Roadha Mihaaru
ހެލިކޮޕްޓަރު ބަލަހައްޓާ މީހުންނާބެހޭ ގޮތުން ހަދަނީ ދޮގު

2011 އިން ފެށިގެން އިންޑިއާ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި މީހުންގެ އަދަދެއް އަދި ދައުރެއް ވެސް ބަދަލެއް ނުވޭ: ޝާހިދު

29 ސެޕްޓެމްބަރ 2023

އިންޑިޔާ ސަރުކާރުން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ހަދިޔާ ކުރީ އޭރުގެ ސަރުކާރުތަކުގައި ކަމަށާއި، އެ އުޅަނދުތައް އޮޕަރޭޓު ކުރަން އޭރު ގެނައި އިންޑިޔާގެ ސިފައިންގެ އަދަދަށް ވެސް އަދި އަދާކުރާ ރޯލަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިންޑިޔާ ސަރުކާރުން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ހަދިޔާ ކުރީ އޭރުގެ ސަރުކާރުތަކުގައި ކަމަށާއި، އެ އުޅަނދުތައް އޮޕަރޭޓު ކުރަން އޭރު ގެނައި އިންޑިޔާގެ ސިފައިންގެ އަދަދަށް ވެސް އަދި އަދާކުރާ ރޯލަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވައްޓެރި އިންޑިޔާ އާ އެކު އޮންނަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ސީރިއަސް ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބި ކަމަށާއި ރާއްޖޭގެ ސިޔާދަތީ ބާރުގެ މައްޗަށް އިންޑިޔާއިން ވެރިވެގެންވާ ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި އަދި ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

"ރާއްޖެއަށް ފުރަތަމަ އިންޑިޔާއިން ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމުގައި. އޭރު ސޮއިކުރި ލިޔުމެއްގައި އެ އޮތް މިންވަރަކަށް އެ ތިބި ބަޔަކު 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ ހެލިކޮޕްޓަރެއް ބަލަހައްޓަން ރާއްޖޭގައި އެބަ ތިބި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު ހެލިކޮޕްޓަރުތަކާއި މިދިޔަ ސަރުކާރުގައި މަތިންދާބޯޓު ގެންނަން ސޮއި ކުރި އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގައި ހިމެނި އެއްވެސް މާއްދާއަކަށް ވެސް މި ސަރުކާރުން ބަދަލެއް ގެނެސްފައެއް ނުވާނެ އެވެ.

2011 ވަނަ އަހަރުން ފެށިގެން ތިބި ބަޔަކު ތިބީ. ހެލިކޮޕްޓަރު ވެސް ބަދަލެއް ނުވޭ، ތިބި މީހުންގެ އަދަދު ބަދަލެއް ނުވޭ. ބަދަލުވީ ސަރުކާރުތައް - ޝާހިދު

އެހެންކަމުން، އޭރު އެ އުޅަނދުތައް ބޭނުންކުރީ ބަލިމީހުން އުފުލުމާއި ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ވާނަމަ، މިހާރު ކުއްލި އަކަށް އެކަން ގޯސްވާންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ބޭރުގެ އެކި ގައުމުތަކުގެ އަސްކަރިއްޔާ އާ ގުޅިގެން އަސްކަރީ ތަމްރީނުތަކާއި ސަލާމަތީ ހަރަކާތްތައް އަބަދުވެސް ހިންގާ ކަމަށެވެ. އަދި އެ ގައުމުތަކުގެ އަސްކަރީ ވަސީލަތްތަކުގެ އެހީތެރިކަން ހޯދުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި އެ ކަންކަން ކުރާ އުސޫލު ކަމަށް ވިދާޅުވި އެވެ.

އެއާ އެކު އިންޑިޔާގެ އަސްކަރީ އުޅަނދުތަކެއްގެ އެހީތެރިކަން ހޯދުމުގައި އެއްވެސް ސަރުކާރަކުން ގޯހުން ކަމެއް ކޮށްފައިވާ ކަމަށް ޝާހިދު ގަބޫލެއް ނުކުރައްވަ އެވެ.

"އޭރު ކުރަމުން އައި ކަމެއް ރަނގަޅު ވެފައި، ސަރުކާރު ބަދަލުވީމާ އަޅުގަނޑުމެންގެ ބޮލުގައި އެކަން އަޅުވައި ތުހުމަތުކޮށް މި ކަންކަން ކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއް ނޫންތޯ. އެއްވެސް ކަހަލަ ހަގީގަތެއް ނެތް، ދައްކާނެ ވާހަކައެއް ނެތުނީމަ، ދޮގު ހެދުމުގެ ބަދަލުގައި ފިތުނަ ފެތުރުމުގެ ބޭނުމުގައި ކުރަމުންދާ ކަންކަން އެއީ،" މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުގައި މި ކަންކަމުގައި އަމަލީ ގޮތުން އުޅުއްވައި، ހަގީގަތް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުން، މިހާރު ނުކުންނަވައި ކަނޑައެޅިގެން އިތުރުފުޅު ހައްދަވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ޝާހިދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގުތަކުގެ "މަޅީގައި" ޖެހުމަށް ވުރެ ދިވެހި ރައްޔިތުންގެ "ވިސްނުން މާ ތޫނުވާނެ" އެވެ.