Roadha Mihaaru
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ: ރައީސް

ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ: ރައީސް

06 ޑިސެމްބަރ 2023

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އާ އޮފީސް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތްކުރި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ އެ ޕާޓީން ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ފެށުމެއް، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި މި ޕާޓީން ކުރެވޭ ކަންކަން ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ. އެގޮތުން ކުރިއަށް އޮތް މަޖިލީސް އިންތިހާބު، މަޖިލީހުގެ ސުޕާ މެޖޯރިޓީން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ގައުމީ ވިސްނުމެއްގައި ކުރެވޭ މަސަައްކަތެއް ކަމަށާއި ހުރިހާ އެންމެން އެ މަސައްކަތުގައި ހަމަހަމަވާނެ ކަމަށެވެ.

މިރޭ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާޙަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާޙަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ޕީއެންސީ އުފެދުނީއްސުރެން ފެށިގެން އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޕީޕީއެމްގެ އޮފީހުގަ އެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގަތް ފަހުން އެ ޕާޓީގެ މަސައްކަތްތައް ހިންގަމުން ދިޔައީ ވަގުތީ އޮފީހެއްގަ އެވެ.

ވެރިކަން ކުރާ ޕާޓީއަކަށް ޕީއެންސީ ބަދަލުވުމުން އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި އެކި ދާއިރާތަކުން އެ ޕާޓީ އަށް ސޮއިކުރި އެތައް ހާސް މެމްބަރުން ފޯމްތައް އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.

މިރޭ ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިރޭ ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 3،159 މެމްބަރުންނެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އިތުރު 12،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތްއިރު، ކޯލިޝަން ލީޑަރަކަށް ހުންނެވީ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް ވެރިކަމަށް ހަފުތާއެއް ނުވަނީސް އެމަނިކުފާނު ވަނީ ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފަ އެވެ.