Roadha Mihaaru
"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްފި

12 ޖުލައި 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އިލެކްޝަން ކޮމިޝަނުން ރަޖިސްޓްރީކޮށްދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އިލެކްޝަން ކޮމިޝަނުން ރަޖިސްޓްރީކޮށްދީފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާންޖެހޭ އިޖްރާއާތު ފުރިހަމަކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުންނެވެ.

ޕާޓީ އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ ޖަލްސާ ބާއްވައި އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ހަބީބު ކުރެއްވި ޓްވީޓް --

އަލަށް އުފެއްދި ޕާޓީގެ ކުލައަކީ މަޑު ނޫ ކުލަ އެވެ. އަދި ޕާޓީގެ ލޯގޯގެ ގޮތުގައި ބޭނުން ކުރަނީ "އެސްޓްރިކް" އެކެވެ. އޭގެން ރަމުޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން، ޕާޓީ ހިންގާނެ ފަރާތްތައް ވެސް ފާސްކޮށްފައިވާއިރު، ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަނަކަށް އިންތިހާބުކޮށްފައިވަނީ ހަސަން ލަތީފެވެ. އަދި ތިން ޗެއާޕާސަންގެ ނައިބުންގެ ތެރޭގައި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްފައިވާއިރު އެ ޕާޓީއަށް މާދަމާ ނަޝީދު ސޮއިކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ވެސް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެ ފަޅިވެގެން އުފެދުނު ބޮޑު ފަޅި އެވެ. އެގޮތުން އާ ޕާޓީއަކީ އެމްޑީޕީގެ 80 ޕަސެންޓް ކަމުގައި ވިދާޅުވި އެވެ. މިހާތަނަށް އެ ޕާޓީން ވަނީ އިލެކްޝަން ކޮމިޝަނަށް 3،000 މެންބަރުންގެ ފޯމް ހުށަހަޅާފަ އެވެ.

ނަޝީދު އިސްކޮށް ހުންނަވައި އުފައްދާ އާ ޕާޓީއަށް އެމަނިކުފާނުގެ ގާތް ހުރިހާ ބޭފުޅުން ވެސް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ އިމްތިޔާޒު ފަހުމީ އަދި ހަސަން ލަތީފް ހިމެނެ އެވެ. އެ ޕާޓީން އަންނަނީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީ އެވެ.