Roadha Mihaaru
އިބޫއާ އެކު އުޅުނު ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި

އިބޫގެ ކެމްޕެއިންގައި އުޅުނު ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކޮށްފި

25 ނޮވެމްބަރ 2023

މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ބޭފުޅާ ތިން ދުވަސް ތެރޭގައި މަގާމުން ވަކިކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ބޭފުޅާ ތިން ދުވަސް ތެރޭގައި މަގާމުން ވަކިކޮށްފި އެވެ.

ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންއިމް އަނީސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ސްޓޭޓް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް، އެ ހަފުތާގެ ބުރާސްފަތި ދުވަހު އޭނާ މަގާމުން ވަކިކުރެއްވި އެވެ.

އޭނާ މަގާމުން ވަކިކުރި ސަބަބު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅު ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި މި ސަރުކާރުން އެ ފިޔަވަޅު އެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕެއިންގައި އުޅުއްވިކަން އެނގުމުންނެވެ.

ނަމަވެސް މުންއިމް މަގާމުން ވަކިކުރުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތްގަތުމާ ގުޅުމެއް އޮތް ކަމަށް ދެއްކެވޭ ވާހަކަަތައް ޚަލީލް ދޮގުކުރެއްވި އެވެ. ވިދާޅުވީ އެ ކަމުގައި ގުޅުމެއް ނެތް ކަމަށެވެ.

މުންއިމްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އަށް މިހާތަނަށް އިތުރު ސްޓޭޓް މިނިސްޓަރަކު އައްޔަންކޮށްފައެއް ނުވެ އެވެ.

އޭނާގެ އިތުރުން މަގާމަށް އައްޔަންކުރިތާ ހަފުތާއެއްގެ ތެރޭގައި، ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރި މުހައްމަދު ފަހުމީ ހަސަން ވެސް ވަނީ ރޭ ވަކިކޮށްފަ އެވެ. އޭނާ އަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވިއިރު އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޮތް މީހެކެވެ. އެކަމަކު، އެ މައްސަލަ ކޯޓުން ނިމުނީ ފަހުމީއާ އެއްކޮޅަށެވެ.

އޭނާ މި ސަރުކާރުގެ މަގާމަށް އައްޔަންކުރުމުން އެކަމާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް މަގާމުން ވަކި ކުރުމަށް ގޮވައިލި އެވެ.