Roadha Mihaaru
މެޑިކަލް ނެތި ދެން ވިސާ އިތުރެއް ނުކުރެވޭނެ: އިހުސާން

މެޑިކަލް ނެތި ދެން ވިސާ އިތުރެއް ނުކުރެވޭނެ: އިހުސާން

25 ޑިސެމްބަރ 2023

ބިދޭސީން މެޑިކަލް ސްކްރީނިން ހެދުން ނޫން ގޮތެއް ދެން ނެތް ކަމަށާއި އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުނުކުރާ ނަމަ ވިސާ އާ ނުކޮށްދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިދޭސީން މެޑިކަލް ސްކްރީނިން ހެދުން ނޫން ގޮތެއް ދެން ނެތް ކަމަށާއި އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުނުކުރާ ނަމަ ވިސާ އާ ނުކޮށްދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް އަންނަ ބިދޭސީން މެޑިކަލް ހެއްދުން އިހުތިޔާރީ ކަމަކަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ސަރުކާރުން ވަނީ ރާއްޖެ އަށް އަންނަ އަދި މި ވަގުތު ރާއްޖޭގައި ތިބި ބިދޭސީން ވެސް ވިސާ އާ ކުރާއިރު މެޑިކަލް ހެއްދުން މަޖުބޫރުކޮށްފަ އެވެ.

އެކަމާ ގުޅިގެން، ބިދޭސީންގެ ކަންތައް ބަލަހައްޓަވާ މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ވިސާއާ ގުޅިގެން މެޑިކަލް ސްކްރީނިން ފުރިހަމަކުރަން މި ހަފުތާގެ ތެރޭގައި ޓައިމްލައިނެއް ނެރޭނެ ކަމަށެވެ. އެއަށް އާ އަހަރާ އެކު އަމަލުކުރަން ފަށާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މެޑިކަލް ހުށަހެޅުން ނޫން ގޮތެއް ދެން ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ މެޑިކަލް މައްސަލައާ ގުޅޭގޮތުން ކެބިނެޓުން ވަނީ އިއްޔެ މުހިންމު ކަންތައްތަކެއް ވެސް ނިންމައިފަ އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެކި ބޭނުންތަކަށް ރާއްޖެ އަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން އޮންއެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން މީގެ ފަހުން ޖެހޭނެ ކަމަށެވެ.

ރާއްޖެ އައުމަށް ފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު ވެސް، 15 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީން ވެސް، މެޑިކަލް ނުހަދާތާ އެއް އަހަރުވެފައިވާނަމަ، އެ ޓެސްޓު ފުރިހަމަކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އިހުސާން ވިދާޅުވީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ބިދޭސީން މެޑިކަލް ރިޕޯޓު ހުށަހަޅައި އަދި އެ މުއްދަތުގެ ފަހުން ވިސާ އާ ކުރާއިރު މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށެވެ.

"ކުރިން ވެސް ރާއްޖޭގައި ޕްރެކްޓިސް ކުރަމުން އައި ގޮތެއް އެއީ. އަހަރަކު އެއް ފަހަރު ޖެހޭނެ މެޑިކަލް ހަދަން. އޭތި އަނެއްކާ އިއާދަކުރަނީ." އިހުސާން ވިދާޅުވި އެވެ.