Roadha Mihaaru

ޔޫއޭއީގެ ޓައެކްވޮންޑޯ މުބާރާތަކުން ރާއްޖޭގެ ޔޫނުސް ރަން މެޑަލް ހޯދައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި ޓައެކްވޮންޑޯ މުބާރާތަކުން ރާއްޖޭގެ ޔޫނުސް ބިން މުހައްމަދު ގުރައިޝީ ރަން މެޑަލް ހޯދައިފި އެވެ.

ޔޫއޭއީ ޓައެކްވޮންޑޯ މުބާރާތުން ޔޫނުސްއަށް ރަނެއް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

24 ޖުލައި 2023

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި ޓައެކްވޮންޑޯ މުބާރާތަކުން ރާއްޖޭގެ ޔޫނުސް ބިން މުހައްމަދު ގުރައިޝީ ރަން މެޑަލް ހޯދައިފި އެވެ.

އުމުރުން 11 އަހަރުގެ ޔޫނުސް ރަން މެޑަލް ހޯދީ ޔޫއޭއީގެ އޮރިކްސް ޓައެކްވޮންޑޯ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ ކްލަބްގައި ތަމްރީނު ހަދާ ކުދިންގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންޓްރާ ކްލަބް ކިރުގީ ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ.

މި މުބާރާތުގައި ރާއްޖެ އާއި ޔޫއޭއީގެ އިތުރުން ޔަމަނާއި ފިލިޕީންސްގެ އެތުލީޓުން ވެސް ވާދަ ކުރި އެވެ.

ޔޫނުސް އާއި މުބާރާތުން މެޑަލް ހާސިލު ކުރި ބައެއް ކުދިން ފޮޓޯ އަކަށް ހުއްޓިލައިގެން

ޔޫނުސް އާއި މުބާރާތުން މެޑަލް ހާސިލު ކުރި ބައެއް ކުދިން ފޮޓޯ އަކަށް ހުއްޓިލައިގެން

"ބޭރުގެ މުބާރާތަކުން އެއްވަނަ ލިބުނީމަ ވަރަށް ބޮޑު ހިއްވަރެއް ލިބިއްޖެ. ޓާގެޓަކީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށް މެޑަލް އެއް ހޯދުން،" ކިރުގީ މުބާރާތުން ރަން މެޑަލް ހޯދުމަށް ފަހު ޔޫނުސް "މިހާރު" އަށް ބުންޏެވެ.

"އަޅުގަނޑުގެ ހުރިހާ ކޯޗުންނާއި ޓައެކްވޮންޑޯގައި އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ކޯޗު ކިނާން އަށް ޝުކުރު އަދާކުރަން ބޭނުން. އަދި މަންމަ އާއި ބައްޕަ އަށް ވެސް. މިކަމުގައި އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަކީ ކޮއްކޮ [ހޫދު]."

ރާއްޖޭގެ ދެ އެތުލީޓުން މި މުބާރާތުގައި ވާދަ ކުރި އެވެ. އެއީ ޔޫނުސްގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އުމުރުން އަށް އަހަރުގެ ހޫދު ބިން މުހައްމަދު ގުރައިޝީ އެވެ. ހޫދު، މުބާރާތުގެ ދެވަނަ ބުރަކަށް ނުހޮވެ އެވެ.

ހޫދު އާއި ޔޫނުސް

ހޫދު އާއި ޔޫނުސް

މި ދެ އެތުލީޓުން ވެސް އަންނަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާއްޖޭގެ ޝާކްސް މާޝަލް އާޓްސް އެކަޑަމީގައި، މޮރޮކޯގެ ކޯޗު ކިނާން އަދުނާންގެ އިރުޝާދުގެ ދަށުން ތަމްރީނު ހަދަމުންނެވެ. ޔޫނުސް އާއި ހޫދު ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު އެރަބް އެމިރޭޓްސްގެ ރައިޒް ސެންޓަރުގައި ވެސް ތަމްރީނު ހޯދައިފަ އެވެ.

ދެ އެތުލީޓުން ވެސް މުބާރާތަށް ދިޔައީ ޓައެކްވޮންޑޯ "ބްލޫ ސްޓްރައިޕް ބެލްޓް" ހާސިލް ކޮށްގެންނެވެ. ޔޫނުސް ރަން މެޑަލް ހޯދީ މުބާރާތުގެ ފައިނަލްގައި، "ރެޑް ބެލްޓް" ހާސިލް ކޮށްފައިވާ ފިލިޕީންސްގެ އެތުލީޓެއް ބަލިކޮށްފަ އެވެ.

ޔޫނުސްގެ ޓައެކްވޮންޑޯ ކޯޗު ކިނާން ބުނީ، ޔޫނުސް އަކީ އެ ކުޅިވަރަށް ވަރަށް ރަނގަޅަށް ޝައުގުވެރިކަން އޮވެގެން ކުރިއަށް ދާން މަސައްކަތް ކުރާ އެތުލީޓެއް ކަމަށެވެ.

ހޫދު (ކ) އާއި ކޯޗު ކިނާން އަދި ޔޫނުސް (ވ)

ހޫދު (ކ) އާއި ކޯޗު ކިނާން އަދި ޔޫނުސް (ވ)

"އޭނާގެ ޓާގެޓަށް ވާސިލް ވުމުގެ ހިތްވަރު ޔޫނުސްގެ ކިބައިގައި އެބަ ހުރި،" ކިނާން ބުންޏެވެ.

"އަހަރެމެން ޓީމުގެ އެންމެ މޮޅު އެއް ކުއްޖަކީ ޔޫނުސް. އޭނާ އަކީ ވަރަށް ތަފާތު ވެސް ކުއްޖެއް، ވަރަށް ޖެހިލުން ކުޑަ އަދި މި ކަމަށް ވަރަށް ބޮޑު ޝައުގުވެރިވާ ކުއްޖެއް. އޭނާއަކީ އެހެން ކުދިންނަށް ނަމޫނާ އެތުލީޓެއް. އިރާދަ ކުރެއްވިއްޔާ އޭނާގެ އަމާޒަށް ވާސިލް ވެވޭނެ."

މުބާރާތަށް ފުރުމުގެ ކުރިން ޔޫނުސް އާއި ހޫދު ވެސް ވަނީ ރާއްޖޭގައި ރެޑް ބެލްޓް ހާސިލް ކުރަން ޓެސްޓް ހަދައިފަ އެވެ. އަދި މިއަދު ދެ އެތުލީޓުންނަކީ ވެސް ރެޑް ބެލްޓް ހާސިލް ކޮށްފައިވާ ދެ އެތުލީޓުންނެވެ. ޓައެކްވޮންޑޯ އެންމެ މަތީ ލެވެލް، ބްލެކް ބެލްޓާ ދެމެދު އޮތީ ރެޑް ސްޓްރައިޕް ބެލްޓެވެ.

ޔޫނުސް (ވ) އާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރި އެތުލީޓާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން

ޔޫނުސް (ވ) އާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރި އެތުލީޓާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން

ޔޫނުސް ވަނީ ރާއްޖޭގައި ވެސް ޓައެކްވޮންޑޯ މުބާރާތްތަކުގައި ކާމިޔާބު ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ޣާޒީ ސްކޫލުގައި ބޭއްވި ސްޕޭރިން ކެޑޭޓް ޓީމް ސްކޫލާސް ފެސްޓިވަލް ޓައެކްވޮންޑޯ މުބާރާތާއި މި އަހަރު ގައުމީ މާޝަލް އާޓްސް ސެންޓަރުގައި ބޭއްވި ހޮލިޑޭ ޗެމްޕިއަންޝިޕާއި ޕޫމްސޭ އޮންލައިން މުބާރާތުން ރަން މެޑަލް ހާސިލް ކުރި އެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އޮތް ސްޕޭރިން ކެޑޭޓް ޓީމްސް ކެޑޭޓް 1 ޓައެކްވޮންޑޯ ލީގުން ރިހި މެޑަލް ހޯދި އެވެ. އަދި މިދިޔަ އަހަރު ހިރިޔާ ސްކޫލްގައި ބޭއްވި ސްޕޭރިން ޔޫތު ކެޓެގަރީ ޓައެކްވޮންޑޯ މުބާރާތާއި ޕޫމްސޭ ކަބްސް ކެޓެގަރީ އިންޓަމީޑިއޭޓް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފައި ވެއެވެ.

ޔޫނުސް، ޓައެކްވޮންޑޯ ޕޫމްސޭގެ ޕޯސްއެއްގައި

ޔޫނުސް، ޓައެކްވޮންޑޯ ޕޫމްސޭގެ ޕޯސްއެއްގައި

ހޫދުގެ ކާމިޔާބީތަކަށް ބަލައިލާއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ސްޕޭރިން ކެޑޭޓް ޓީމްސް ސްކޫލާސް ފެސްޓިވަލް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕާއި މިއަހަރުގެ ހޮލިޑޭ ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ސްޕޭރިން ކަބްސް ޓީމްސް ކަބްސް 4 ޓައެކްވޮންޑޯ ލީގާއި ސްޕޭރިން ކަބްސް ކެޓެގަރީ ހެވީ މޯލްޑިވްސް ޓައެކްވޮންޑޯ މުބާރާތް އަދި ޕޫމްސޭ ޔޫތު ކެޓެގަރީ އިންޓަމީޑިއޭޓް މުބާރާތާއި މިއަހަރު އޮތް ޕޫމްސޭ އޮންލައިން މުބާރާތުން ބްރޯންޒް މެޑަލް ވެސް ހޫދު ވަނީ ހޯދައިފަ އެވެ.