Roadha Mihaaru
އަމިއްލައަށް އުނގެނި ދަސްކުރުމަށް އިސްލާމްދީން ބާރުއަޅާ

އަމިއްލަ އަށް އުނގެނި ދަސްކުރުމަށް އިސްލާމްދީން ބާރުއަޅަ އެވެ.

22 ޑިސެމްބަރ 2023

ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ކަލިމަ އަކީ "ކިޔަވާށޭ" އެވެ. މިއީ އުނގެނުމަށް އޮތް އަމުރެއްގެ ކަލިމައެކެވެ. މި ކަލިމައާ އެކު ސޫރަތުލް ޢަލަޤުގެ ފުރަތަމަ ފަސް އާޔަތުން އިންސާނުންނަށް އިރުޝާދު ދެނީ އިންސާނާ ކިތަންމެ ނިކަމެތި އުންސުރަކުން ޚަލްޤު ކުރެވިފައިވީ ނަމަވެސް ﷲ ގެ ދީލަތިވަންތަކަމާ އެކު އެކަލާނގެ އިންސާނާ އަށް އޭނާ ނުދަންނަ ކަންކަން އުނގަންނައިދެއްވާ ކަމެވެ. ކިޔުމުގެ އިތުރަށް އުނގެނުމާއި އުނގަންނައިދިނުމުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ގަލަމުގެ ބޭނުން ހިފޭނެ ގޮތް ވެސް އެކަލާނގެ މިންވަރު ކުރައްވާ ކަމެވެ. އެހެންކަމުން ﷲ ގެ މި ދީލަތިކަމަށް އިންސާނާ ޝުކުރުވެރިވާން ޖެހެއެވެ. އެއީ މި ނިއުމަތްތަކުގެ ބޭނުން ﷲ އަންގަވާ ގޮތެއްގެ މަތިން އިންސާނާ ހިފުމެވެ. އެބަހީ އުނގެނި ދަސްކުރުމަށް ގަދައަޅައި އަބަދުވެސް މަސައްކަތް ކުރުމެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ކަލިމަ އަކީ "ކިޔަވާށޭ" އެވެ. މިއީ އުނގެނުމަށް އޮތް އަމުރެއްގެ ކަލިމައެކެވެ. މި ކަލިމައާ އެކު ސޫރަތުލް ޢަލަޤުގެ ފުރަތަމަ ފަސް އާޔަތުން އިންސާނުންނަށް އިރުޝާދު ދެނީ އިންސާނާ ކިތަންމެ ނިކަމެތި އުންސުރަކުން ޚަލްޤު ކުރެވިފައިވީ ނަމަވެސް ﷲ ގެ ދީލަތިވަންތަކަމާ އެކު އެކަލާނގެ އިންސާނާ އަށް އޭނާ ނުދަންނަ ކަންކަން އުނގަންނައިދެއްވާ ކަމެވެ. ކިޔުމުގެ އިތުރަށް އުނގެނުމާއި އުނގަންނައިދިނުމުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ގަލަމުގެ ބޭނުން ހިފޭނެ ގޮތް ވެސް އެކަލާނގެ މިންވަރު ކުރައްވާ ކަމެވެ. އެހެންކަމުން ﷲ ގެ މި ދީލަތިކަމަށް އިންސާނާ ޝުކުރުވެރިވާން ޖެހެއެވެ. އެއީ މި ނިއުމަތްތަކުގެ ބޭނުން ﷲ އަންގަވާ ގޮތެއްގެ މަތިން އިންސާނާ ހިފުމެވެ. އެބަހީ އުނގެނި ދަސްކުރުމަށް ގަދައަޅައި އަބަދުވެސް މަސައްކަތް ކުރުމެވެ.

އުނގެނުމާއި ދަސްކުރުމުގެ މައިދާނުގައި އަހަރެމެންނަށް ވިސްނިފައި އޮންނަނީ އެކަމަކީ ހަމައެކަނި އެކަމަށްޓަކައި ހުންނަ ޚާއްސަ ވަކި ތަނަކަށް، މިސާލަކަށް މަދަރުސާއަކަށް ނުވަތަ ކޮލެޖަކަށް ދިއުން އެކަނި ކަމަށެވެ. ނުވަތަ އެފަދަ ފުރުސަތެއް ނުލިބޭ މީހާ މައިންބަފައިންގެ ފަރާތުން އެކަނި އެމަގުސަދު ހާސިލު ކުރުން ކަމަށެވެ. އަދި ބައެއް މީހުންނަށް ގަބޫލު ކުރެވިފައިވާ ގޮތުގައި މި ނޫން އެހެން ގޮތެއް މިކަމުގައި ނޯވެއެވެ. ނަމަވެސް އުނގެނި ދަސްކުރުމުގައި ކޮންމެ އިންސާނަކު ވެސް އެ މީހަކު އަމިއްލަ އަށް އުނގެނެން މަސައްކަތް ކުރުމަކީ ތަރުބިއްޔަތުގެ ދާއިރާގައި އިސްލާމް ދީން ގެނެސްދީފައިވާ އިސްލާމީ ތަރުބަވީ އުސޫލުތަކުގެ ތެރެއިން މުހިންމު އެއް އުސޫލެވެ. ވީމާ އުނގެނި ދަސްކުރުމުގައި ހަމައެކަނި އެހެން ބައެއްގެ މައްޗަށް ބަރޯސާވެގެން އެކަން ކުރުމުގެ ބަދަލުގައި އުނގެނުމާއި ދަސްކުރުމަކީ ތިމާ އަމިއްލަ އަށް ކުރަން ޖެހޭނެ ކަމެއްކަން ގަބޫލުކުރަން ޖެހެ އެވެ. ކުރިން އިޝާރާތް ކުރެވުނު ފަދަ ފަރާތްތަކަކީ ހަމައެކަނި ތިމާއަށް އެހީތެރިވާ ފަރާތްތަކެއްކަން ގަބޫލު ކުރަން ޖެހެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު މި އުސޫލު ދެމިގެން އައިސްފައިވަނީ އިންސާނީ ކަރާމަތްތެރިކަމަށް އިސްލާމްދީން ދީފައިވާ އަހަންމިޔަތުގެ ތެރެއިންނެވެ. މި ކަރާމާތްތެރިކަން ލިބުމަށް މާތް ﷲ އިންސާނާ އަށް ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިންނެވެ. އިންސާނާއަކީ ބުއްދީގެ ނިއުމަތް ލިބިގެންވާ މަޚުލޫގެކެވެ. މި ނިއުމަތުގެ ބޭނުންކޮށް، އިލާހީ އިރުޝާދުގެ އަލީގައި ހެޔޮ ނުބައި ވަކި ކުރުމުގެ ގާބިލުކަން އިންސާނާ އަށް ލިބިފައިވެ އެވެ. އިންސާނާއަކީ އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިފައިވާ މަޚްލޫގެކެވެ. މި މިނިވަންކަމުގެ ދަށުން އިންސާނާ އަށް އޭނާ ބޭނުންވާ ކަންކަން ދަސްކުރެވެ އެވެ. ދިރިއުޅުމުގެ ހަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަކުރެވޭނެ ރަނގަޅު ކަންކަން ދަސްކުރެވެ އެވެ. ނުވަތަ އޭނާ މަގުފުރެދި ހަލާކުވެގެން ހިނގައިދާނެ ފަދަ ކަންކަން ވެސް ދަސްކުރެވިދާނެ އެވެ. އިންސާނާ މުސްލިމަކަށް ވުމާއި ނުވުން ވެސް އެއީ އިޚުތިޔާރަށް ދޫކުރެވިފައިވާ ކަމެކެވެ.

ނަމަވެސް މީގެ މާނައަކީ މި އިޚުތިޔާރުގެ ދަށުން މުސްލިމަކަށް ވުމަށް ފަހު އިސްލާމްދީނުގައި އޮންނަ ހުކުމެއް އޭނާގެ މައްޗަށް ނާންނާނެ ވާހަކައެއް ނޫނެވެ. ސަބަބަކީ އިސްލާމްކަން އިޚްތިޔާރު ކުރުމުން އިންސާނާ އެވަނީ ވަކި ގައިދުތަކެއްގެ ދަށަށް ގޮސް ވަކި ހަމަތަކެއްގެ މަތީ ހުރުމަށް އެއްބަސްވެފައި ކަމަށް ވާތީ އެވެ. އިސްލާމްދީން އެއްވެސް މުސްލިމަކަށް ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ގެއްލުމެއް ލިބޭކަށް ނޭދެ އެވެ. އެހެންކަމުން މުރުތައްދުވުމަކީ ބޮޑުވެގެންވާ ފާފައެއް ކަމުގައި އަދި އުޚުރަވީ ހަޔާތުގައި ނަރަކަ ހައްގުވާ ކަމެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައެޅިފައި ވެ އެވެ. ދުނިޔެމަތީގައި ވެސް ވަކި ހަމަތަކެއްގެ މަތިން ވަކި ޝަރުތުތަކަކާ އެކު އޮންނަ އަދަބުތަކެއް ކަނޑައެޅިފައި ވެ އެވެ. މިކަންކަން މިގޮތަށް ނުވާ ނަމަ މިނިވަންކަމުގެ ނަމުގައި އިންސާނީ ކަރާމާތްތެރިކަން ގެއްލިގެން ދާނެ އެވެ.

އަމިއްލަ އަށް އުނގެނި ދަސްކުރުމަށް އިސްލާމްދީން ބާރުއަޅާކަން ޤުރްއާނާއި ސުންނަތުން ފެނިގެން ދެ އެވެ. ވިސްނައި ފިކުރު ކުރުމަށް އިންސާނާގެ ކުރިމަތީ ސުވާލުތައް އުފައްދައި އެ ސުވާލުތަކުގެ ޖަވާބު އަމިއްލަ އަށް ހޯދުމަށް ކީރިތި ޤުރުއާނުގައި އިޝާރާތްތައް އައިސްފައިވެ އެވެ. މިސާލަކަށް ފަރުބަދަތަކަށާއި ހައިވާނުންނަށް އަދި އުޑަށާއި ބިމަށް ބަލައި އެ އުފެދި ނުވަތަ ހެދިފައިވާ ގޮތާއި އެއެއްޗިއްސާއި ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ހޯދަން އަންގަވާފައިވެ އެވެ. (އަލްޣާޝިޔާ 17-22) އިންސާނާ އުފެދިފައިވަނީ އެއްވެސް ފަރާތެއްގެ ބާރަކާ ނުލައިތޯ ނުވަތަ އިންސާނާ އުފެއްދީ ޚުދު އޭނާ އަމިއްލައަށްތޯ ނުވަތަ އުޑުތަކާ ބިން ހެއްދެވީ ވެސް އިންސާނުންތޯ ސުވާލު ކޮށްފައިވެ އެވެ. (އައްޠޫރު 36-37) ޤުރުއާނުގެ އާޔަތްތަކާ މެދު ވިސްނައި ފިކުރު ނުކުރަންތޯ ސުވާލު ކޮށްފައި ވެ އެވެ. (މުޙައްމަދު 24) މި ނޫނަސް މިފަދަ އެހެން ސުވާލު ތަކުގެ ޖަވާބު ހޯދަން ވަނީ އިންސާނާ އަށް ދޫކޮށްލާފަ އެވެ.

އަމިއްލަ އަށް އުނގެނި ދަސްކުރުމުގެ އުސޫލަކީ އިސްލާމީ ތަރުބިޔަތުގެ އުސޫލެއްކަން ހާމަވާ އަނެއް ގޮތަކީ ތަރުބިޔަތު ކުރުމުގެ ވަސީލަތްތަކުގެ ތެރޭގައި އެކަމަށް ބާރުލިބޭ ވަސީލަތްތައް ކަނޑައެޅިފައި އޮތުމެވެ. އަމިއްލަ އަށް އަމަލީ ގޮތުން ކަންކަން ކޮށްގެން ދަސްކުރުމުގެ ގޮތް ބޭނުން ކުރަން ބާރު އަޅާފައިވެ އެވެ. ކީރިތި ޤުރުއާނުގައި އަމަލު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައި ވެއެވެ. އީމާންތެރިކަމާ ގުޅުވައިގެން ވަރަށް ގިނަ ފަހަރު އަމަލުގެ ވާހަކަ ގެނެސްފައިވެ އެވެ. ކީރިތިރަސޫލާ ﷺ ވެސް މި އުސްލޫބު ގެންގުޅުއްވާފައިވެ އެވެ. ނަމާދު ގޯސްކޮށް މީހަކު ކުރުމުން އޭނާ އަށް އެކަން އުނގަންނައިދެއްވުމުގެ ބަދަލުގައި އޭނާ އަމިއްލަ އަށް އެކަން ކޮށްގެން އިސްލާހު ކުރުމަށް އަމުރު ކުރެއްވެވި އެވެ. އެކަން އޭނާ ލައްވައި އެތައް ފަހަރަކު ތަކުރާރު ކުރެއްވެވި އެވެ. އެކަލޭގެފާނުގެ އިރުޝާދުފުޅާ އެކު އޭނާ އަމިއްލަ އަށް އެކަން ދަސްކުރި އެވެ. ހަމަ އެފަދައިން ރިޒުގު ހޯދުމާއި ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ވެސް އަމިއްލަ އަށް ކަންކަން ދަސްކޮށް އަމިއްލަ އަށް މަސައްކަތް ކުރަން ކީރިތި ރަސޫލާ ހިތްވަރު ދެއްވާފައިވެ އެވެ.

އަމިއްލަ އަށް އުނގެނި ދަސްކުރުމަކީ އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގައި މުސްލިމުންގެ ތެރޭގައި އޮތް މުހިންމު ސަގާފަތެކެވެ. އެހެންކަމުން މި ސަގާފަތު އަލުން އަނބުރާ އިއާދަކުރަން އެބަޖެހެ އެވެ. މިފަދަ ސަގާފަތެއް އަޅުގަނޑުމެން ތެރޭގައި އުފެއްދިއްޖެ ނަމަ މިކަމުގެ ތަރުބަވީ ފައިދާތައް ވަރަށް ފުރިހަމަ ގޮތުގައި ފެންނާނެ އެވެ. އިސްލާމީ ތާރީހަށް ނަޒަރު ހިންގާލާއިރު މިފަދަ ބައިވަރު މިސާލުތައް ފެންނަން އެބަހުއްޓެވެ. އަމިއްލަ އަށް ސުވާލުކޮށް، ކަންކަމުގެ ހަގީގަތް ދެނެގަތުމަށް ކީރިތި ރަސޫލާ ﷺ ގެ އަރިހުން އެއްފަހަރަކު އަންހެން ޞަޙާބީ އަކު ސުވާލު ކުރައްވައި އޮޅުން ފިލުއްވެވި އެވެ. އެކިއެކި ޢިލްމީ ޙަލަޤާ (ޢިލްމީ މަޖްލިސް) ތަކުގައި ދަރިވަރުން އުސްތާޒާ ސުވާލު ކުރަން ޖެހިލުން ނުވެ އެވެ. ހުއްޖަތާ ދަލީލު ލިބެނިވި ކަންކަމުގައި ރިވެތި ގޮތުގައި ޖަދަލު ކުރަންވެސް ޖެހިލުން ނުވެ އެވެ. އުސްތާޒުން ވެސް މިފަދަ ޖަދަލު ކުރުމަށް މަރުހަބާ ކިޔަ އެވެ. މި ކަންކަމުގެ ސަބަބުން އިތުރަށް އުނގެނި އުފެއްދުންތެރި ފާޑުކިޔުމުގެ ވިސްނުން ވިސްނަން ދަސްވެ އެވެ. ތަރައްގީ އާއި ތަހުޒީބަށް މިއީ ނުހަނު ބޭނުންތެރި ކަމެކެވެ.