Roadha Mihaaru
ޝުޖާއު ވަކި ނުކުރަން ނިންމި ސަބަބު ސާފުކުރާނަން: ސީޕީ

ޝުޖާއު ވަކިނުކުރަން ބޯޑުން ނިންމި ސަބަބު ސާފުކުރާނަން: ސީޕީ

09 ޖެނުއަރީ 2024

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އޮފިސަރު ހަސަން ޝުޖާއު ވަކިނުކުރާ ގޮތަށް، ފުލުހުންގެ އެޕީލް ބޯޑުން ނިންމުމާ ހަމައަށް ދިޔަ ސަބަބު ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އޮފިސަރު ހަސަން ޝުޖާއު ވަކިނުކުރާ ގޮތަށް، ފުލުހުންގެ އެޕީލް ބޯޑުން ނިންމުމާ ހަމައަށް ދިޔަ ސަބަބު ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޭނާ، މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ފުލުހުންގެ ޔުނިފޯމު ލައިގެން އުޅޭ މީހަކަށް ނުވަތަ ފުލުހަކާ ދޭތެރޭ އެހާ ބޮޑު ތުހުމަތެއް ކުރެވޭއިރު، އެ މީހަކު ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމާނީ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

ޝުޖާއުއާ ދޭތެރޭ ވެސް އަމަލުކުރީ އެ އުސޫލުންކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ، އެ ބޯޑުގެ ނިންމުން ބަދަލުވި ގޮތް ބަލާނެ ކަމަށެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރަން، އާއްމުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންޖެހެ އެވެ. އެ ބޯޑުން ވަނީ، ސީނިއާ ސާޖެންޓުގެ މަގާމުގައި އޭރު ހުންނެވި ޝުޖާއު ވަކިކުރަން ނިންމައިފަ އެވެ. ނަމަވެސް، އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން އެ ކޮމިޓީން ނިންމީ ސާޖަންޓް ގްރޭޑު 3ގެ ލެވެލް އަށް މަގާމު ދަށްކުރާށެވެ.

ޕޮލިސް ކޮމިޝަނަރު ޝުޖާއު، މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު ޝުޖާއު، މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީޕީ ވިދާޅުވީ ފުލުހެއްގެ ގޮތުގައި ޝުޖާއު މަސައްކަތްކުރާނެ ވަރުގެ ނަޒާހަތްތެރިކަމެއް ނެތް ކަމަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް އާއްމުކޮށް ކަނޑައަޅަނީ "ބެލެންސް އޮފް ޕްރޮބިބިލިޓީ" އަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

"ހުރިހާ އެންމެންނަށް ވެސް ލިބިދީފައިވާ ހައްގެއް އެއީ، އެޕީލް ބޯޑަށް ހުށަހެޅުން. ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ކުރި ތަހުގީގުގައި އޭގައި ކަމެއް މަދުވެފައި އޮތްތޯ ނޫނީ އެ ނިންމުމަށް ވާސިލްވީ ކީއްވެގެންތޯ ދިރާސާކުރާނެ." ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކުރި ޝުޖާއު އާއި އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، ހައްޔަރުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ.

އެ މައްސަލައާ ގުޅިގެން ޝުޖާއު ޑީމޯޓުކުރަން ނިންމިއިރު، އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި ކެނެބިސް މުއާމަލާތްކުރުމުގެ ދައުވާކޮށް، ޖެނުއަރީ 9، 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅިގެން އޭނާ ސަސްޕެންޑުކުރި އެވެ. އެ މުއްދަތު ހަމަވުމުން، ވަޒީފާއަށް ނުކުންނަން ފަށައި، މި ފަހުން އޭނާގެ ޑިޕާޓްމަންޓް ބަދަލުކޮށްފައިވެ އެވެ.