Roadha Mihaaru

މަހްލޫފްގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއާ ހިއްސާކޮށްފި

ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ފަރާތުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅައިފި އެވެ.

މަހްލޫފްގެ މައްސަލާގެ ކަންބޮޑުވުންތައް އައިޕީޔޫއަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

08 ފެބުރުއަރީ 2017

ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ފަރާތުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދެ މައްސަލައެއްގައި ކުށް ސާބިތުވެ، 10 މަހަށް ޖަލަށްލާފައިވާ މަހްލޫފްގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ސޮއި ކުރައްވައި، އައިޕީޔޫގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ރައީސް ފަޒްލޭ ކަރީމް ޗައުދަރީ އަށް ފޮނުވި ސިޓީގައި، މަހްލޫފްގެ މައްސަލާގައި އެކި މުއައްސަސާތަކުން އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން މަހްލޫފަށް އިއްވި ހަ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނުއިރު ވެސް އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ފަށާފައި ނެތުމާއި އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ހައި ކޯޓުން ދެކޮޅު ހެދިކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"މަހްލޫފް ހުކުމް ތަންފީޒުކޮށް ނިމެންދެން އިސްތިއުނާފް ޝަރީއަތް ފެށުން ގަސްދުގައި ހައި ކޯޓުން ލަސްކުރާ ކަން ވަރަށް ސާފު،" އެ ސިޓީގައި އިބޫ ވިދާޅުވެފައިވެ އެވެ.

ހަ މަހުގެ ޖަލު ހުކުމް ތަންފީޒު ނިމިފައިވާތީ ކަމަށް ބުނެ އޭނާއަށް ޕްރޯލްގެ ފުރުސަތު ވެސް ނުލިބުނު ކަމަށާއި އެ ހުކުމް ތަންފީޒުކޮށް ނިމެންދެން ކަރެކްޝަނަލް ސާވިސް އިން އެ މައްސަލަ ޕެރޯލް ބޯޑަށް ނުފޮނުވާ ތިބީ ކަމަށް އެ ސިޓީގައިވެ އެވެ.

މަހްލޫފްގެ މައްސަލާގައި ހޯމް މިނިސްޓްރާއި ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކުރަން މަހްލޫފްގެ އަނބިކަނބަލުން އެދުނަސް އެއިން އެއްވެސް ފަރާތަކުން އެކަމަށް އިޖާބަ ނުދޭ ކަމަށް އެ ސިޓީގައިވެ އެވެ. އެ ސިޓީގައި އައިޕީޔޫގެ ކިބައިން އެދިފައިވަނީ ސަރުކާރާ މަޝްވަރާ ކޮށްގެން މަހްލޫފް ގެއަށް ބަދަލުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށެވެ.

މަހްލޫފްގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވާއިރު އަންނަ އޭޕްރީލް މަހު އެ މައްސަލާގައި ވޯކިން ގްރޫޕުން ގޮތެއް ނިންމާނެ އެވެ.

އެ ހުކުމާ މަހްލޫފްގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެ އެވެ.