Roadha Mihaaru
ލަމްހާ ދޫކޮށްލުން:ގިނަ ސުވާލުތަކަށްފަހު ހުކުމާ ހަމައަށް

ލަމްހާ ދޫކޮށްލުން: ގިނަ ސުވާލުތަކަށްފަހު ހައިކޯޓުން ހުކުމާ ހަމައަށް

11 ޑިސެމްބަރ 2023

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް އަމާޒު ކުރުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް އަމާޒު ކުރުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ މިދިޔަ މަހު އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ކުށުގައި ބޮޑު މިންވަރަށް ލަމްހާ ބައިވެރިވެފައިވާކަން ފާހަގަނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެކަމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ހެކިން ތިބުމާއި ކޯޓުގެ އިމާރާތުގެ ދަތިކަން ހުރިގޮތުން މައްސަލަ ލަސްވާ ކަމަށް ކޯޓުން ސަބަބެއްގެ ގޮތުގައި ބުނެފައި ވިޔަސް އެއީ ބަންދުން ދޫކުރަންޖެހޭ ހާލަތެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް ދޫކުރާނަމަ އެންމެން ވެސް ބަންދުން ދޫކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޝަރުތުތަކާ އެކު ތިން މަހަށް ލަމްހާ ދޫކޮށްލަން ނިންމިއިރު، އެއީ ކޮން ގޮތަކުން ކަނޑައެޅި މުއްދަތެއް ކަން ސާފެއް ނުވެ އެވެ. މިސާލަކަށް، ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ލަމްހާގެ މައްޗަށް ޝަރުތު ކޮށްފައި ވިޔަސް، އެއީ އޭނާ ފަރާތުން އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ލަމްހާގެ ވަކީލުން ވިދާޅުވީ މައްސަލަ ނުނިިމި ލަސްވުމަކީ އޭގެ ޒާތުގައި ބަންދުން ދޫކުރެވޭނެ ކަމަކަށް ނުވިޔަސް، ބަންދުން ދޫކުރުމުގައި އެކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި ލަމްހާއަކީ ކުށުގެ ރެކޯޑެއް ކުރިން ނެތް މީހެއް ކަން ވަކީލުން ފާހަގަކުރި އެވެ.

ވަކީލުން ވިދާޅުވީ ލަމްހާއަކީ މުޖްތަމައަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުންޏަސް، އެ ފުރުސަތު ކުޑަކުރަން ދަށު ކޯޓުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ޝަރުތުތަކާ އެކު ލަމްހާ ބަންދުން ދޫކުރީ އެ ޝަރުތުތަކަށް އަމަލު ކުރޭތޯ ބެލުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމަށްފަހު ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދިފާއީ ވަކީލުން ބުނިގޮތުގައި ލަމްހާ ދޫކޮށްލަން ނިންމުމުގައި ގާނޫނީ ގޯހެއް ނެތެވެ.

މައްސަލަ ލަސްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ މައްސަލަ ލަސްވެފައިވާ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަދި މިހާތަނަށް ގިނަ އަޑުއެހުންތައް ކެންސަލްވީ ދައުލަތުގެ ސަބަބުން ނޫން ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ނުނިމި ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ. ދިފާއީ ވަކީލުން ވިދާޅުވީ ލަމްހާ ދޫކޮށްލީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ނޫން ކަމަށެވެ.

ލަމްހާ ދޫކޮށްލުމުގައި ދަށު ކޯޓުން ގާނޫނީ ގޮތުން ހެދި ގޯހަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ މުޖްތަމައުއަށް ނުރައްކަލެއް އޮތްނަމަ ޝަރުތުތަކާ އެކު ބަންދުން ދޫ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

ނަމަވެސް ދިފާއީ ވަކީލުން ވިދާޅުވީ މީހަކު އަލަށް ބަންދު ކުރުމާއި ބަންދުގައި ހުރި މީހަކު ޝަރުތުތަކާ އެކު ދޫކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ކުރިން ވެސް އެގޮތަށް މީހުން ބަންދުން ދޫކުރުމުން އެ ނިންމުންތަކަށް ހައި ކޯޓުން ތާއީދު ކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ލަމްހާ ދޫކޮށްލުމުގައި މުޖްތަމައުގެ މަސްލަހަތަށް ވިސްނަން ޖެހޭނެ ކަމަށް ދައުލަތުން ބުނާތީ މުޖްތަމައުގެ ހައްގާއި ތުހުމަތު ކުރެވޭ މީހާގެ މަސްލަހަތު ބެލެންސް ކުރާނީ ކިހިނެތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެ ހާލަތުގައި ބަލަން ޖެހޭނީ މުޖްތަމައުއަށް ނުރައްކަލެއް އޮތްތޯ އާއި އެ މީހާގެ ކުށުގެ ރެކޯޑާއި ކުށްކުރި ގޮތާއި އެ މައްސަލާގައި ވަށައިގެންވާ ކަންކަމަށް ކަމަށެވެ.

ދިފާއީ ވަކީލުން ވިދާޅުވީ މުޖްތަމައުއަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި އެ މީހަކީ ގްރޫޕް ހަދައިގެން އެކަން ކުރާ މީހުންނާއި އެ ނޫން މީހުން ތަފާތު ކުރަން ޖެހޭނެ ކަމަށެވެ. އަދި މީހަކު ވަގަށް ނަގައިގެން ގެއްލުވާލި ކަމަށް ތުހުމަތުވާ ބަޔަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާ ކަން ވަކީލުން ފާހަގަކުރި އެވެ. އަދި ލަމްހާ ދޫކޮށްލި ފަހުން ހެއްކަށް ނުފޫޒު ފޯރުވުން ފަދަ އެއްވެސް ކަމެއް މިހާތަނަށް ލަމްހާގެ ފަރާތުން ނުފެންނަ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.