Roadha Mihaaru

"ހައުސް އޮފް ދަ ޑްރެގަން"ގެ އާ ސީޒަންގެ ޓީޒާ؛ ބޮޑު ހަނގުރާމައަކަށް ތައްޔާރުވަނީ

03 ޑިސެމްބަރ 2023

އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ޓްރެއިލާ ރޭ އާންމުކޮށްފި އެވެ.

އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ޓްރެއިލާ ރޭ އާންމުކޮށްފި އެވެ.

ފުރަތަމަ ސީޒަންގެ ބޮޑު ކާމިޔާބީއަށް ފަހު، ދެވަނަ ސީޒަންގެ މަންޒަރެއް ބަލައިލަން ފޭނުން ކެތްމަދުވެފައި ތިއްބާ އިއްޔެ ނެރުނު އެއް މިނެޓާއި 26 ސިކުންތުގެ ޓީޒާގައި ވަނީ އާ ސީޒަނުން ފެންނާނެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ.

މި ޓީޒާއިން އެނގޭ ގޮތުގައި، އާ ސީޒަންގައި ވަރަށް ބޮޑު ހަނގުރާމައެއް ކުރާނެ އެވެ. ގޭމް އޮފް ތުރޯންސްގެ ވާހަކަ ފޮތްތަކުގައިވާ ގޮތުން އެއީ ޑްރެގަންސްތަކުގެ ވެރި، ޓާގޭރިއަން އާއިލާގެ ތެރޭގައި ތަހުތުގެ ބާރު ހޯދުމަށް ހިނގާ ދާހިލީ ހަނގުރާމަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

އާ ސީޒަން އަންނަ އަހަރުގެ ޖޫން މަހު ގެނެސްދޭނެ ކަމަށް ވެސް އެޗްބީއޯ އިން ވަނީ އިއުލާންކޮށްފަ އެވެ.

"ގޭމް އޮފް ތުރޯންސް"އާ އެއްގޮތަށް "ހައުސް އޮފް ދަ ޑްރެގަން" ވެސް ވަނީ ގިނަ ރިކޯޑުތަކެއް ހަދައިފަ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރެވެ. ފުރަތަމަ ސީޒަނަށް އާންމުންގެ ފަރާތުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

"ހައުސް އޮފް ދަ ޑްރެގަން"ގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ. އާ ސީޒަންގެ ލީޑު ރޯލުތަކުން ފެންނާނީ ފުރަތަމަ ސީޒަންގައި ވެސް މުހިންމު ރޯލުތަކެއް ކުޅުނު މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.