Roadha Mihaaru
އިންތިގާލީ މަރުހަލާގައި ސަފީރަކު އައްޔަނުކުރާތީ ޝަކުވާ

އިންތިގާލީ މަރުހަލާގައި ސަފީރަކު ހަމަޖައްސަން އެދުމުން ޑިމޮކްރެޓުންގެ ޝަކުވާ

11 އޮކްޓޯބަރ 2023

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދަނިކޮށް ޕާކިސްތާނަށް އާ ސަފީރަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން ޑިމޮކްރެޓްސް ޕާޓީގެ ދެ މެމްބަރަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދަނިކޮށް ޕާކިސްތާނަށް އާ ސަފީރަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން ޑިމޮކްރެޓްސް ޕާޓީގެ ދެ މެމްބަރަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފޮނުއްވުމާ ގުޅިގެންނެވެ.

އެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވުމާ އެކު، ނިޒާމީ ނުކުތާ އެއް ނަންގަވައި ޑިމޮކްރެޓުންގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދާއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހިމެނޭ ހެން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.

ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ކަމަށް ވިޔަސް ޕާކިސްތާނަށް ސަފީރަކު އައްޔަން ކުރުމުގެ މައްސަލަ ފޮނުވީ އިއްޔެ ކަން އާޒިމް ފާހަގަކުރެއްވި އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް ހުރަސް އެޅޭ މިފަދަ ކަންކަން މަޖިލީހުން އިސްވެ ހުއްޓުވަން އޭނާ ގޮވާލެއްވި އެވެ.

"...ކޮންމެ ވެރިކަމެއް ބަދަލުވާ ކޮންމެ ފަހަރަކު މި ކަންކަން ތަކުރާރުވަމުންދާތީ އަޅުގަނޑުމެން އެބަޖެހޭ ގާނޫނުއަސާސީގެ 94 ވަނަ މާއްދާގައި ބުނާ މި ކަން ކުރަން. އަޅުގަނޑުމެން އަމުރެއް މި ފަދަ ކަންކަން ނުކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ނެންގެވި ނިޒާމީ ނުކުތާގައި ޖަލްސާ ހިންގުމަށް ހުރަސް އެޅޭ ފަދަ ކަމެއް ނެތް ކަމަށް ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމެވުމާ އެކު މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސަފީރުން އައްޔަން ކުރާތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

"...ކުރީ ދުވަހުގެ ސަފީރުތަކުގެ މައްސަލައެއް ނެތް. އެކަމަކު އަނެއްކާ މިއަދު އިތުރު ސަފީރެއް އިއްޔެ ފޮނުވީމަ އެއީ ޕާލިމަންޓަރީ ސިސްޓަމެއް،" ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ވެސް ފަރުމާކޮށްފައި ވަނީ ރިޔާސީ ނިޒާމެއްގައި ރައީސުންނާ އެކު ސަރުކާރު ބަދަލުވާ ގޮތަށް ކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

ބޮންޑޭގެ ނިޒާމީ ނުކުތާ ވެސް ބަލައިނުގަންނަވައި، ރިޔާސަތުން އީވާ ވިދާޅުވީ ދެ މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ކޮމިޓީގެ އިތުރުން ބަހުސްގެ މަރުހަލާގެ ތެރެއިން ފާޅުކުރެއްވޭނެ ކަންބޮޑުވުންތައް ކަމަށެވެ.

އަންނަ މަހުގެ 17 ގައި މި ސަރުކާރުގެ ދައުރު ހަމަވާ އިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ދަތިތަކެއް ކުރިމަތިވާނެ އެކަމުގެ ސަބަބުން. އަޅުގަނޑުމެން އެދެނީ އެކަން އެގޮތަށް ނުކުރަން،" ފިރުޒުލް އިއްޔެ ވިދާޅުވި އެވެ.