Roadha Mihaaru
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި

09 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާނު، މުހައްމަދު ފިރުޒުލް ވިދާޅުވީ މޫސުން ތަންދޭ ނަމަ އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިންނެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އެކަން އަނެއްކާ ވެސް އިޔާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ގާނޫނީ ގޮތުން އެ އަށް ހުރަހެއް ނެތް ކަމަށް ވަންޏާ ނޮވެމްބަރު 11 ގައި އެކަން ބަދަލުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެކަމަކު، ގާނޫނީ ހުރަސްތައް ހުރުމުން ނޮވެމްބަރު 11 ގައި މި ފަހަރު ވެސް ހުވާ ކުރެއްވޭ ގޮތް ނުވި ކަމަށް ވެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރާ ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ކުރިން އޮތުމަށް ފަހު 2013 ގެ ރިޔާސީ ދައުރު ފެށުން ލަސްވުމުން އައި ފަރަގު ނައްތާލަން ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް އެންމެ ފުރަތަމަ ވިދާޅުވީ ނޮވެމްބަރު 11، 2020 ގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމުގެ ދައުރު ނޮވެމްބަރު 17 އިން ފެށިގެން ގުނުމުން ރައީސްގެ ވެރިކަމުގެ ދައުރުން ގެއްލޭ ހަ ދުވަސް ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށް އެ މަނިކުފާނު ހުވާކުރެއްވުމުގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ. ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ދެވަނަ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ.

އެކަމަކު، 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިންނެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް އޭރު ބޭއްވި އެވެ. އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެ ފަހަރު ސުޕްރީމް ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ. ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.