Roadha Mihaaru
ޑިފެންސް ޗީފް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ޑިފެންސް ޗީފް އަބްދުއްރަހީމް، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

25 ޑިސެމްބަރ 2023

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމްއެންޑީއެފްގެ އިންޓަގްރޭޓެޑް ހެޑްކުއާޓާގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިންޑިއާ އެމްބަސީގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޑީޕަކް ބާލީ ވެސް ބައިވެރިވެވަޑައިގަތެވެ.

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އަސްކަރީ އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އަދި ސަލާމަތީ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ވެސް މަޝަވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު މުނޫ މަހާވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިންޑިއާއާ އެކު ބައްދަލުވުމެއް ބާއްވާފައި ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަޝްވަރާތައް ދެ ގައުމުގެ އެންމެ މަތީ ފެންވަރުގައި ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކަމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު އެތައް ސަތޭކަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ތުހުމަތުކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އެކަމާ ދެކޮޅަށް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސައްކަތްކޮށް، އިދިކޮޅުގެ ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.