Roadha Mihaaru
ޑެކްލަން ރައިސް ހޯދަން ސިޓީން ބޮޑު އަގެއް ހުށަހަޅައިފި

ޑެކްލަން ރައިސް ހޯދަން ސިޓީން ބޮޑު އަގެއް ހުށަހަޅައިފި

27 ޖޫން 2023

ލަންޑަން (ޖޫން 27) - ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަން މެންޗެސްޓާ ސިޓީ އިން 114 މިލިއަން ޑޮލަރު ރަސްމީކޮށް ހުށަހަޅައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (ޖޫން 27) - ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަން މެންޗެސްޓާ ސިޓީ އިން 114 މިލިއަން ޑޮލަރު ރަސްމީކޮށް ހުށަހަޅައިފި އެވެ.

ވެސްޓް ހޭމްގެ ކެޕްޓަން ރައިސް، 24، ހޯދަން ސިޓީގެ އިތުރުން މަސައްކަތް ކުރަމުން އަންނަނީ އާސެނަލް އެވެ. ސިޓީ އަށް ވުރެ ކުރިން އާސެނަލުން ރައިސް ހޯދުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު ރައިސްގެ ރޭހަށް ސިޓީ ވަނުމާ އެކު އެ ޓްރާންސްފާ ސިޓީ އިން ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އާސެނަލުން އެންމެ ފުރަތަމަ ހުށަހެޅީ 95 މިލިއަން ޑޮލަރު ހަތަރު ބަޔަށް ބަހާލައިގެން ދައްކާށެވެ. އެ އަގާ އެކު އިތުރު 19 މިލިއަން ޑޮލަރު ވެސް އާސެނަލުން ހުށަހެޅި އެވެ. އެކަމަކު ވެސްޓް ޙޭމް އިން ބޭނުންވީ އެއަށް ވުރެ ބޮޑު އަގަކާއި، ފައިސާ ދެއްކޭނެ އަވަސް ޕްލޭނެއް އޮންނާށެވެ. އެހެންވެ އާސެނަލްގެ ހުށަހެޅުމަށް މިދިޔަ ހަފްތާ އެ ކްލަބުން ވަނީ ނޫނެކޭ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީ އިން ރައިސް އަށް ހުށަހެޅި އަގުވެސް ވެސްޓް ހޭމް އަށް ނުފުދެ އެވެ. އެ ކްލަބުން ރައިސް ވިއްކާލަން ބޭނުންވާ އަގަކީ 130 މިލިއަން ޑޮލަރެވެ.

ވެސްޓް ހޭމް ޔުނައިޓެޑްގެ ޗެއާމަން ޑޭވިޑް ސުލިވާން ވިދާޅުވީ ރައިސް ވިއްކާލުމުގެ އަގަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވުނަސް އެ ކްލަބަށް ރައިސް ވިއްކާލަން މަޖުބޫރުވާނެ ކަމަށެވެ. އެހެންވެ ވެސްޓް ހޭމް އިން މިހާރު އަންނަނީ ރައިސް ވިއްކާލުމުގެ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ.

ކްލަބުގެ އެކެޑަމީ އިން ތަމްރީނުވެ ރައިސް ވެސްޓް ހޭމްގެ ސީނިއާ ޓީމުން ފުރުސަތު ހޯދީ 2016 ވަނަ އަހަރު އެވެ. އެ ކްލަބަށް 245 މެޗު ކުޅެ ރައިސް ވަނީ 15 ގޯލު ޖަހައިފަ އެވެ. އަދި، މިދިޔަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގު ރައިސްގެ ކެޕްޓަން ކަމުގައި ވެސްޓް ހޭމް އިން ހޯދި އެވެ. އިންގްލެންޑްގެ ގައުމީ ޓީމުން ވެސް ގަވައިދުން ފުރުސަތު ހޯދަމުން އަންނަ ރައިސް ވަނީ ގައުމީ ޓީމަށް 41 މެޗު ކުޅެފަ އެވެ.

ރައިސް ހޯދުމުގެ މަސައްކަތް ސިޓީ އިން ފެށިއިރު އެޓީމުގެ އިލްކާއީ ގުންޑޮގަން ވަނީ ބާސެލޯނާ އަށް ބަދަލުވެފަ އެވެ. މިޑްފީލްޑް ވަރުގަދަކުރަން ސިޓީ އިން ވަނީ ޗެލްސީގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޮ ކޮވަސިޒް ހޯދުމާ ގާތަށް ހިލައިފަ އެވެ. ސިޓީ އިން ކޮވަސިޗް ގެންދާނީ 30 މިލިއަން ޑޮލަރަށެވެ.