Roadha Mihaaru
ރަނިންމޭޓް ކަމަށް ޝައުގެއް ނެތް: ފައްޔާޒު

ރަނިންމޭޓް ކަމަށް ޝައުގެއް ނެތް: ފައްޔާޒު

18 ޖުލައި 2023

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ނުކުންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ރަނިންމޭޓްކަމަށް އޭނާ ވާދަކުރައްވާ ކަމުގެ ވާހަކަ ފަތުރަނީ ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސްގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިިކޮށް އުޅުއްވާ މޫސާ މަނިކު (ރީކޯ) އެވެ.

"އެއީ ވަރަށް ދެރަ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް، އެ ތުހުމަތު ފައްޔާޒު، މޫސާ މަނިކަށް އަމާޒުކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ސާފެއް ނުވެ އެެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައަޅުއްވާފައި ނުވާއިރު، އިއްޔެ އެ މަނިކުފާނު ވިދާޅުވީ އެއީ "އުނދަގޫ" ނިންމުމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑު ސިކުނޑީގައި މިވަގުތު އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރިޔާސީ ކެމްޕެއިނަށް ވ. ފުލިދު އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."

މި ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ފަށާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމާ އެކު ނުކުންނަވައިގެންނެވެ. އެކަމަކު، މި އިންތިހާބުގައި ރައީސާ އެކު، ކޯލިޝަން ނުހަދައި، ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފަ އެވެ.