Roadha Mihaaru

13 އަހަރަށް ފަހު ޑި މާރިއާ އެނބުރި ބެންފީކާ އަށް

ކުރިން ޕޯޗުގަލްގެ ބެންފީކާގައި ވިދާލި އާޖެންޓީނާގެ އެންހެލް ޑި މާރިއާ އެނބުރި އެ ކްލަބަށް ބަދަލުވެއްޖެ އެވެ.

13 އަހަރަށް ފަހު ޑި މާރިއާ އެނބުރި ބެންފީކާ އަށް
އަލީ ޝަހީމް
އަލީ ޝަހީމް

07 ޖުލައި 2023

ކުރިން ޕޯޗުގަލްގެ ބެންފީކާގައި ވިދާލި އާޖެންޓީނާގެ އެންހެލް ޑި މާރިއާ އެނބުރި އެ ކްލަބަށް ބަދަލުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ޓީމުގައި ޑި މާރިއާ މޮޅު ކުޅުމެއް ދެއްކި އެވެ. އުމުރުން 35 އަހަރުގައި އެނބުރި ކުރީގެ ކްލަބަށް ބަދަލުވުމުން އޭނާ އަށް އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ޑި މާރިއާ ވަނީ ވަނީ ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީ އަށް ކުޅެފަ އެވެ. ބެންފީކާ އަށް ބަދަލުވީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުމަށް ފަހު އެވެ.

ކެރިއަރުގެ ފަހުކޮޅު ކްލަބް ބަދަލުކުރި ޑި މާރިއާ އަކީ ކާމިޔާބީ ގިނަ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގެ އިތުރުން އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ ޑި މާރިއާ ކާމިޔާބު ކުރި އެވެ. އަދި، ރެއާލް މެޑްރިޑާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޕީއެސްޖީގައި ހޭދަކުރި ހަތް ސީޒަނުގައި ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދި އެވެ.

އާސެނަލަށް ކުޅުނު ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރަނިޓް ޒަކާ ވަނީ ބެޔާން ލެވަކޫސެންއާ ގުޅިފަ އެވެ. ކުރިން ބްރޫޝިއާ ގްލެޖްބާކް އަށް ކުޅުނު ޒަކާ އަލުން ޖަރުމަން ލީގަށް ބަދަލުވީ ހަތް އަހަރު އިނގިރޭސި ލީގުގައި ކުޅުމަށް ފަހު އެވެ.

އާސެނަލް ދޫކޮށް ލެވަކޫސެން އަށް ބަދަލުވި ޒަކާ

އާސެނަލް ދޫކޮށް ލެވަކޫސެން އަށް ބަދަލުވި ޒަކާ

އާސެނަލުން ޒަކާ، 30، ލެވަކޫސެން އަށް ވިއްކާލީ 27 މިލިއަން ޑޮލަރަށެވެ. ޖަރުމަނު ލީގުގެ ކްލަބާ އެކު ޒަކާ ހެދީ ފަސް އަހަރުގެ އެއްބަސްވުމެކެވެ.

އާސެނަލްއާ 2016 ވަނަ އަހަރު ގުޅުމަށް ފަހު ޒަކާ ވަނީ އެޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އެކަމަކު މިދިޔަ ސީޒަނަށް ފަހު ޒަކާ ކްލަބް ދޫކޮށްލާނެކަން ޔަގީންވުމުން އާސެނަލުން ވަނީ މިޑްފީލްޑް ވަރުގަދަކުރަން ޑެކްލަން ރައިސްގެ ސޮއި އިނގިރޭސި ރެކޯޑް އަގަކަށް ހޯދައިފަ އެވެ.

ޒަކާ އާސެނަލަށް ކުޅުނު 297 މެޗުގައި 23 ގޯލު ޖެހި އެވެ. އާސެނަލްއާ އެކު ޒަކާ ވަނީ އެފް އޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

ޔޫރަޕްގެ އެހެން ޓްރާންސްފާތަކަށް ބަލާއިރު ޗެލްސީ އަށް 11 އަހަރު ކުޅުނު ސްޕެއިންގެ ސެޒާ އަޒްޕިލިކުއެޓާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. އުމުރުން 33 އަހަރުގެ އަޒްޕިލިކުއެޓާ ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޗެލްސީއާ 2012 ވަނަ އަހަރު ގުޅުނު ޑިފެންޑަރު ވަނީ އެ ޓީމަށް 508 މެޗު ކުޅެ 17 ގޯލު ޖަހައިފަ އެވެ. އަދި 2019 އިން ފެށިގެން އެޓީމުގެ ކެޕްޓަންކަން ކުރަމުން އައީ އޭނާ އެވެ.

އިންޓަ މިލާނަށް ކުޅުނު ސްލޮވާކިއާގެ ޑިފެންޑަރު މިލާން ސްކްރީނިއާ ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ސްކްރީނިއާގެ އިތުރުން އެ ކްލަބާ ކުރިން ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ ވެސް ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި އިއްޔެ ވަނީ ދައްކާލައިފަ އެވެ. އެ ދެކުޅުންތެރިން ވެސް ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.