Roadha Mihaaru
ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން ނަގައިފި

ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން ނަގައިފި

17 ޖުލައި 2023

ނަގައިފި މެންޗެސްޓާ (ޖުލައި 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް، ޑިފެންޑަރު ހެރީ މެގުއާ އަތުން ނަގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަގައިފި މެންޗެސްޓާ (ޖުލައި 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް، ޑިފެންޑަރު ހެރީ މެގުއާ އަތުން ނަގައިފި އެވެ.

އޭނާ އަތުން ކެޕްޓަން ބޭންޑް ނެގީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް އެވެ. މެގުއާގެ ކުޅުމާ މެދު ޓެން ހަގް އެންމެ ހިތްހަމައެއް ނުޖެހެ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި މެގުއާ އަށް ފުރުސަތު ދިނީ 16 މެޗުންނެވެ. އޭގެ ތެރެއިން ފުރަތަމަ 11 ގައި އޭނާ ހިމެނީ އެންމެ އަށް މެޗުގަ އެވެ.

ސޯޝަލް މީޑިއާގައި މެގުއާ އާންމު ކުރި ޕޯސްޓްގައި ބުނެފައި ވަނީ ޓެންހަގް އާ ކުރި މަޝްވަރާތަކުގައި، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އޭނާ އަތުން ނަގަން ނިންމިކަން ހާމަކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ ކެޕްޓަން ބޭންޑް ނެގުމުން މާޔޫސްވާ ކަމަށެވެ. ނަމަވެސް ކްލަބަށް އޭނާގެ އެންމެ މަތީ ދަރަޖައިގައި ހިދުމަތް ކުރަން މަސައްކަތް ކުރާނެ ކަމަށް މެގުއާ ބުނެފައި ވެއެވެ.

"ކްލަބް ފުޓްބޯޅައިގައި އަހަންނަނަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުން. މި ކްލަބްގެ ކެޕްޓަނަކަށް އަހަރެން ހަމަޖެއްސި އޮލޭ ގުނާ ސޯލްޝެއާ އަށް އަހަރެން ބޭނުން ޝުކުރު އަދާކުރަން،" މެގުއާ ލިޔެފައި ވެއެވެ.

ކުރިއަށް އޮތް ސީޒަންގައި ޔުނައިޓެޑްގެ ކެޕްޓަނަކަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ މިޑްފީލްޑާ ބްރުނޯ ފެނާންޑޭޒް އެވެ. މިދިޔަ ސީޒަންގައި ވެސް މެގު ނުކުޅޭ ގިނަ މެޗުތަކުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ ބްރުނޯ އެވެ.

އެކަމަކު އަދި މިހާތަނަށް ރަސްމީ ކެޕްޓަން ކަނޑައަޅައިފައި ނުވާތީ، އިނގިރޭސި މީޑިއާތަކުން ދަނީ ކެޕްޓަން ބޭންޑް ދީފާނެ ކަމަށް ލަފާ ކުރެވޭ އެހެން ކުޅުންތެރިންގެ ނަންނަތަކެއް ވެސް މީޑިއާގައި ދައުރު ކުރުވަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނާންޑޭޒްގެ އިތުރުން ރަފޭލް ވަރާން އާއި ކާލޯސް ކަސެމީރޯ އެވެ.