Roadha Mihaaru
ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރާކަށް ނޫޅެން: މިނިސްޓަރު

ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރާކަށް ނޫޅެން: މިނިސްޓަރު

18 ޑިސެމްބަރ 2023

ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

ބުރުގާ އެޅުން ލާޒިމްވާ ގޮތަށް ސްކޫލު ޔުނީފޯމް ބަދަލުކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.

ހަސަން ކުރުސީ ނަމަކަށް ކިޔާ އެކައުންޓަކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރުކުރުމަށް ކެބިނެޓަށް ހުށަހެޅުމަށް އެޑިއުކޭޝަނުން ޕޭޕަރެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީގެ ލެޓާހެޑްގައި ތައްޔާރުކުރި ކަމަށް ބުނާ އެ ލިޔުމުގައި ވާ ގޮތުން، ސްކޫލުތަކަށް ދާއިރު ބުރުގާ އެޅުން ލާޒިމްވާނީ އަންނަ އަހަރުގެ މާޗު 1 ވަނަ ދުވަހުން ފެށިގެންނެވެ.

މިނިސްޓަރު ވަނީ ދަރިވަރުންނާ ގުޅޭ މިފަދަ ހައްސާސީ ވާހަކަތަކުގެ ހަގީގަތް ނުބަލައި ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގެއްލުންތައް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.