Roadha Mihaaru
ފުޓްބޯޅައިގައި ރާއްޖެއަށްވުރެ ބަންގްލަދޭޝް އޮތީ ކުރީގައި

ފަސް އަަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ މާވަރުގަދަ، މިހާރު ބަންގްލަދޭޝް އޮތީ ކުރީގައި: އޮސްކާ

18 ސެޕްޓެމްބަރ 2023

ފަސް އަހަރު ކުރިން ބަންގްލަދޭޝަށް ވުރެ ރާއްޖޭގެ ފުޓްބޯޅަ މާ ވަރުގަދަ ކަމަށާއި ނަމަވެސް މިހާރު ބަންގްލަދޭޝްގެ ފުޓްބޯޅަ އޮތީ މާ ކުރީގައި ކަމަށް އެ ގައުމުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރްޒޯން ބަރޭރަސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފަސް އަހަރު ކުރިން ބަންގްލަދޭޝަށް ވުރެ ރާއްޖޭގެ ފުޓްބޯޅަ މާ ވަރުގަދަ ކަމަށާއި ނަމަވެސް މިހާރު ބަންގްލަދޭޝްގެ ފުޓްބޯޅަ އޮތީ މާ ކުރީގައި ކަމަށް އެ ގައުމުގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރްޒޯން ބަރޭރަސް ބުނެފި އެވެ.

ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދީ އޭރު ރާއްޖޭގައި ކުޅުނު ހުރިހާ މުބާރާތެއް އެ ކްލަބަށް ކާމިޔާބު ކޮށްދިން އޮސްކާ، ބަޝުންދަރާ ގޮވައިގެން އޭއެފްސީ ކަޕްގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ދެ ގައުމުގެ ފުޓްބޯޅައިގައި ކާމިޔާބު ހޯދައި ތަޖުރިބާކޮށްފައި ވުމުން ރާއްޖޭގެ ނޫސްވެރިން މިއަދު އޮސްކާގެ ކިބައިން އެދުނީ ރާއްޖެ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ވަޒަންކުރުމަށެވެ.

އޭނާ ބުނީ ގައުމީ ޓީމުގެ ފަންތީގައި ދެ ގައުމު މިހާރު ހަމަހަމަ ކަމަށެވެ. އެކަމަކު ކްލަބް ފުޓްބޯޅައިގައި މިހާރު ރާއްޖެ އަށް ވުރެ ބަންގްލަދޭޝްގެ ފުޓްބޯޅަ ވަރުގަދަ ކަމަށް މާދަމާގެ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރީ މެޗު ޕްރެސްގައި އޭނާ ބުންޏެވެ.

އޮސްކާ: އޭޏާ ބުނީ ޑޮމެސްޓިކް ފުޓްބޯޅައިގައި ބަންގްލަދޭޝްގެ ލީގު މާ ވަރުގަދަ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮސްކާ: އޭޏާ ބުނީ ޑޮމެސްޓިކް ފުޓްބޯޅައިގައި ބަންގްލަދޭޝްގެ ލީގު މާ ވަރުގަދަ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަހަންނަށް ބުނެވިދާނެ ފަސް އަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތީ ބަންގްލަދޭޝް އަށް ވުރެ ކުރީގައޭ. އެކަމަކު އަހަންނަށް މިހާރު ބުނެވޭނެ މިދިޔަ ފަސް އަހަރުތެރޭ ބަންގްލަދޭޝްގެ ފުޓްބޯޅަ ވަރަށް ބޮޑުތަނުން ކުރިއެރުން ހޯދައިފި. ހަމަ ޔަގީނުން ވެސް ބަޝުންދަރާ ކިންގްސް ކުރި މަސައްކަތުގެ ހިއްސާ ވެސް އެކަމުގައި ވާނެ،" އޮސްކާ ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން އޮސްކާ ވެސް ފާހަގަ ކުރި އެވެ.

އޭނާ ބުނީ ދެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރާ މެދު އަޅާ ކިޔަން އުނދަގޫ ކަމަށެވެ. ގައުމީ ޓީމުގެ ފަންތީގައި އަޅާ ކިޔައިފިނަމަ ދެ ޓީމު ވެސް އޮތީ ހަމަހަމަކޮށް ކަމަށް، 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު އަތުން ބަލިވި އިރު ބަންގްލަދޭޝްގެ ޓީމަށް ކޯޗުކޮށް ހުރި އޮސްކާ ބުންޏެވެ.

"ދެ ގައުމުގެ ކުޅުންތެރިންގެ ފެންވަރު އަޅާ ކިޔަން މީގެ ތިން ހަފުތާ ފަހުން ދެ ގައުމަށް ވެސް އެބައޮތް ވަރަށް މުހިންމު މެޗެއް. އެ މެޗުން އެނގޭނެ ކުޅުންތެރިންގެ ފެންވަރުގައި ކުރީގައި އޮތީ ކޮން ޓީމެއްކަން،" ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖަށް ވަނުމަށް ރާއްޖެ އާއި ބަންގްލަދޭޝް އަންނަ މަހު ކުޅޭ ޕްލޭ އޮފް މެޗަށް އިޝާރާތްކޮށް އޮސްކާ ބުންޏެވެ.

އޮސްކާ: ބުނީ ރާއްޖޭގެ ފުޓްބޯޅަ ފަސް އަހަރު ކުރިން އޮތީ ބަންފްލަދޭޝް އަށް ވުރެ ކުރީގައި ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮސްކާ: ބުނީ ރާއްޖޭގެ ފުޓްބޯޅަ ފަސް އަހަރު ކުރިން އޮތީ ބަންފްލަދޭޝް އަށް ވުރެ ކުރީގައި ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ކްލަބް ފުޓްބޯޅައިގައި ރާއްޖެ އަށް ވުރެ ބަންގްލަދޭޝްގެ ފުޓްބޯޅަ އޮތީ މާ ކުރީގައިކަން ސާފުކޮށް އެނގޭ ކަމަށް އޮސްކާ ބުންޏެވެ.

"... ފުޓްބޯޅައިގެ ކުރިއެރުމާ ތަރައްގީ އަށް ބަލާއިރު އަހަރެމެން އަތުގައި އެބައޮތް ރަނގަޅު އިންވެސްޓްމެންޓެއް. އަދި އިންޓަނޭޝަނަލް އަދި ލޯކަލް މުބާރާތްތަކުގައި އަހަރެމެންގެ ނަތީޖާތައް މާ ރަނގަޅު. ހަމަޔަގީނުން ވެސް ލޯކަލް ލީގުގައި މާޒިޔާއާ އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ވުރެ، ބަންގްލަދޭޝްގައި އަހަރެމެންނާ ދެކޮޅަށް ނުކުންނަ ޓީމުތައް މާ ވާދަވެރިވާނެ،،" އޮސްކާ ބުންޏެވެ.

މާޒިޔާ އާއި އަޅާބަލާއިރު ބަޝުންދަރާ ކިންގްސްގެ ގޭމް ޒަމާނީ ފުޓްބޯޅައިގެ ސްޓައިލާ ރައްޓެހިވާނެ ކަމަށް އޭނާ ބުންޏެވެ. އޭއެފްސީ ކަޕުގައި މާޒިޔާގެ ތަޖުރިބާ މާ ބޮޑު ކަމަށާއި ނަމަވެސް އެ މުބާރާތުގެ ނަތީޖާތަކަށް ބަލައިރު ބަޝުންދަރާ ކިންގްސް އޮތީ މާޒިޔާ އަށް ވުރެ ކުރީގައި ކަމަށް އޮސްކާ ބުންޏެވެ.