Roadha Mihaaru
މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފި

މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފި

27 ޖުލައި 2023

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިޖުތިމާއީ މަސައްކަތްތައް ކުރައްވަން މީގެ 13 އަހަރު ކުރިން އުފެއްދި މައުމޫން ފައުންޑޭޝަން އުވާލަން ޔޫތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިޖުތިމާއީ މަސައްކަތްތައް ކުރައްވަން މީގެ 13 އަހަރު ކުރިން އުފެއްދި މައުމޫން ފައުންޑޭޝަން އުވާލަން ޔޫތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު 2010 ގައި އުފެއްދި އެ ޖަމިއްޔާގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މައުމޫން ފައުންޑޭޝަން އުފެއްދީއްސުރެ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ވަނީ މިހާތަނަށް ފަހިކޮށްދީފަ އެވެ. އެ ފައުންޑޭޝަނުން ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާއި ދިނީ ދަރުސްތައް ވެސް ދެ އެވެ. ނަމަވެސް ކޮވިޑަށް ފަހު އެ ޖަމިއްޔާގެ ކަންކަން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ޔޫތް މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި މައުމޫން ފައުންޑޭޝަންގެ އިތުރުން 1989 ޖަމިއްޔާއެއް އުވާލުމަށް ނިންމި އެވެ. ޖަމިއްޔާތައް އުވާލަން ނިންމިޔަސް ލިޔެކިޔުންތައް ފުރިހަމަކޮށް، އުވާލުން ހުއްޓުވުމަށް އެދުމަށް އިތުރު ފުރުސަތެއް ދިނެވެ.

ޖަމިއްޔާތައް އުވާލަން ނިންމާފައި ވަނީ:

- ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނެތުން.

- ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުން.

މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފުރުސަތު ދޭން ނިންމީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުން ނިސްބަތްވާ ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރާތީ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.