Roadha Mihaaru
އިންޑިއާ ސިފައިންގެ މައްސަލާގައި ޝާހިދުގެ ރައްދު!

އިންޑިއާ އާ ގުޅުވައި ކުރާ ތުހުމަތުތަކަށް ޝާހިދުގެ ރައްދުތަކެއް!

23 ސެޕްޓެމްބަރ 2023

ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމާއި އެ ގައުމާއެކު ބާއްވާ ގުޅުމުގެ ސަބަބުން މިނިވަން ކަމަށް އަސަރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ރައްދު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމާއި އެ ގައުމާއެކު ބާއްވާ ގުޅުމުގެ ސަބަބުން މިނިވަން ކަމަށް އަސަރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ރައްދު ދެއްވައިފި އެވެ.

އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ ހަމައެކަނި ކަމަކީ "ފިތުނަ ދޮލަނގަށް ލައިގެން" ދިވެހިންނަށް ފިތުނަ ވިއްކުން ކަމަށާއި އޭގެ އެންމެ ކުރީގައި އޮތީ އިންޑިއާ އާ ގުޅުވައި ދައްކަވާ ވާހަކަތައް ކަމަށެވެ.

"މި ވާހަކަ ހިންގަވާ މިރޭ ރަނގަޅަށް ދައްކާލަން،" ވާހަކަ ފައްޓަވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރާ އިންޑިއާގެ ހެލިކޮޕްޓަރެއް ފުރަތަމަ ރާއްޖެ ގެނައި 2011 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނެސްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދެ ހެލިކޮޕްޓަރު ގެނައުމާ މި ސަރުކާރާ ގުޅުމެއް ނެތް. އަޅާފައި އޮތް ސޮއިއެއް އެޅީ ކުރީގެ ސަރުކާރުތަކުން." ޝާހިދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުތަކުން ހެލިކޮޕްޓަރު ގެނަޔަސް އެއީ ރައްޔިތުންނަށް އެތައް ގޮތަކުން އެހީ ލިބުނު މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ކުރީ ސަރުކާރުތަކުން ވެސް އެ ހެލިކޮޕްޓަރުގެ ކަންކަން ހިންގަމުން ގެންދިޔައީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ މިނިވަންކަމަށް ގެއްލުން ނުވާ ގޮތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ހެލިކޮޕްޓަރާއި ގުޅުވައި ފިތުނަތައް އުފައްދަން ފެށީ މި ސަރުކާރު އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ އަށް އިދިކޮޅުން އުފެއްދި ފިތުނައަކީ އައްޑޫ ޕޮލިސް އެކެޑެމީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އައްޑޫގައި ފުލުހުން ތަމްރީން ކުރާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ކަމަށާއި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޔާމީންގެ ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާފުކޮށް ބުނަމުން ގެންދިޔައިން ތިޔަ ވަރަށް ދޮގު ނުހައްދަވާށޭ. ރާއްޖޭގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދެއްކި ވާހަކައެއް އެއީ ވެސް،" އޭނާ ވިދާޅުވި އެވެ.

މިއަދު އެތަނުގައި ހުރީ ފުލުހުން ތަމްރީން ކުރާ ބިނާއެއް ކަމަށާއި އިންޑިއާ ސިފައިން ނުޅޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއާއެކު އިދިކޮޅުން ހަދަމުން އައި ދޮގުތައް ސާފުކޮށް ފެނިއްޖެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅަކީ ވެސް އިދިކޮޅުން އެފަދަ ތުހުމަތުތަކެއް ކުރާ ތަނެއް ކަމަށެވެ.

އެތަނުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރެއް ހެދުމުގެ މަސައްކަތްތައް ފެއްޓެވީ 2016 ވަނަ އަހަރު ޔާމީންގެ ވެރިކަމުގައި ކަމަށާއި އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަޝްރޫއު ހިންގަން ޑިފެންސް އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭރު ޕްލޭން އޮތް ގޮތުން އުތުރު ތިލަފަޅުގައި އެއާޕޯޓެއް ވެސް އަޅާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރެއްވި އަދި މިހާރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެގޮތަށް ޢެކަން ހިނގާފައި އޮތީމަ އިތުރަށް އެއްބަސްވުން ދިރާސާކޮށްފައި އުނިކޮށްފައި އެތަނަކީ ރާއްޖޭގެ ފުރިހަމަ ބާރު ހިނގާ ކަމެއް ގޮތުގައި މިހާރު އެ ހިނގަމުން އެދަނީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތައް ގަބޫލު ކުރަން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކޮށްލީ ކޮން ސަރުކާރަކުން ކަމަށް ޝާހިދު ވިދާޅުވި އެވެ.