Roadha Mihaaru
ވޭމަންޑޫ-ކިނބިދޫ ގުޅުވައި ބިން ހިއްކާނަން: މުއިއްޒު

ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ އަޅައި، ދެ ރަށުގެ ބިން ހިއްކާނަން: މުއިއްޒު

03 ސެޕްޓެމްބަރ 2023

ތ. ވޭމަންޑު އާއި ކައިރީގައި އޮތް ކިނބިދޫ ގުޅުވާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި، އެ ދެ ރަށުގެ ބިން ހިއްކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ ތ. ވޭމަންޑުން އައިޝަތު ނުޒުހާ

ތ. ވޭމަންޑު އާއި ކައިރީގައި އޮތް ކިނބިދޫ ގުޅުވާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި، އެ ދެ ރަށުގެ ބިން ހިއްކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގައި މުއިއްޒު ވިދާޅުވީ މި ދެ ރަށް ގުޅުވާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށެވެ. އަދި، އެއީ އޭނާގެ ވެސް ސިޔާސަތު ކަމަށާއި އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމަށް އެ ދެ ރަށުގެ ގިނަ ބަޔަކު އެދޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ނިންމުމަށް ފަހު ދެ ރަށް ބިން ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއު ވާނީ ހަރަދަކަށް ވުރެ ބޮޑަށް އިންވެސްޓްމެންޓަކަށް ކަމަށެވެ.

"[ބިން ހިއްކައިގެން ލިބެނީ] އެކި ކަހަލަ މަންފާތައް ހޯދަން ލިބޭ ޖާގަ. އިގްތިސާދީ މަސައްކަތްތައް ކުރިއަށްގެންދަން. ގެދޮރުވެރިކަމަށް ބޭނުންވާ، ގޯއްޗާއި ހައުސިން މަޝްރޫއުތައް ހިންގަން ލިބޭ ޖާގަ [އެއީ]،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ވާރޭ ވެހި ފެންބޮޑުވެފައިވާ ވޭމަންޑޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. އަދި، އެ ރަށަށް ރަނގަޅު ފެންވަރުގެ ބަނދަރެއް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވޭމަންޑު އާއި އެއަތޮޅު ކިނބިދޫ ގުޅައިލާ ކޯޒްވޭ އެޅުމަށް އެ ދެރަށް ދެމެދުގައި އޮތް ފަޅުރަށް، އެލާ ވަނީ ސަރުކާރަށް ނަގައިފަ އެވެ.