ހަތް ދުވަސް ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

ޔުނާންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދޭން ދައުލަތުން ހައި ކޯޓުގައި އެދުނެވެ. އެގޮތަށް އެދުނީ ސުޕްރީމް ކޯޓުގެ ޑައިރެކްޝަނާ ހަވާލާދީ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ އެ ޑައިރެކްޝަންގެ އުސޫލުތަކަށް މި ބާވަތުގެ މައްސަލަތަކަށް ނުހިނގާނެ ކަމަށެވެ.

ނަމަވެސް ޔުނާން ބަންދުކުރަން އެދެފިނަމަ، ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.