Roadha Mihaaru
ހުސައިން އިންތިހާބުވީ ޕީއެންސީގެ ޓިކެޓްގައި

އިންތިހާބީ ނައިބު ރައީސް ހުސައިން ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން މަޖިލިހަށް އަންގަވައިފި

03 އޮކްޓޯބަރ 2023

އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީޕީއެމް ދޫކުރައްވައި، ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީޕީއެމް ދޫކުރައްވައި، ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު ލަތީފް ރިޔާާސީ އިންތިހާބުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށް ފަހު ކަމަށެވެ.

ޕާޓީ ބަދަލުކުރެއްވުމަށް ފަހު، ހުސައިން މުހައްމަދު ލަތީފް އެކަން މަޖިލީހަށް އަންގަވާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވެސް މަޖިލިހަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާތީ، ވެރިކަމަށް ކުރިމަތިލެއްވުމަށް ގާނޫނީ ހުރަސްތަކެއް މެދުވެރިވެފައިވާތީ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ. އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ އެވެ.

މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވީ 129،159 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ.

ހުސައިން މުހައްމަދު ލަތީފް ޕީއެންސީ އަށް ބަދަލުވެވަޑައިގަތުމުން މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުންގެ މައްޗަށެވެ.