Roadha Mihaaru
އެއްބަސްވުންތައް ހާމަކުރަން އެމްޑީޕީން ގޮވާލަނީ

އިންޑިއާ ސިފައިންގެ އަދަދާއި "އަޑި ނޭނގޭ" އެއްބަސްވުންތައް ހާމަކުރަން އެމްޑީޕީން ގޮވާލައިފި

06 ޑިސެމްބަރ 2023

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު މަޖިލީހުގައި ގޮވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު މަޖިލީހުގައި ގޮވާލައިފި އެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން މިނިވަންކަމާއި އިސްތިގްލާލަށް އަސަރުކުރާ ކަމަށް ބުނާ މާއްދާތައް އާންމުކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި ވަނީ، ދުބާއީގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓް، ކޮޕް28ގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމުގެ ތަފްސީލްތައް އާންމުކުރުމަށް ވެސް ގޮވާލައިފަ އެވެ.

ކުއްލި މައްސަލައިގައި ބުނީ އެކަމަށް އިންޑިއާއާ އެކު އެއްބަސްވުމެއް ހެދި ނަމަ، އެ އެއްބަސްވުމުގައިވާ ކަންކަން ވެސް ހާމަކުރަން ޖެހޭނެ ކަަމަށެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމުން، ބަހުސް ކުރައްވަމުން މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، އިންޑިއާ ސިފައިންގެ ވާހަކައަކީ އަދުގެ ސަރުކާރުން ވެރިކަމަށް އަންނަން ދެއްކި ވާހަކައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ކޮން ތާކުތޯ، ކިހާ ހަތިޔާރަކާއެކުތޯ ނުވަތަ ކޮން އަދަދެއް ކަން ވެސް އަދިވެސް ހާމަ ނުކުރެވޭ ކަމަށާއި މިހާރު ވާހަކަތައް ވަނީ ވަރަށް ބޮޑަށް އޮޅުން ބޮޅުން ވެފައި ކަމަށެވެ.

ބާރަށު ދާއިރާގެ އަހުމަދު އަބްދުﷲ މަޖިލީހުގައި

ބާރަށު ދާއިރާގެ އަހުމަދު އަބްދުﷲ މަޖިލީހުގައި

މި މައްސަލައިގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އޮތް ފާހަގަކުރައްވައި، މި ކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް [އަނދުން] ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ސަރުކާރުން އިންޑިއާއާ އެކު އެއްބަސްވުންތަކެއް ހަދައިގެން ރާއްޖޭގެ އިސްތިގްލާލާއި ސިޔާދަތު ވިއްކާލައިގެން ބުނަމުން ކަމަށެވެ. އަދި ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބާލާނެ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާއާ އެކު ކުރީ ސަރުކާރުން އަޑި ނޭނގޭ، ދިވެހިރާއްޖޭގެ މިލްކުވެރިކަމާއި އިސްތިގްލާލާ މިނިވަންކަން ގެއްލޭ ފަދަ އެގްރީމެންޓެއް ކޮށްފައިވާ ނަމަ އެ އެގްރީމެންޓު ހާމަކުރާށޭ. އެ އެގްރީމެންޓެއްގެ މާއްދާތައް ވެސް ހާމަކޮށްފައި އަޅުގަނޑުމެންނަށް ދައްކާށޭ. މިއީ ސަމާސާ ވާހަކައެއް ނޫން،" އަނދުން ހުސައިން ވިދާޅުވި އެވެ.

"ހާމަކުރާށޭ. ރައްޔިތުންނަށް ހާމަކޮށްދޭށޭ. މި މަޖިލީހަށް ހާމަކުރާށޭ."

އޭނާ ވިދާޅުވީ، ވެރިކަމަށް 18 ދުވަސް ވެގެން ދިޔައިރު އިންޑިއާ ސިފައިންގެ އަދަދު ވެސް ނުބުނެވުނު ކަމަށާއި މިކަމާ ކަންބޮޑުވާން ޖެހޭ ކަމަށެވެ.

ކުޅުދުއްފުށި ދާއިރާގެ މެންބަރު ޔާސިރު އަބްދުލަތީފް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު ސަރުކާރުގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށާއި އިންތިހާބު ތެރޭގައި ދެއްކި ވާހަކަތަކަކީ ދޮގެއް ކަން މިއަދު ދިވެހި ރައްޔިތުންނަށް ހާމަވަމުން ދާ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކައަކީ ނުދައްކާ ވާހަކައަކަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ އެމްޑީޕީ މެންބަރުން ވަނީ ކޮޕްސަމިޓުގައި އިންޑިއާއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެ އެއްބަސްވުން ވެސް ހާމަކުރުމަށް ގޮވާލައިފަ އެވެ.

އެހެންނަމަވެސް، ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެއްބަސްވި ނަމަވެސް، އަދިވެސް ކުރިއަށް ދަނީ އެކަމުގެ މަޝްވަރާތަކެވެ. އެކަމުގައި އެއްބަސްވުމެއް ހެދި ކަމަކަށް ނުބުނެ އެވެ.

އެމްޑީޕީ މެންބަރުން އެއްބަސްވުންތައް އާންމުކުރަން ގޮވާލިއިރު، ކުރީ ސަރުކާރުގައި މި އެއްބަސްވުންތައް ހާމަކުރަން ޕީޕީއެމް/ޕީއެންސީ މެންބަރުން ތަކުރާރުކޮށް ގޮވާލައި މަސައްކަތް ކުރިއިރު އެކަމަށް އެ މެންބަރުން ދެކޮޅު ހައްދަވައި ވާހަކަ ދައްކަވައިފައިވެ އެވެ.