Roadha Mihaaru
ޔޫރަޕްގެ ވަރުގަދަ ބްރޭންޑެއްގެ ބޭސް ރާއްޖެ އެތެރެކުރަނީ

ޔޫރަޕްގެ ވަރުގަދަ ބްރޭންޑެއްގެ ބޭސް އެސްޓީއޯ އިން އެތެރެކުރަން ފަށައިފި

03 ސެޕްޓެމްބަރ 2023

ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ބްރޭންޑް ޔޫރަޕްގެ "އެސްޓްރާޒެނިކާ"ގެ ބޭސް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ބްރޭންޑް ޔޫރަޕްގެ "އެސްޓްރާޒެނިކާ"ގެ ބޭސް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އެސްޓްރާޒެނިކާ އަކީ، އިނގިރޭސިވިލާތާއި ސްވިޑްންގެ ކުންފުންޏެވެ. މި ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދާ އުފައްދާ ކުންފުންޏެވެ. ކޮވިޑްގައި އެސްޓްރާޒެނިކާ ވެކްސިން ވެސް އުފެއްދީ އެ ކުންފުންޏެވެ.

އެސްޓްރާޒެނިކާގެ ބޭސް އެސްޓީއޯއިން ގެންނަނީ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގަ އެވެ.

"އެސްޓްރާޒެނިކާ" ތައާރަފްކުރުމަށް ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި ވަރަށް ގަދައަށް އިވި އާއްމުންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއް ކަމަށެވެ. އަދި އެސްޓީއޯއިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ބޭހާއި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާ އެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެ އަށް ބޭސް އެތެރެކުރަމުންކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯއިން އެސްޓްރަޒެނީކާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިން ކަވަރު ކުރާ ގޮތަށް ވެސް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އޭގެ ތެރޭގައި ކެންސަރު، ގޭސްޓްރިކް، އަދި ހަކުރު ބަލި ފަދަ ބަލިތަކަށް ހާއްސަ ބޭސް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ބޭސް ގެނައުމަކީ ހަރަދު ކުޑަކޮށް ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަން ޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިދޭ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭހާއި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ރާއްޖެ އަށް އެ ތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މި ފަދަ ބޮޑު ބްރޭންޑެއްގެ ބޭސް ރާއްޖެ އަށް ލިބުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.