Roadha Mihaaru
އޭރު ޕޮލިސް އެކެޑެމީ މިހާރު ޔޫޓީއެފް، ފަތުރަނީ ފިތުނަ

ޔޫޓީއެފް އާ ގުޅުވައި ވެސް ދައްކަނީ ޕޮލިސް އެކެޑެމީއޭ ކިޔައިގެން ފެތުރި ހަގީގަތެއް ނެތް ބިރުވެރިކަން: ޝާހިދު

29 ސެޕްޓެމްބަރ 2023

އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަމުން އަންނަ އެމްއެންޑީއެފް ކޯސްޓުގާޑުގެ ބަނދަރާ ގުޅުވައި ފަތުރަމުންދަނީ އައްޑޫގައި ތަރައްގީކުރި ޕޮލިސް އެކެޑެމީ އާ ގުޅުވައި ފެތުރި ހަގީގަތާ ހިލާފު ބިރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަމުން އަންނަ އެމްއެންޑީއެފް ކޯސްޓުގާޑުގެ ބަނދަރާ ގުޅުވައި ފަތުރަމުންދަނީ އައްޑޫގައި ތަރައްގީކުރި ޕޮލިސް އެކެޑެމީ އާ ގުޅުވައި ފެތުރި ހަގީގަތާ ހިލާފު ބިރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވައްޓެރި އިންޑިޔާ އާ އެކު އޮންނަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ސީރިއަސް ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ "އެކަތަ" ހާބަރުގައި މިހާރު ވެސް އެމްއެންޑީއެފްގެ އެއްވެސް ކޮންޓްރޯލެއް ނޯންނަ ކަމަށާއި އެތަނުގައި އިންޑިޔާ ސިފައިންގެ އަސްކަރީ މަރުކަޒެއް ގާއިމުކުރާނެ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.

އެ ތުހުމަތުތަކުގެ ޖަވާބެއްގެ ގޮތުގައި "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގައި ޝާހިދު މިސާލަކަށް ނެންގެވީ ދިވެހި ފުލުހުން ތަމްރީނު ކުރުމަށްޓަކައި އައްޑޫގައި ޕޮލިސް އެކެޑެމީ ތަރައްގީ ކުރަމުން އައި އިރު ކުރި ބިރުވެރި ތުހުމަތުތަކެވެ.

"...އެ މަރުކަޒަކީ [ޕޮލިސް އެކެޑެމީ] އަކީ ސީދާ އިންޑިޔާ ސިފައިން ތިބެން، އިންޑިޔާގެ މަރުކަޒެކޭ ކިޔައިގެން އޭރު ވާހަކަ ދެއްކީ އައްޑޫ އަތޮޅުގައި އޮންނާނީ ފުލްކޮށް އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގަ އޭ،" އައްޑޫގައި އެތަން އަޅަން ނިންމީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ހޯމް މިނިސްޓަރު ކަމުގެ ހުންނެވި ދުވަސް ވަރުގައި ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުގައި ނިންމި ނިންމުންތައް ތަންފީޒުކޮށް، އައްޑޫގައި ޕޮލިސް އެކޭޑެމީ އެޅުމުގެ މަޝްރޫއު ނިމެން ދިޔަ އިރު، ޝާހިދު ވިދާޅުވީ އެތަނުގެ ކޮންޓްރޯލް އޮންނާނީ ހަތިޔާރު އެޅި އިންޑިޔާ ސިފައިންގެ އަތްމަތީގައި އޭ ބުނެ، މި ސަރުކާރުގެ ބޮލުގައި އެތަކެއް ބިރުވެރި އިލްޒާމުތަކެއް އެޅުވި ކަމަށެވެ.

"އެކަމަކު މިއަދު އެގޮތަށް ތޯ އެތަން އޮތީ؟ މިއަދަކު އެ ވާހަކަ އެއް ނުދައްކާ. އެކަން ނިމުނީ. މިހާރު މި ދައްކަނީ އުތުރު ތިލަފަޅުގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ކޯސްޓުގާޑުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްވަރާތައް ވެސް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަން ކުރެއްވީ ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަޝްރޫއު ހިންގަން ޑިފެންސް އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެ ހިސާބުން [ވެރިކަން ބަދަލުވުމުން] އެ ބޭފުޅުންގެ ކުރިމަތިފުޅުގަ ކަން ބަދަލުވީ. އެ ހިސާބުން މިކަން ބަދަލުވީ އިންޑިޔާގެ މިލިޓަރީ، ނޭވީ ތިބޭ ބޭސްއަކަށް. އެއްވެސް ކަމަކަށް ބަދަލު އައީކީ އެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭރު ޕްލޭން އޮތް ގޮތުން އުތުރު ތިލަފަޅުގައި އެއާޕޯޓެއް ވެސް އަޅާ ކަމަށާއި އެކަމަކު އެ މަޝްރޫއުގެ ސްކޯޕް ކުޑަކޮށް، ހަމައެކަނި ކޯސްޓުގާޑުގެ އުޅަނދުތައް މަރާމާތުކުރެވޭ ބަނދަރަކަށް ބަދަލުކުރީ މި ސަރުކާރުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބަނދަރު ތަރައްގީކޮށް ނިމުމުން، ކޯސްޓުގާޑުގެ އުޅަނދުތައް ބެލެހެއްޓުމަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށާއި، ގައުމުގެ ދިފާއުގައި ތިބި ދިވެހި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި ތިބުމުގެ ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޒިންމާ އެކެވެ.

މިކަމުގެ ހަގީގަތް ދިވެހި އަސްކަރިއްޔާގައި މުޅި އުމުރު ހޭދަކުރެއްވި އިސް އޮފިސަރުން ނުކުމެވަޑައިގެން ހާމަކޮށްދެއްވުމުން، އެ ބޭފުޅުންނާ ދިމާއަށް ވެސް "ހިތު ހުރި އެއްޗެއް" ގޮވުމަކީ ވަރަށް ހިތާމަކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"...އަޅުގަނޑުމެންގެ ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާ ކޮށްފައި، އަޅުގަނޑުމެން ތެރޭގަ މިކަން ބާއްވާށޭ. އަޅުގަނޑުމެންގެ ސަލާމަތީ ބާރުތައް މީގެ ތެރެއަށް ނުގެންނާށޭ. އެ ބޭފުޅުންނަށް ހަމައެކަނި ދޭންޖެހޭ ކަމަކީ އެ ބޭފުޅުންނަށް ސެލިއުޓް ނެގުން،" އޭނާ ވިދާޅުވި އެވެ.