Roadha Mihaaru
ޕޮލްކޯގެ ކޮމާޝަލް ޔުނިޓްތައް ދިނުން ހުއްޓުވައިފި

ފުލުހުންގެ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އޭސީސީން އަންގައިފި

24 އޮކްޓޯބަރ 2023

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.

އޭސީސީން މިއަދު ބުނީ ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތީ، އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހާ ކަންކަން މަޑުޖައްސާލަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން އަދި ނުދެ އެވެ.

އެނގިފައިވާ ގޮތުގައި، ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުން މަޑުޖައްސާލަން އޭސީސީން ޕޮލްކޯ އަށް އެންގީ އެ ތަންތަން ވަކި ބަޔަކަށް މަންފާވާ ގޮތަށް ކުއްޔަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްތައް

ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްތައް

ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ނުވަ އަހަރު ފަހުން މިހާރު ވަނީ މަސައްކަތުގެ ބޮޑު ބައި ނިންމައިފަ އެވެ. މި ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ވަނަ އަހަރު ކަނޑައަޅައި ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ.

މި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ މި ސަރުކާރުގެ ވައުދަކަށް ވީ ނަމަވެސް އަދިވެސް މަސައްކަތް އެއްކޮށެއް ނުނިމެ އެވެ. އެ މަޝްރޫއު ކުރިން ހަވާލުކުރި ދެ ކޮންޓްރެކްޓަރުން ކަމަށްވާ ނޫމަޑި އާއި އައިލެންޑް އެކްސްޕާޓްއާ އެކު ހެދި އެއްބަސްވުން އުވާލައި މިހާރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.

ސަރުކާރުން އެންމެ ފަހުން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާނެ އެވެ.